ބ. ދަރަވަންދޫ އެއާޕޯޓު ރަންވޭއާ ދިމާ ހުޅަނގުފަރާތު ވަލުތެރޭގައި މިރޭ އިރާކޮޅު ރޯވެ ގަސްގަހާ ގެއްސަށް ގެއްލުންވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަލީ މާޖިދު “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ މިރޭ އިރާކޮޅު ރޯވީ އެރަށު ހުޅަނގު ސަރަހައްދު ވަލުތެރެއިން އެއާޕޯޓްގެ ފެންސް ކައިރިން ކަމަށެވެ. ގާތްގަނޑަކަށް 3000 އަކަފޫޓުގެ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 7:30 ހާއިރު ކަމަށް މާޖިދު ވިދާޅުވި އެވެ.
“ރޯވި ސަރަހައްދަކީ މީހުން ނޫޅޭ ސަރަހައްދެއް. ވަލުތެރޭ ސަރަހައްދު އެއީ، ގަސްތައް ތެރޭގައި ރޯވީ. އެއާޕޯޓް ފެންސާވެސް ވަރަށް ކައިރިން ދެ ތަނެއްގައި އިން ރޯވެފައި،”
އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ރޯވި އަލިފާން ގަނޑު ނިއްވާލީ ރަށުގެ ޒުވާނުންނާއި ދަރަވަންދޫ އެއާޕޯޓްގެ ފަޔާ ވެހިކަލްތައް ބޭނުންކޮށްގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުނެ އެވެ.