ބިބީ އާއި ބިބީގެ 40 ބޭފުޅުންގެ ވާހަކަ

ބިބީ ޒިޔާރަތް

އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

ބިބީ ޒިޔާރަތަކީ ދަރަވަންދޫގެ ދުވަސްވީ މީހުންނަށްވެސް އަދި މިހާތަނަށް އޭގެ ހަޤީޤަތް ހޯދިފައިނުވާ އާސާރީ ބިނާއެކެވެ. މިބިނާ ހުންނަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައެވެ. ނަމަވެސް ގިނަ މީހުންގެ ދޫދޫމަތިން ކިޔޭ ފުލޯކް ވާހަކައެއްގެ ގޮތުގައި މިވާހަކަ އައިސްފައިވާގޮތް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތަށް ލިޔެލެވޭތޯ މަސައްކަތްކޮށްލާނަމެވެ.

ބިބީންނަކީ ކޮންބައެއްކަން ތިޔައިން ބޭފުޅަކަށް އެނގެނީ ކިހާވަރަކަށް ބާވައެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ބިބީންނަކީ ކުރީޒަމާނުގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލެއްގެ އަބިނކަބަލުން (ރާނީ) އަށް ކީ ނަމެކެވެ. ނިކަން ތާސްބަޔަަށް ވިސްނާލަ ބައްލަވާށެވެ. އެންމެ ފުރަތަމަ މަންނަ އެވެ. އެއީ ރަސްގެފާނެއެވެ. ދެން ބައިސާ އެވެ. އެއީ ވަޒީރެވެ. (ނުވަތަ ޕްރިންސް އެވެ.) ދެން ބިބީ އެވެ. އެއީ ރާނީ އެވެ. އެއަށްފަހު ގުލާމެވެ. އެއީ ޚާދިމުންނެވެ. (ނުވަތަ އަޅުންނެވެ.)

ދިވެހި ތާރީހީ ފޮތްތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ ރާއްޖޭގައި ވެރިކަން ކޮށްފައިވަނީ ރ.އަތޮޅު ރަސްގެތީމް ގައެވެ. ރަސްގެތީމަކީ ރަސްގެފާނު ހުންނަވާ ރަށެވެ. އަދި އަޅުގެތީމް (އަނގޮޅިތީމް) އަކީ ރަސްގެފާނުގެ އަޅުން ބޭތިއްބި ރަށެވެ. ދެކެވޭގޮތުގައި އޭރު އެއީ ކޮއިމަލާ ކަލޯގެ ރަސްކަމުގެ ދުވަސްވަރެވެ.

އެދުވަސްވަރު ރ.އަތޮޅު ރަސްގެތީމުގައި މީހަކު އޮޅުކޮށްގެން ގެންގުޅުނު ބޮއްދޫންޏެއް (މިހާރު ރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ އައިން މަތީ ދޫނީގެ ބާވަތެއް) ކަމުގައިވާ މިދޫންޏަކީ ބޯ ކުޑަ ކަޅު ވައްތަރެެއްގެ ދޫންޏެކެވެ. ރަސްގެފާނަށް މިދޫނީގެ ފަރާތުން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަކުރެއްވިގެން މިދޫންޏަށް ރަސްގެފާނު މާބޮޑަށް ހިތްޕުޅާވެގެން މިދޫނު ބައްލަވައިގަތެވެ. އެއަށްފަހު ރަސްގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތީ ރަސްކަން ކުރެއްވުމަށް އެންމެ ރަނގަޅުވާނީ މިދޫނި ދައްކާރަށެއްގައެވެ.

އެގޮތުން ރަސްގެފާނު ފެއްޓެވި ދަތުރުފުޅެއްގައި އޮޑިކޮޅުން މި ބޮއްދޫނި އުދުއްސާލެއްވުމަށްފަހު އެދޫނި ދަތުރުކޮށްފައިދާމަގަށް އޮޑިކޮޅު މިސްރާބް ޖެހިއެވެ. އަދި އެގޮތުން މިދޫނިގޮސް ތިރިކުރީ ކ.އަތޮޅުގެ މެދުތެރޭ އޮތް ބޮޑު ފިނޮޅަކަށް ކަމަށް ބުނެ އުޅެއެވެ. (އެއީ މިހާރު މިއޮތް ފުރަމާލެއެވެ.) އޭރު އެފިނޮޅަކީ (މާލެއަކީ) ގިރާވަރުމީހުން މަސްވެރިކަމަށް ބޭނުންކޮށް އުޅޭ ބޮޑު ފިނޮޅެއެއްކަމަށް ވެއެވެ. ނަމަވެސް ރަސްގެފާނު ނިންމީ މި ފިނޮޅުގައި ރަސްކަން ކުރައްވާށެވެ. އެހެނަސް ގިރާވަރުމީހުން އެފިނޮޅުގައި މަސްވެރިކަން ކުރާތީ އެފިނޮޅާއި ފަޅުތެރެ ލޭން ތަތްތެޅިފައި ހުރުމުން އެފިނޮޅަށް ”މާލެ” މިނަން ދެވުނުކަމަށް ވެއެވެ. އަދި މާލެއާއި ޖެހިގެން އޮންނަ ފިނޮޅަށް ހުޅުލޭގެ ނަންދެއްވާ ހުޅުލޭގައި ރަސްގެފާނުގެ އަޅުން ތިބޭ ރަށެއްކަމުގައި ހަމަޖެއްސެވިކަމަށް ވެއެވެ. މިއީ ކުރުގޮތަކަށް ދަންނަވަނީނަމަ މާލެއަށް ވެރިކަން އައި ގޮތްކަމަށް ބެލެވެއެވެ.

ތާރީހީ ފުލޯކްވާހަކައަކުން ނަމަވެސް އެނގޭގޮތުގައި ރަސްގެފާނު ގެ ވެރިކަން މާލެ ބަދަލުވި ހިސާބުން ރަސްގެފާނުގެ އަނބިކަނބަލުން ރާނީ (ބިބީ) އާއި އޭނަގެ 40 ބޭފުޅުން (އެޒަމާނުގައި ކޮންމެ މީހަކުވެސް ކުދިން ހޯދާ ހޯދުމުގެތެރޭން މި ރާނީއަށްވެސް ލިބުނު 40 ބޭފުޅުން) މާލެއަށް ބަދަލުވުމަށް ނިންމިއެވެ. އެގޮތުން ރާނީ އާއި އޭނާގެ 40 ބޭފުޅުން ރަސްގެތީމުން ފުރައިގެން މާލެދިއުމުގެ މަގުމަތީގައި މާޅޮސްމަޑުލު ދަރަވަންދޫ އަށް ބަނދަރުކުރިއެވެ. (އެޒަމާނުގައިވެސް އަދި މިހާރުވެސް ދަރަވަންދުއަކީ އުތުރުގެ ބައެއް ރަށްރަށުން އުޅަނދުފަހަރު މާލެ ދަތުރު ކުރާއިރު ދަތުރު ދެބައިކުރާ ބަނދަރަކަށް ބަލާ ރަށެކެވެ. އެއީ އޭރުގެ މީހުން ކިޔާގޮތުންނަމަ ކަނޑުމޫނު ރަށެކެވެ.) ބުނެވޭގޮތުގައި އޭރު ދަރަވަންދުއަކީވެސް ފަޅުރަށެކެވެ. ރާނީ އޭނާގެ 40 ބޭފުޅުންނާއެކު އޮޑިކޮޅު ޖެއްސީ ބ.ދަރަވަންދޫގެ ހުޅަނގުދެކުނުފަރާތުން ބިބީ ޒިޔާރަތް ހުންނަ (ބަޑަހަ) މަގާދިމާލަށް ކަމަށްވެއެވެ. އެމަގަށް ބަނޑަހަމަގު ކިޔުނީ ކުރީ ޒަމާނުގައި މަސްވެރިކަން ކުރަން އައިސްތިބޭ މީހުން ބަޑަހަ ޖަހައިގެން ތިބެނީ އެމަގުގައި ކަމަށްވާތީ ކަމަށްބުނެއުޅެއެވެ.

ބިބީ ޒިޔާރަތް

ރާނީ އާއި އޭނާގެ 40 ބޭފުޅުން ގޮވައިގެން މިރަށުގައި މަޑުކުރީ މޫސުން ގޯސްވެ ކަނޑުދަތުރު ކުރެވޭވަރަށްވުރެ ގަދަވީމައެވެ. އެމަޑުކުރުމުގެތެރޭގައި ކުދިންނަށް ބަލިމަޑުކަމެއް ލައިގަތްކަމަށްވެއެވެ. އެގޮތުން ބަނޑަހަ ޖަހަިއގެން އެރަށުގައި ތިބޭ މަސްވެރިންގެ އެސްފީނާޖެހުމާއި، އަދި ކާބޯތަކެތި ހުސްވުމާއިއެކު މި ބަލިމަޑުކަމުގެ ތެރޭގައި ރާނީގެ ބޭފުޅުންކޮޅު މަރުވާން ފެށިއެވެ. ރާނީގެ ބޭފުޅުންކޮޅު މަރުވަމުން މަރުވަމުންގޮސް އެންމެ ބޭފުޅަކަށްވުމުން ރާނީ އޮޑިކޮޅާއިގެން މިއަތޮޅުން ދަރަވަންދޫގެ ހުޅަނގު އުތުރުން އޮންނަ ފަޅު ރަށެއް ކަމުގައިވާ މުއްދޫ (މިހާރު ރިސޯޓެއް) ދިޔަކަމަށް ވެއެވެ. އެގޮތުން މުއްދުއަށް ދިޔަ ދަތުރުމަތީގައިި އެންމެ ފަހު ކުއްޖާވެސް މަރުވުމުން ގަބުރުން ކުނިވަސްދުވާތީ އެވަސް ކެނޑުވުމަށްޓަކައި މުއްދޫއިން ދޮން ކަށިކެޔޮ ކަނޑައިގެން އޮޑިޔަށް އެރުވިކަމަށްވެއެވެ. އަދި އޮޑިޔަށް ކަށިކެޔޮތައް އަޅައިގެން ދަރަވަންދުއަށް މިއޮޑި އެނބުރި އައެވެ.

ދަރަވަންދޫއަށް އައިސް މަރުވެފައިވާ އެންމެފަހު ބޭފުޅާއާއެކު ރާނީގެ 40 ބޭފުޅުން ދަރަވަންދޫ ބަނޑަހަމަގުގައި (މިހާރު ބިބީ ޒިޔާރަތް އެހުރިތަނުގައި) ވަޅުލީއެވެ. އަދި އޭގެ ފަހުން އެތާއޮވެ ރާނީވެސް މަރުވެގެން ދިޔަކަމަށް ވެއެވެ. މިތަނަށް ބިބީ ޒިޔާރަތޭ ކިޔުނީ އެހެންވެގެން ކަމަށް ބެލެވެއެވެ. އަދި މިތަނަކީ އީޓް ޖަހައިގެން ހިޔާ ކޮށްފައިވާ ކުޑަކުޑަ ގެއެވެ. ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް، ފުޅާމިނުގައި (2/1 2) ދެފޫޓުބައި ހުރެފާ މެދަށް އުސްކޮށް ދެފުރާޅަށް ހިޔާކޮށްފައި ހުންނައިރު އުސްދިމާލުގައި 3 ފޫޓު ހުންނަ ވަރުގެ ކުޑަކުޑަ ގެއެކެވެ. މިތަން ހުންނަނީ ދަރަވަންދޫ ސަހަރާގެ ހުޅަނގުގައެވެ. ސަހަރާ ހުންނަ މަގުގައެވެ. ނަމަވެސް މިހާރު މިބިނާ ހިޔާކުރުމަށް ޖަހާފައިވާ އީޓްތަކެއްވެސް ފެންނާކަށެއްނެތެވެ. އަދި ބިނާ މިހާރު ވަނީ އެއްކޮށް ނެތިގެންގޮސްފައެވެ.

ދަރަވަންދޫގެ ދުވަސްވީ މީހުންގެ ދޫދޫމަތިން އެގޭގޮތުގައި އޭގެފަހުން ބ.މުއްދޫ ކަށިކޭލުން (ފާވަރަކަށް ދޮންވިޔަސް) ދޮންވަސް ނުދުވާކަމަށް ވެއެވެ. ވަރަށް ފަހުންވެސް ދަރަވަންދޫ ބަޔަކު މުއްދުއަށްގޮސް އެރަށު ކަށިކޭލުން ވަސް ބެލިކަމަށް ބުނެއުޅެއެވެ. އަދި މިހާރުވެސް އެރަށުގެ ކަށިކޭލުން ދޮންވަހެއް ނުދުވާކަމަށް ބުނެއުޅެއެވެ.
މިއީ ތުންތުން މަތިން ދެކެވޭ ވާހަކައެވެ. މިކަމުގެ ހަޤީޤަތް ތާރީޙީ ލިޔުމަކުން އެގޭކަށެެއް ނެތެވެ. އަދި ”ބިބީ ޒިޔާރަތް” މީ ކޮންތަނެއްގައި ހުންނަ ކޮންކަހަލަ ޒިޔާރަތެެއް ކަމެއްވެސް ދިވެހި ތާރީހީ ހޯދުންތަކުން ހޯދިފައެއްނެތެވެ. މިއީ ޔޯލަޔޯލަ ވާހަކައެއްގެ ގޮތުގައި ކުރީ ޒަމާނުއްސުރެން ފެށިގެން ދެކެވެމުންދާ ވާހަކައެކެވެ. އެހެންނަމަވެސް ވަރަށް ފަހަކާ ޖެހެންދެންވެސް މިޒިޔާރަތް ކޮންމެވެސް ސިފައެއްގައި މިރަށުން ފެންނަން ހުއްޓެވެ. އަދި އެތަނުގައި މަހާނަތަކެެއްގެ ނިޝާންތައް ފެންނަން ހުއްޓެވެ. ނަމަވެސް ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް އެޅުމާއި ގުޅިގެން މިޒިޔާރަތް ހުންނަ ސަރަހައްދަކީ އެއަރޕޯޓާއި ރަށާއި ދޭތެރޭ އޮންނަ މަގުގައި ހުރި ތަނަކަށް ވުމާއެކު މިތަން ވަނީ މިހާރު ނެގިފައެވެ.

އެހެންނަމަވެސް މިތަން ނެގުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެތަނުގެ ހަޤީޤަތް އަދި މިހާތަނަށް ހޯދިފައި ނުވުމާއި، އެތަން ހިމާޔަތް ކުރުމަށް އެއްވެސް އިރެއްގައި އެއްވެސް ބަޔަކު މަސައްކަތްކޮށްފައި ނުވުންކަމަށް ރަށުގެ ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިއީވެސް ކޮންމެވެސް ޒަމާނެއްގައި ހިނގާފައިވާ ހާދިސާއެއްކަމަށްވުން އެކަށީގެން ވެއެވެ. ދިރިއުޅުނު ބަޔަކަށްވެސް ވެދާނެއެވެ. މިހާރުގެ މީހުންނަށް ނޭގުނު ނަމަވެސް އިރެއްގައި އެތަނުގައި ކަމެއް ހިނގާފައި ވާކަން އެތަނުންވެސް ރަމްޒުކޮށްދެއެވެ. އެޒިޔާރަތަކީ އެކަމުގެ ހެއްކަކަށް ފުދެއެވެ.

ކަންމިހެން ހުރިނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފަދަ ގަދީމީ އާސާރީ ބިނާތައް ދިވެހި ތާރީހަށްޓަކައި ދަމަހައްޓައި، ރަމްޒީގޮތުން ނަމަވެސް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މިއަދު ހަމަ ކޮންމެ ދިވެހި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމުގައި ހަދަމާތޯއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Nahidhaa

    Mi rashah dhararavandhoo ey kiyunee thi sababaahure kamah vun ekasheegenvey.e ee dharu van mibas maana kureveny dharinge gothuga ehen kamun dharinge rashey bunumuge gothun dharavandhoo aisfa vanee kamah belevey

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.