ކިހާދޫން ކަރަންޓު ކެނޑޭތީ ރައްޔިތުން ރުޅިގަދަވެއްޖެ

ބ. ކިހާދޫއަށް ކަރަންޓު ދެމުން އަންނަ ޖަނަރޭޓަރުތައް– ފޮޓޯ: ކިޔުންތެރިއެއް

ބ. ކިހާދޫން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތީ، އެ ރަށުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.

ކިހާދޫ ކައުންސިލްގެ އިބްރާހީމް ފަޒީލް ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން އެރަށުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިގޮތަށް ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ އަގުބޮޑު ބައެއް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

ފަޒީލު ވިދާޅުވި ގޮތުގައި އެރަށު އިންޖީނުގޭގައި ތިން ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ދެ ޖަނަރޭޓަރެވެ. އެއީ 140 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 90 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. 100 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ޑައިނަމޯގެ ކޮއިލް ހަލާކުވެފައިވާތީ، އެ ޖަނަރޭޓަރުގެ މިހާރު ބޭނުން ނުކުރެވޭ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ. އަދި މިހާރު މައްސަލަ ދިމާވެފައިވަނީ 140 ކިލޯ ވޯޓްގެ ޖަނަރޭޓަރަށެވެ.

“އިރުއިރުކޮޅާއި ކަރަންޓު ކެނޑޭ. އެކި ފަހަރު އެކި އެލާމް އަޅަނީ. ދެން އެއީ ކަނެކްޝަނުގެ މައްސަލައެއް ކަމަށް މިކޮޅުން ބުނަނީ. މިކޮޅުގަ ނުހުރޭ ޓެކްނީޝަނެއް ވެސް. އެހެންވީމަ އެކަން ހައްލު ނުވެގެން މިއުޅެނީ.” ފަޒީލް ވިދާޅުވި އެވެ.

ކިހާދޫން ވާހަކަ ދެއްކި މީހަކު ބުނީ އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ، އެގޭ ތެރޭގައި ބޭނުންކުރާ ޓީވީ ހަލާކުވެފައިވާ ކަމަށެވެ.

“މިއަދު ވެސް ދެތިން ފަހަރަކު ކަރަންޓް ކެނޑިއްޖެ. މިހާރު ގޭގޭގައި ޚިތާނުކޮށްގެން އުޅޭތީ ކަރަންޓް ކެނޑެތީ ވަރަށް ދަތިތަކާ ކުރިމަތިވެސް ވޭ، މިގޮތަށް ކަރަންޓް ކެނޑޭތީ އިލެކްޓްރޯނިކް ގިނަ އަދަދެއްގެ އިކްޓްރޯނިކް ސާމާނަށް ވެސް މައްސަލަ ދިމާވެއްޖެ،” ކިހާދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކިހާދޫ ކައުންސިލުން ބުނީ، އާބާދީގައި 600 އެއްހާ މީހުން މީހުން ދިރިއުޅޭ އެރަށުގެ ކަރަންޓް މައްސަލަ ހައްލުކުރެވޭނީ ކެޕޭސިޓީ އިތުރުކޮށްގެންނެވެ. ނަމަވެސް އެކަން ކޮށްދިނުމަށްއެދި ފެނަކައަށް މީގެ ކުރިން ފޮނުވި ސިޓީ އަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް ކިހާދޫން ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.