ފޭލި ގުރުއާން މުބާރާތުގައި 250 އަށް ވުރެގިނަ ކުދިންނާއި މީހުން ވާދަ ކުރާނެ ކަމަށް ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން ބުނެފި އެވެ.
ފޭލި ގުރުއާން މުބާރާތުގެ ކޯޑިނޭޓަރު މުހައްމަދު ރަޝީދު އީޓީ އަށް ވިދާޅުވީ އެ ޖަމިއްޔާއިން ރޯދަމަހުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ބާއްވާ ޤުރުއާންމުބާރާތުގައި މިއަހަރު 270 މީހުންނާއި ކުދިން ބައިވެރިވެފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ހުޅުވާލައިގެން ބާއްވާ މި ފަހަރުގެ މުބާރާތްވެސް ރޯދަމަހުގެ ފަހު ހަފްތާގައި ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ އެ ޖަމިއްޔާއިން ކުރަމުންނެވެ.
2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ބާއްވާ 11 ވަނަ މުބާރާތެވެ.