މާއްޑޫ އޭދަފުށީ ކައުންސިލަށް ނަގައިފި

އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ: މި ރަށް ހަވާލުކުރި ފަރާތުން އެ ރަށް މިހާރު ވަނީ ނަގާފައި
އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ: މި ރަށް ހަވާލުކުރި ފަރާތުން އެ ރަށް މިހާރު ވަނީ ނަގާފައި

 

ބ. އޭދަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާއްޑޫ، އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓަށް ހުށަހަޅަން ނިންމައި، އެ ރަށް ވަގުތީ ގޮތުން އޭދަފުށީ ކައުންސިލަށް ނަގައިފި އެވެ.

ވަރުވާގެ އުސޫލުން މީގެ 25 އަހަރު ކުރިން މ. ބަގީޗާގޭ ކުޑަސިއްތި އަށް ދޫކޮށްފައިވާ މާއްޑޫގެ އެއްބަސްވުމާ ހިލާފަށް މަސައްކަތްތަކެއްކޮށް އަދި ބަންޑާރަ ލަކުޑީގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ފުނަ ގަސް ރަށުން ބޭރުކުރަން އުޅުނު މައްސަލައެއްގައި އެ ރަށް އިއްޔެ އިން ފެށިގެން ވަނީ ވަގުތީ ގޮތުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައި ކަމަށް “ހަވީރު”ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެގްރިކަލްޗަރު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވި އެވެ.

“ވަރުވާގެ އެއްބަސްވުން ބުނާ ގޮތުން ވަރުވާ އަށް ދޫކުރާ އެއްވެސް ރަށެއްގައި އިންފްރާސްޓްރަކްޗަރާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރެވޭނެ. އެ ރަށެއްގައި އެއްވެސް މަސައްކަތެއް ކުރަންޏާ އެކަން ކުރެވޭނީ ހުއްދަ ހޯދައިގެން. އެކަމަކު މާއްޑޫގެ ވަރަށް ބޮޑު ބައެއް ކޮށާފައިވާތީ އެ ރަށުގެ ވެއްޓަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ތަކުރާރުކޮށް ލިބެމުން ދިޔަ. އެހެންވެ މާއްޑު އަށް މިދިޔަ އަންގާރަ ދުވަހު ގޮސް ބެލިއިރު ބަންޑާރަ ލަކުޑީގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ފުނަ ގަސްތަކެއް ކަނޑައި ރަށުން ބޭރުކުރަން ތައްޔާރުކޮށްފައި ހުއްޓާ އަޅުގަނޑުމެންނަށް ފެނުނީ،” އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރުވާގެ އުސޫލުން މާއްޑޫ ބެލެހެއްޓުން ޖެނުއަރީ 15، 1988 ގައި ހަވާލުކުރި ފަރާތުގެ އަތުން އެ ރަށަށް ނަގައި އޭދަފުށީ ކައުންސިލާ ވަގުތީ ގޮތުން ރަށް ހަވާލުކުރީ މާއްޑޫ ބެލެހެއްޓި ފަރާތުގެ ތަކެތި އެ ރަށުން ގެންދިއުމަށް ދިން މުއްދަތު ހަމަވަންދެން ކަމަށެވެ. ރަށުގައި ހުރި ތަކެތި ގެންދަން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި އޭދަފުށީގެ ބިން ފުރި ތަފާތު މައްސަލަތައް ދިމާވާތީ އެ ރަށުގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައި ދިނުމަށް އެދި ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ 18.8 ހެކްޓަރުގެ މާއްޑު އަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓަށް ހުށަހަޅަން ނިންމައި އެކަމުގެ މަސައްކަތް ފެއްޓެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ވެސް ނޫން. މީގެ ކުރިން ވާނީ ގއ. ފަޅު ރަށެއް ވެސް ވިލިނގިލީގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ދީފައި. ކެބިނެޓުން ނިންމެވީމާ އެއަށް އަމަލީ ސިފަ އަންނާނެ،” އަލީ ސޯލިހު ވިދާޅުވި އެވެ.

އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ ވަރުވާގެ އުސޫލުން ދޫކޮށްފައިވާ ފަރާތުގެ އަތުން އެ ރަށް ނެގުމާ ގުޅިގެން އޭދަފުށީ ކައުންސިލުން ވެސް ވަނީ އެކަމާ އުފާކޮށް އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އޭދަފުށީގެ ބިމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާތީ ރަށުގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައި ދިނުމަށް އެދި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ވަރަށް ބޮޑަށް އެދުނު ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެކަމަށް އަލިމަގެއް ނުފެނުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ މާއްޑޫގައި ހުރި ތަކެތި ގެންދަން ސަރުކާރުން ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން އޭދަފުށީގެ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި މާއްޑޫގައި މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

“އޭދަފުށީގެ ރައްޔިތުންނަށް ބ. މާއްޑޫ ލިބިގެން ދިއުމަކީ މި ކައުންސިލާއި އޭދަފުށީގެ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ދިގު އިންތިޒާރަކަށް ނިމުމެއް އައި ކަމަކަށް ވީ ހިނދު މިކަން އޭދަފުށީގެ ރައްޔިތުންގެ ފަރާތުން ބަލައިގަންނަނީ ނުހަނު އުފަލާއެކުގަ އެވެ. އަދި މިކަމުގެ ހައްގު ޝުކުރު މިއަދުގެ ސަރުކާރަށް ވަކި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް އޭދަފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާ އެކު އަރިސްކުރަމެވެ،” ކައުންސިލްގެ ބަޔާނުގައިވެ އެވެ. (ޚަބަރު ހަވީރު އިންލައިން)

ގުޅުންހުރި ލިޔުންތައް

12 ކޮމެންޓް

  1. އަބްދުﷲ

    އަލީ ސޯލިހު މާލޭގައިހުރި ފެންފޯއްރުއްތައް އުފުރިފަދައިން ކަންތައްތައްކުރަން އަބަދު އުލުމަކީ ގޯހެއް މާއްޑު އޭދަފުށިގެ ރައްޔިތުންނައްޓަކައި ބޭއްވުމަކީ ރަގަޅުކަމެއް އެކަމަކަކު ރައްޔިތުންނައް ފައިދާހުރި ގޮތުގައި އެންމެންނައް ހަމަހަކޮށް އެރައް ބޭނުންކުރެވޭގޮތައް ގަވާއިދުތަކެއް ހަމަޖެހުމަކީ ހަމަ ރަގަޅުކަމެއް. ސުވާލަކީ މާއްޑޫގެ ބޭނުން އޭދަފުށީ ރައްޔިތތުން ހިފާނީ ކޮންގޮތަކައްބާވައެވެ. ހަމަގައިމުވެސް ކުރިޔައް އޮތް ވިހި އަހަރުދުވަހުގެ ތެރޭގައި ތިރަށުގައި މީހުންއުޅޭކަށް ނުފަށާނެ. ތިރައް އެހެނިހެން ކަންތައްތަކައް މިހުންނައް ބިންދޫކުރުންވެސް އެއީ ކުރެވިދާނެކަމެއް ސުވާލަކީ މިގޮތައް ބިންދޫކުރުމުގައިވެސް އޭދަފުށިން އެންމެފަހުން ސައްތަބޭ ގެވަޅު ދޫކުރިހެން ދޫކޮއްފީނަމަ ވަރަށް ގޯސްވާނެ ދެން ތިބަޔާން ނެރެފައިވާއިރު މައުމޫނާ ނަޝީދުއަށް ދެރަބަސް ބުނެފައި ކައުންސިލުން ބަޔާން ނެރެފައި ވުމަކީ ހިތާމަހުރިކަމެއް ތިރަށުގައި އުޅޭ އެކިރައްޔިތުންގެ ފިކުރާ ހިޔާލު ތަފާތުވާނެ
    ދެންއިތް އަނެއް ސުވާލަކީ ތިރައް ނެގުމަށްޓަކައި ކައުންސުލަރުން ތިރަށައްއެރީ ހުއްދަނަގައިގެންތޯ އަދި ކައުންސިލަރުން ގޮވައިގެނ ދިޔަމީހުން އެރަށަށް ގެންދިޔައީ ކޮންއުސޫލަކުންތޯ ކައުންސިލަރުންގެ ރައްޓެހިންގެ ގޮތުގައި ތިބި ދެތިން ހަތަރު މީހުން ގެންދިއުމަކީ ކޮން އުސޫލަކުން ކުރެވުނު ކަމެއްތޯ މީގެއިތުރުން އަންވަރު އަޑީގައި ހުރެގެން ތަސްމީނުގެ ބާރުއޮވެގެން އަލީސޯލިހު ލައްވާ ސިޔާސީ އުސޫލަކުން ތިކަން ކޮއްފައިވާނަމަ އެހެންބަޔަކު ވެރިކަމަށްއެރުމުން ތިކަން ހަމަ ތިގޮތުގައި ދެމިއޮވެދާނެބާވައޭ
    އެހެންވީމާ މިފަދަ ހަމަނުޖެހޭގޮތަކައް މިކަން ވެގެން ދިޔަކަމީ މީކަމުގެ ސަބަބުން ފިތުނައުފެދި ރަށުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލި ހަމަނުޖެހުންއުފެދިގެންދާނެކަމެއްކަން ރަށުގެ ކައުންސިލްގެ ބޭފޫޅުން ވިސަނަވާލެއްވިބާ. މިކަމުގެ ސަބަބުން ހަމަރަށުގެ ހުރހާ ރައްޔިތުންނައް ދެމެހެއްޓެނިވިގޮތެއްގާ ފައިދާކުރަނިވި ޕްލޭނެއް އެކުލަވާލެވޭފަދަ ހަރުދަނާކަމެއް މިހާރުގެ ކައުންސިލް ބޭފުޅުންގެ އެބަހުރިބާ މިފަދަ އެތައްސުވާލެއް އެބަހުރި.

    ރައްދު
  2. None

    ނިކަން ކެރެންޏާ ސައްތަބޭއަތުން ނިބިލިގާ ނަގާބަލަ. ރަށުކައުންސިލަށް އޭރުން ކޮންމެމަހަކު ކުލީގެ ގޮތުގައި ސޮނެވާއިން އެދޭ 1000 ޑޮލަރުވެސް ލިބޭނެ. މާއްޑޫން ކޯއްޗެއްތަލިބެނީ؟ ކައުންސިލްގަހަމަނެތޭ އަމިއްލައެދުމުންފޯނުވާ އެއްވެސް ބޭފުޅަކު.

    ރައްދު
  3. anonymous

    ަަަަބަލަ ތިތަނަށް ކަރަންޓުލުމަކީ ކަައުންސިލަރުން ހިތަށް އަރުވާލީމަ ވާނޭ ކަންތަކެއް ނޫނޭ!

    ރައްދު
  4. Bakurube

    މަރުހަބާ ! އޭދަފުށި ކައުންސިލައް މިންނެތް……. ޝުކުރު އަދާކުރަން ތިކުރާ މަސައްކަތަައް…..
    މާއްޑޫ ޢަކީ ވަރަށް ގިނަ ދުވަސް ތަކެއްކުރިންވެސް އޭދަފުސީ ރައްޔިތުން ބޭނުންވި ރަށެއް. ވަކިން ޙާއްސަކޮށް ރަށުގައި ހަރަކާތް ތެރިވާ އެމްޑީފީގެ ވަރައް މަދު ބަޔަކު ފޮނި އުންމީދެއް!!!! އެމްޑީފީގެ ސަރުކާރުގަވެސް ނުވިކަމެއް…
    ދެން މިހާރު ހަޖަމް ނުކުރެވުނީ،،،،،،، ދެން ހަމަ ތެޅިތެޅި ޖެހޭނީ ތިބެން،،، ނަޝީދުއަކީ އޭދަފުށްޓައް އެއްވެސް ކަމެއް ކޮށްދޭނެ މީހެއްނޫން ،، ވަރަށް ސާފު..
    މަރުޙަބާ ކައުންސިލް އަދި ޙާއްސަ ޝުކުރު އަލީ ސޯލިހު އަށް

    ރައްދު
  5. ގްރޭޕްސް

    ބަލަގަ! ތިޔަރަށަކީ މިހާރު ދަނޑުވެރިކަން ކުރާރަށެކޭ އެކަމުން އޭދަފުށީ ރައްޔިތުންނަ ފައިދާއެއް ނުވޭތޯ! މި ރޯދަމަހު މި ރަށުން ކަރާ ހުސްނުވެ ލިބެންމިހުންނަނީ މާއްޑޫގައި ކަރާހައްދާތީނޫންތޯ.! އަމިއްލައެދުމާއިގެން އުޅޭ ބައެއް ތިޔައީ…… އަންނަ އަހަރަކުނުހޮވޭނެ….ކިޔަވައިގެންތިބި ރަގަނޅު ބަޔަކު ކުރިމަތިލާނެކަމަށް އުއްމީދުކުރަން

    ރައްދު
  6. None

    މާއްޑޫ ބޭނުންކުރެވޭނެގޮތުގެ ސިޔާސަތު ވީއެންމެއަވަހަކަށް ރައްޔިތުމީހާއަށް އެގުން ވަރަށްމުހިއްމު! ކައުންސިލްގެ ކުއްލިބައްދަލުވުމެއްބާއްވައިގެން މިކަން އަވަސްކުރޭ!

    ރައްދު
  7. mohanaa

    ދެން އޭދަފުށީ ފުރަގަސް ފަރާތުގައި އޮންނަ ސޮނެވާފުށިވެސް ނަގާ!! އަދި ދުވަސްކޮޅަކުން އުނޑޫދޫވެސް ނަގާ!!!! ދެންބުނޭ އޭދަފުށީގައި އުޅެނީ މި ތިންރަށު މީހުންނޭ!!! ނިމުނީނު، ދޯ!

    ރައްދު
  8. laamu

    ދެން ރަނގަޅުކަމެއް ކޮށްފި މި ކައުންސިލުންވެސް. އެކަމު މަގޭ ވޯޓެއް ނުދޭނަން ބުރިޖެއް އެޅިޔަސް ތިޔާމީހުންނަކަށް.

    ރައްދު
  9. mohona

    ގައިމު ކީ ބަގީޗާގޭ ކުޑަ ސިއްތި އަތުން މާއްޑޫ ނެގޭނެ ފެންވަރު މީހަކު މިސަރުކާރަކުވެސް ކުރީ ސަރުކާރަކުވެސް ނެތޭ ، ކިހިނެއް މިވީ! ތިކަމުން އޭދަފުއްޓަށް ތިޔަ ލިބުނީ ހާދަހާވާ ބޮޑު ކުރިއެރުމެކޭ!!! މަރުޙަބާ

    ރައްދު
  10. Jaaa

    ހަމައެކަނި އޭދަފުއްޓަށް ދީގެނެއްނުވާނެ. ބ.އަތޮޅުގެ އެހެނިހެން ފަޅުރައްރައްވެސް މީހުން އުޅޭ ރަށްރަށައް ދޭން ފެނޭ. ރިސޯޓް ތަށް ހަދައިގެން ރިސޯޓްތަކަށް ހުރިހާ ފަޅުރައްރައް ދީގެން ނެތް ވާކަށެއް މިކަމެއް. އަތޮޅު ކައުންސިލްގެ މެމްބަރުންވެސް މިކަމުގައި ރިސޯޓްތަކަށް ބައި އަޅައިގެން އުޅެނީ. ދިވެހިންނަށް ނެތް މިޤަޢުމަކު އުޅެވޭކަށެއް…

    ރައްދު
  11. galf

    އެމްޑީޕީ މީހުން އުޅެނީ އެރަށް އަލުން އެބުނާ ކުޑަސިއްތި އަށް ދޭން. މީތޯ ރަތްޔިތުންނަށް ވާ އިހުލާސްތެރިކަމަކީ؟؟؟

    ރައްދު
  12. galf

    އުފާވެރި ހަބަރެއް ތީ!!! އޭދަފުށީގެ ތަރައްޤީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްތީ!!! ވަކިބަޔަކަށް ރަށްރަށް ލިޔުއްވައިގެން ނުވާނެ. ހުރިހާއެންމެންނަށްވެސް ބޭނުން ކުރެވޭގޮތަށް އޮންނަން ޖެހޭނީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.