އޭދަފުށީގައި ފައިބަރު މަސައްކަތް ކުރާތީ ކަންބޮޑުވުންތަކެއް!

އޭދަފުށީގައި ފައިބަރު މަސައްކަތް ކުރާ ސަރަހައްދު، އެ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރާތީ އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުން

އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދޯނިފަހަރުގެ ފައިބަރު މަސައްކަތްތަކެއް ކުރަމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި މިރަށު ތުއްރަވާސް މުހައްމަދު ނާޝިދު ބުނީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވާ އާންމު ސަރަހައްދެއްގައި ފައިބަރު މަސައްކަތްކުރާތީ އެއީ ސިއްހީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފައިބަރުގެ ކުނޑިއަކީ ސިއްހަތަށް ވަރަށް ގެއްލުން ލިބޭ އެއްޗަކަށްވުމާ އެކު އެ ސަރަހައްދުގައި އެ މަސައްކަތް ކުރިއަ ނުދިނުމަށް އެދި ކައުންސިލްގެ އިދާރާ އަށް ލިޔުމުން ހުށަހެޅުމުން ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

“ފައިބަރުގެ ވަހާއި އެ ކުނޑީގެ ސަބަބުން ތަފާތު މައްސަލަތައްދަނީ ކުރިމަތިވަމުން. ކުދިންނަށް ބޭރުގައި ކުޅެލަން ތިބުމުގެ ފުރުސަތު ނުލިބުމުގެ އިތުރުން ދޮންނަ އަންނައުނުފަދަ ތަކެތި ހިއްކާލުމަށް ބޭރުގައި އަޅާލެވޭކަށް ވެސް ނޯވާ. ސައުވީސް ގަޑިއިރު އުޅެން ޖެހެނީ ގޭގެ ދޮރުތައް ބަންދުކޮށްގެން. މިކަމުގެ ސަބަބުން އަޅުގަނޑުމެން މިވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި،” ނާޝިދު ބުންޏެވެ.

“އެކަމަކު އެއްވެސް ދިމާއަކުން މިކަމައް ފިޔަވަޅެއް އަޅައިފައެއް ނެތް. މަސައްކަތް އެ ދަނީ ހަމަ ކުރިއަށް،”

އެހެންވެ މި މައްސަލަ އީޕީއޭ އަށާއި ކޯޓަށް ހުޅަހަށަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މި ކަމާ ގުޅިގެން ރަށު ކައުންސިލުގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ. އީޓީއަށް އެނގިފައިވާ ގޮތުގައި މިރަށު ހުޅަނގު ސަރަހައްދުގައި ފައިބަރުގެ މަސައްކަތް ކުރާނީ ކައުންސިލުން އެދިގެން ސަރުކާރުން ހުއްދަ ދީގެންނެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އެ ސަރަހައްދުގައި ފައިބަރުގެ މަސައްކަތް ކުރާތީ، އޭގެ ކުނޑިއާއި ވަހާ ހެދި އެ ސަރަހައްދުގައި އުޅޭ ބަޔަކަށް އުނދަގޫވެގެން ކައުންސިލަށް މައްސަލަ ހުށަހެޅިއެވެ. އެފަހަރު ކައުންސިލުން ބުނީ ކުނޑި އަކީ އިންސާނީ ބާރުނުފޯރާ އެއްޗަކަށްވާއިރު އެކަމަކަށް މާބޮޑު ހައްލެއް ގެނެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.