މާޅޮހުގައި އޮޔާ ދަމައިގަތް ދެ ކުއްޖަކު ސަލާމަތްކޮށްފި

ކުޑަކުދިންތަކެއް މާޅޮހު އުތުރު ފަރާތު މޫދަށްއެރި މިއަދު މަޖާކުރަނީ. އެރަށު ދެ ކުއްޖަކު އޮޔާ ދަނިކޮށް ވަނީ ސަލާމަތް ކޮށްފައި– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ބ. މާޅޮހުގައި، މިއަދު ހަވީރު މޫދަށްއެރި އުޅެނިކޮށް ކުޑަ ދެ ފިރިހެން ކުއްޖަކު އޮޔާ ދަނިކޮށް، ސަލާމަތްކޮށްފި އެވެ.

މާޅޮހު އުތުރު ފަރާތު މޫދުގައި ހަތަރު ކުއްޖަކު ފްލޯޓިން ބެޑެއްގައި މޫދުގައި މަޖާކޮށް އުޅެނިކޮށް، އޭގެ ތެރެއިން ދެ ކުއްޖަކު އޮޔާ ދާން މެދުވެރިވީ އެ ވަގުތު އެ ސަރަހައްދުގައި އުފެދިފައި އޮތް ބާރު އޮއިވަރުގެ ސަބަބަންނެވެ.

މި ހާދިސާގައި އޮޔާ ގެންދިޔައީ ގްރޭޑް 1 އަދި ގްރޭޑް 6 ގައި ކިޔަވަމުންދާ ދެ ކުދިންނެވެ.

ހަވީރު 5:00 ހާއިރު ހިނގި މި ހާދިސާގައި، އެ ސަރަހައްދު އަތިރި މަތީގައި ތިބި މީހުންނަށް އިވުނީ “މަންމާ.. މިއޮތް ގެންދަނީ، ސަލާމަތް ކުރޭ” އޭ ގޮވާ އަޑެވެ. ބަލާކަށް ނުހުރެ އެތަނުން ޒުވާނަކު މޫދަށްއެރި، އެ ދެކުދިން ސަލާމަތް ކުރަން ދިޔައެވެ. ނަމަވެސް އެ ސަރަހައްދުގައި އުފެދިފައި އޮތް އޮއިގަނޑުގެ ސަބަބުން އޭނާއަށް ފަތާފައި އެ ކުދިންނާ ހަމައަށް ދިއުމަށް ދިހަ ވަރަކަށް މިނެޓްވި އެވެ.

އެ ހުރިހާވަގުތު އެތަނުން ހަގު ކުއްޖާ ގެނބުނަ ނުދީ ކަނޑު މަތީގައި ގެންގުޅުނީ ދޮށީ ކުއްޖާއެވެ. އެނގިފައިވާ ގޮތުގައި ދޮށީ ކުއްޖާ ވަނީ ސޮނެވާފުށިން ސްކޫލު ދަރިވަރުންނަށް ހިންގަމުންގެންދާ ސްވިމިން ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ.

އެތަނުގައި އޭރު އުފެދިފައި އޮތް ބާރު އޮޔާއެކު އެ ދެކުދިން ވަނީ 250 އެއްހާ ފުޓޫ ބޭރަށް ގެންގޮސްފަ އެވެ. އެންމެފަހުން އެ ދެ ކުދިން ސަލާމަތްކުރީ އެރަށުގެ އަނެއް ފަރާތު ބަނދަރު ސަރަހައްދުން ކުޑަ ޑިންގީ ގެނުވައިގެންނެވެ.

މި ހާދިސާގައި ކުދިންނަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.