ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 29 ދަރިވަރަކު ހޮވައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރި ބައެއް ބައިވެރިން– ފޮޓޯ/ދިރާގު

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 29 ދަރިވަރަކު ހޮވައި، މިދިޔަ އަހަރުގެ ޕްރޮގްރާމް ނިންމި 18 ދަރިވަރުންނާ މިއަދު ސެޓްފިކެޓް ހަވާލު ކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދެވެ.

މި ހަފްލާގެ ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރާއްޖޭ ތަރައްގީކޮށް ކުރި އެރުވުމުގައި ދިރާގުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން ވެސް ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ބަރޯސާ ވާކަން ފާހަގަ ކުރެއްވި އެވެ.

މަލީހު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ 10 ވަނަ އަހަރު ކަމަށާއި މިފަހަރު 18 ކުދިން އެ ޕްރޮގްރާމް ކާމިޔާބު ކޮށްފައިވާކަން އިސްމާއިލް ރަޝީދު ފާހަގަ ކުރެއްވި އެވެ.

އެނާ ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އޯލެވެލް އާއި އޭލެވެލް ހަދާ ކުދިން މަސައްކަތުގެ މާހައުލަށާއި ދާއިރާ އަށް ތަމްރީނުކުރުުން ކަމަށެވެ.

ކުރިއަށްއޮތް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިން– ފޮޓޯ/ދިރާގު

ޒުވާނުންނަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ލިބޭ ހިއްސާގެ މައްޗަށް ކުރި ސާވޭ އަކަށް ބެއްލެވުމަށް ފަހު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 75 ޕަސެންޓްގެ ޒުވާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކުންފުނިތަކުގައި ކަމަށާއި ބާކީ 25 ޕަސެންޓް ޒުވާނުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކުގައި ނުވަތަ މަތި ތަައުލީމް ހާސިލް ކުރުމަށް ކަމަށެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 186 ޒުވާނުން ވަނީ ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.

މި ދަރިވަރުންގެ ތެރެއިން މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތަކުގައި ތަމްރީން ކުރި ދަރިވަރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.