އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ބ. ތުޅާދޫ ދާއިރާއަށް ވާދަކުރުމަށް މުހައްމަދު އަތީފަށް ޕީޕީއެމުން މިއަދު ޓިކެޓް ދީފި އެވެ.
އަތީފަށް ޓިކެޓް ހަވާލުކުރީ އިތުރު ތޭރަ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އަތީފް ވަނީ ފުލުހުންގެ ވަޒީފާގައި ނުވަ އަހަރު ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލްގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފަ އެވެ. ފުލުހުންގެ ވަޒީފާ އިން ވަކިވި ފަހުން އަތީފް ވަނީ ވަގުތު ނޫހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
ޕީޕީއެމްގެ ތުޅާދޫ ބޮޑު ގޮފީގެ ރައީސް އަތީފްވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިނުގައި އިސް ސަފުގައި މަސައްކަތްކޮށްފަ އެވެ.
އަތީފަށް ޕީޕީއެމުން ތުޅާދޫ ދާއިރާގެ ޓިކެޓް ދިންއިރު، ކުރިން ވަނީ ޕީޕީއެމުން ޕްރައިމަރީއަކާ ނުލައި، އޭދަފުށީ ދާއިރާގެ ޓިކެޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ވެސް ދީފަ އެވެ.