ކިހާދޫއަށް މިވަގުތު އޮތް ހައްލަކީ ކަރަންޓު ބޭނުންކުރާ ނިސްބަތް މަދުކުރުން: ފެނަކަ

ކަރަންޓް ކަނޑާލުމުން ކިހާދޫ ގެއެއްގައި އުއްބައްތި ދިއްލާފައި– ފޮޓޯ/ލޫކާސް ޖަލީލް

ބ. ކިހާދޫގައި ކަރަންޓް ފޯރުކޮށްދޭ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލާގައި، މިވަގުތު އޮތް ހަމައެކަނި ހައްލަކީ އެ ރަށުގައި ކަރަންޓް ބޭނުންކުރާ ނިސްބަތް މަދުކުރުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިމަހުގެ ކުރީ ކޮޅުން ފެށިގެން އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުން ގެންދާތީ، ރައްޔިތުންގެ އަގުބޮޑު އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުންވަމުންދާތީ ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކިހާދޫއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ 128 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައާ ގުޅިގެން މުޅި ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކަނޑަމުން ދާނެ ކަމަށެވެ.

ފެނަކައިގެ ބަޔާނުގައި ވަނީ މައްސަލަ ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، މައްސަލަ ހައްލު ވަންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ބޭނުން ކުރާ މިންވަރު މަދު ކުރުމަށާއި ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ނޫން ތަކެތި ބޭނުން ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

“ކަރަންޓްގެ ހާލަތު އާއްމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑު ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި، ކަރަންޓް ބޭނުން ކުރެވެމުންދާ މިންވަރު ވީހާވެސް މަދު ކުރެއްވުމަށް މި ކުންފުށިގެ ފަރާތުން އިލްތިމާސް ކުރަމެވެ،” ބަޔާނުގައިވެ އެވެ.

“މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން. އަދި މި ފުރުސަތުގައި ކިހާދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށާއި ކެތްތެރިކަމަށްޓަކައި މި ކުންފުނިން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،”

އެހެން ނަމަވެސް މައްސަލަ ހައްލު ކުރަން ކިހާ ދުވަހެއް ނަގާނެ ކަމަށް ފެނަކައިން ނުބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.