ދިރާގު އެޕްރެންޓިސްޝިޕަށް ހުޅުވާލައިފި

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން — ފޮޓޯ/ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމުގެ މަގްސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ތަފާތު ފަންނީ އަދި އަމަލީ ހުނަރު ދަސްކޮށްދިނުން ކަމަށެވެ.
ދިރާގުން ބުނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުންވެސް 30 ކުއްޖަކަށް ޖާގަދޭނެކަމަށެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދީ، އެ މީހުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކޮށްދިނުމަށް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކު ވެސް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ދިރާގު ހެޑް އޮފީހުގައި ވޯކް އިން އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ރީޖަނަލް އޮފީސްތަކުގައި އިންޓަވިއު ކުރިއަށްގެންދާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މާލޭގެ އިތުރުން ދިރާގުގެ އޮޕަރޭޝަންސް ސެންޓަރުތައް ހުންނަ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ. އޭގެ ތެރޭގައި، ސޭލްސް އާއި މާކެޓިން، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، އިންފޮމޭޝަން ސިސްޓަމް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަންސް ހިމެނެ އެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލް ޑިވެލޮޕްމަންޓް ވެސް ހިމެނެ އެވެ. އެގޮތުން، އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ސީވީ ތައްޔާރު ކުރުމާއި އިންޓަވިއު ސްކިލްސް ފަދަ ކަންކަން ދަސްކޮށްދެ އެވެ.

ފާއިތުވި އަހަރުތަކުގައި ޖުމްލަ 168 ކުއްޖަކު މި ޕްރޮގްރާމުގެ ދަށުން ވަނީ ތަމްރީނުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.