ސޮނެވާގެ ޕްރައިވެޓް ސީ ޕްލޭން ރާއްޖެ ގެނެސްފި

ސޮނެވާގެ ޕްރައިވެޓް ސީ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި: ފޮޓޯ/މޯލްޑިވްސް އޭވިއޭޝަން ޑެއިލީ

ރާއްޖޭގައި ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ ހިންގާ ކުންފުނިން އެރިސޯޓުތަކަށް ޕްރައިވެޓް ސީ ޕްލޭން ދަތުރުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ސީ ޕްލޭން ރާއްޖެ ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ. އަތޮޅު ސޮނޭވާ ފުށި އަދި ނ. އަތޮޅު ސޮނޭވާ ޖާނީ ދެމެދު ދަތުރުތައް ކުރަން ގެނައި އެ ސީ ޕްލޭން ރާއްޖެ ގެނައީ މިދިޔަ ހަފްތާގަ އެވެ.

ކެނެޑާއިން ރާއްޖެއަށް ގެނައި އެ ސީ ޕްލޭން އަކީ ‘ޓްވިން އޮޓާ’ މުރަކައިގެ 19 މީހުންގެ ޖާގަ ލިބޭ އުޅަނދެކެވެ. ނަމަވެސް އެއިން 10 ސީޓަކީ ވީއައިޕީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ސީޓްތަކެވެ.

އެ ސީޕްލޭން ފަރުމާ ކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެންމެ ރައްކާތެރިކަމާ އެކު ދަތުރުތައް ކުރެވޭނެ ގޮތަށެވެ. ރިސޯޓާއި އެއާޕޯޓަށް ދެކޮޅު ދަތުރުތަކުގެ އަގަކީ 1،100 ޑޮލަރެވެ.

ސީ ޕްލޭން ވަނީ އެ ކުންފުނީގެ ދަނބު ކުލައިން ފަރުމާ ކޮށްފަ އެވެ. އެގޮތުން އެ އުޅަނދުގެ ބޭރުގައި ސޮނޭވާގެ ނަން ޖަހާފައިވާއިރު، އެތެރެއިން އަޅާފައިވާ ދޫލަ އާއި ސީޓު ދަނބު ކުލައިން ޖަރީ ކޮށްފައި ވެއެވެ.

ސޮނޭވާގެ އިސް އޮފިޝަލެއް ކުރިން ވިދާޅުވި ގޮތުގައި އެ އެޅަނދު އޮޕަރޭޓް ކުރަން ހަމަ ޖެހިފައި ވަނީ މިމަހުގެ މެދު ތެރޭގައި ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ސީ ޕްލޭންތައް އޮޕަރޭޓް ކޮށް، މެއިންޓެއިން ކުރާނީ ރާއްޖޭގެ ލީޑިން ސީ ޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވްސް އެއާވޭސް އިން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.