ގަހެއް ހަދިޔާކޮށްގެން ޗުއްޓީ ދަތުރެއް ލިބުމުގެ ފުރުސަތު

ކިހާދޫ ކައުންސިލާއި ކިޑްސް ޖަމިއްޔާ ގުޅިގެން އެރަށޫގައި ހަދާ ކުދިންގެ ޕާކުގެ ކުރެހުމެއް

ބ. ކިހާދޫގައި މިހާރު ހަދަމުންދާ ކުޑަކުދިންގެ ޕާކަށް، ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ފަށައިފި އެވެ.

“ޕްލާންޓް އަ ލެގެސީ”ގެ ނަމުގައި މި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެގޮތުން ގަސް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މި ހަރަކާތުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ އޯޑަރ ފޯމް ފެންނާނެ ކަމަށް ކިޑްސް ޖަމިއްޔާއިން ބުންޏެވެ.

ކިޑްސް ޖަމިއްޔާގެ ރައީސް އިބްރާހިމް ވަސީމް ވިދާޅުވީ މި ހަރަކާތުގައި އަމިއްލަ ފަރުދެއްގެ ގޮތުގައާއި، ދެމަފިރިއަކު ހަދިޔާކުރާ ގަހެއްގެ ގޮތުގައި އަދި ވިޔަފާރި ކުންފުންޏެއްގެ ނަމުގައި ވެސް ގަސް ހަދިޔާކުރެވިދާނެ ކަމަށެވެ.

“ކޮންމެ ގަހެއްގައި ވެސް ގަސް ހަދިޔާކުރި ފަރާތް އެނގޭނެފަދަ ލޭބަލެއް ހަރުކުރެވޭނެ،” ވަސީމް ވިދާޅުވި އެވެ.

ކިޑްސް ޖަމިއްޔާއިން ބުނި ގޮތުގައި ކުޑަކުދިންގެ ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ އެކިބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތިގަހުގެ އިތުރުން ތަފާތު އެކިވައްތަރުގެ މާގަހެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގެ ދެ ނަސީބުވެރިއަކަށް އިތުރު އެއް ބޭފުޅަކާއެކު، ބ. އަތޮޅު އަނަންތަރާ ކިހަވައް ވިލާސް އަދި ރީތި ބީޗް ރިސޯޓްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ވަސީމް ވިދާޅުވި ގޮތުގައި މި ހަރަކާތުން ލިބޭ ފައިސާ ޚަރަދުކުރާނީ އެ ޖަމިއްޔާ އާއި ކިހާދޫ ކައުންސިލު ގުޅިގެން އެރަށުގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކުގައި އިއާދަ ކުރުވަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރަށެވެ.

ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެރަށޫގައި އިޖްތިމާއި އަދި ތިމާވެށީގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގަސް ހަދިޔާކުރުމަށް އޯޑަކުރާ ފޯމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.