
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަށުން ހިނގަމުން އަންނަ ފެކަލްޓީ އޮފް އާޓްސް ގެ ޑީންގެ މަގާމްގައި ހުންނެވި އާސިމް އަބްދުއްސައްތާރު އަށް ގިނަ ބައެއްގެ ތައުރީފް އަމާޒުވެއްޖެއެވެ. އޭދަފުށްޓަން އުފަން އާސިމްއަށް ގިނަ ބައަކު ތައުރީފުކޮށްފައިމިވަނީ އޭނާ ފޭސްބުކްގައި މިއަދު އާއްމުކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.
މިއަދު މެންދުރެއް ހާއިރު ފޭސްބުކްގައި އާސިމް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހެންވޭރު ޖަނަވަރީ މަގުގައި ޕާކްކޮށްފައިހުރި އޭނާގެ ސައިކަލް ނެރެން އުޅުއްވުމުގެ ތެރޭގައި ކައިރީގައިހުރި އެހެން ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، ސައިކަލްގެ ވެރިފަރާތުން ނުވަތަ ސައިކަލްގެ ވެރިފަރާތަކީ ކާކުކަން އެނގޭ ފަރާތަކުންވެސް އޭނާއަށް މެސެޖްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ޕޯސްޓާއެކު ގެއްލުން ލިބުނުކަމަށް އާސިމް ވިދާޅުވެފައިވާ ސައިކަލްގެ ފޮޓޯއެއް ވަނީ އާއްމުކުރައްއވައިފައެވެ. އެ ސައިކަލްގެ ނަންބަރަކީ C9890 އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ސޯޝަލް މީޑިޔާއިން ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ޕޯސްޓެކެވެ. އެހެން މީހުންނާ ގުޅުންހުރި އައިބު ވާހަކަތަކާއި، އެހެން މީހުންނަށް ނިކަމެޔިކަމާއި، މަލާމާތް ރައްދުވާ ފަދަ މައުލޫމާތާއި ހަބަރު އާއްމުކޮށް ފެންނަ ނެޓްވާކެއްގައި މިފަދަ އެންމެ ކަމެއް ފެނުމަކީވެސް އުފާކުރަންޖެހޭ ކަމަށް ގަބޫލުކުރާ މީހުންވެސް އެބަތިއްބެވެ.
“ހަގީގީ ދިވެއްސެއް، އެކަމަކު އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެއް،” އަބޫ ޢަބްދުﷲ ބިން އާދަމްގެ ނަމުގައި އާސިމްގެ ޕޯސްޓަށް ކޮމެންޓްކޮށްފައިވާ ފަރާތަކުން ބުނެފައިވެއެވެ. “ގައުމު އެދި ގޮވަނީ ތިޔަ ފަދަ އިހްލާސްތެރި ތެދުވެރިންނަށް.” އެހެން ކޮމެންޓެއްގައި މީހަކު ބުނެފައިވެއެވެ،
މިއަހަރު އަލުން ގައުމީ ޔުނިވަސިޓީއާ ގުޅިވަޑައިގަތް އާސިމް ވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހދުމަތްކުރައްވައިފައެވެ. މަޑުމައިތިރު މިޒާޖެއްގެ އާސިމްއަށް އޭނާގެ ގަސްދަކާ ނުލައި ކުރެއްވުނު އަމަލަކުން އެހެން މީހެއްގެ އަމިއްލަ އެއްޗަކަށް ލިބުނު ކުޑަކުޑަ ގެއްލުން އޭނާ ނެންގެވީ ސީރިއަސްކޮށެވެ. އެކަން ހިނގިކަން ދެނެހުރި އެހެން މީހަކު ނެތަސް އެކަން އަޅާނުލާ ދޫކޮށްލުން އާސިމްއަކަށް އަމުދުން ކަމަކު ނުދިޔައެވެ. ގިނަ ބަޔަކަށް އާސިމްގެ އެ އަމަލު ކަމުދިޔައީ އެހެންވެއެވެ.
“އުފަލުން ރޮވިއްޖެ. ސާބަހޭ އެކުވެރިޔާ. ހެޔޮ ރަހްމަތް ލައްވާށި، އާމީން.” އާސިމްގެ ޕޯސްޓަށް ކޮމެންޓް ކުރަމުން އާމިނަތު މުހައްމަދު ބުނެފައިވެއެވެ. ” މިގޮތަށް އެންމެންވެސް ކަންތައްކުރާނަމަ. ގައިމު މަގޭ ސައިކަލްގެ ސައިލެންސަރު މަތީ އިންނަ ކަވަރުކޮޅު ބަދަލުކުރަން ޖެހުނު އަދަދެއްވެސް ނޭގެ.” މެޓްރިކްސް އިއްސޭ ގެ ނަމުގައި ކޮމެންޓްކުރި މީހަކު ބުނެފައިވެއެވެ.
ބައެއް މީހުން އާސިމްގެ ޕޯސްޓަށް ކޮމެންޓްކުރަމުން އާސިމް އަމަލު ކުރެއްވި ގޮތަށްވުރެ އޭގެ މަގްސަދު ހާސިލްވާނެ އެއަށްވުރެ ރަގަޅު ގޮތްތައްވެސް ކިޔައިދީފައި ހުއްޓެވެ. “ސްޓިކީ ނޯޓް ކަހަލަ އެއްޗެއްގަ ނެސެޖެއް ލިޔެފަ ބޭންދިނަމަ އެއަށްވުރެ ރަގަޅުވީސް. ހަނދާން ނެތިގެން ތަޅުދަނޑި ސައިކަލްގަ ޖަހާފަ ދިޔައިމަ އާންމުކޮށް ފުލުހުން ކުރާ ކަމެއް އެއީ.” އާސިމްގެ ޕޯސްޓަށް ކޮމެންޓްކުރަމުން ނިއުމާ މުހައްމަދު އޭނާގެ ހިޔާލު ފާޅުކުރިއެވެ.
ކޮންމެއަކަސް އާސިމްގެ އަމަލުކުރެއްވި ގޮތަށް ތައުރީފް ހައްގެވެ. އެއީ އެންމެންގެ ފަރާތުންވެސް ފެންނަން ގިނަ ބަޔަކު ބޭނުންވާނެ ފަދަ މިސާލެކެވެ. އާސިމް ދެއްކެވި ރީތި ނަމޫނާއަށް “އީޓީ” ގެ ފަރާތުން ޝުކުރު އަދާކުރަމެވެ.