ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް ބ. އަތޮޅުގައި ފަށައިފި

ސްވިމް މޯލްޑިވްސްގެ ފަތާ ޓީމު ފެތުމަށް ތައްޔާރުވެގެން –ފޮޓޯ: އީޓީ

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ފެތުމުގެ އިވެންޓް ބ. އަތޮޅުގައި މިއަދު ހެނދުނު ފަށައިފި އެވެ.

މަޝްހޫރު ގާނޫނީ ވަކީލް، އަދި ދުވުންތެރިޔާ، ހުސައިން ޝަމީމް އިސްވެ ހުންނަވައިގެން ހިންގާ، ސްވިމް މޯލްޑިވްސް އިން މިއަދު ހެނދުނު އޭދަފުށީގައި ފެށި، “ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019” އިވެންޓުގައި އަށް ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފައްޓަވައި ދެއްވި މި ހަރަކާތުގައި މިއަދު ހެނދުނު އޭދަފުށިން ފަތައިގެން އަށް މީހުންގެ ޓީމުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މީހުންގެ ފެތުމުގެ މި ދަތުރުގައި މިއަތޮޅުގެ 22 ރަށަށް އަރާނެ އެވެ. 22 ރަށުގެ ތެރޭގައި މީހުން ދިރިއުޅޭ އަށް ރަށާއި 13 ރިސޯޓެއްގެ އިތުރުން ފިނޮޅެއްވެސް ހިމެނެ އެވެ.

ސްވިމް މޯލްޑިވްސްގެ ފަތުމުގެ ޓީމުގެ ބައެއް ބައިވެރިން –ފޮޓޯ: އީޓީ

އެގޮތުން މިއަދު އޭދަފުށި- ސޮނޭވާ ފުށި – ނެލިވަރު ފިނޮޅި- މާޅޮސް އަރާނެ އެވެ. އެއަށް ފަހު މާދަމާ މާޅުން ހިބަޅިދޫ – ދަރަވަންދޫ އަށް އަދި ހޯމަދުވަހު ދަރަވަންދޫ- ހަނިފަރު އަދި ދޮންފަނަށެވެ.

އަންގާރަ ބައިވެރިން ފަތާނީ ދޮންފަނުން ކިހާދުއްފަރު ރިސޯޓަ އަދި ކިހާދޫން އަމިއްލަފުށި ރިސޯޓަށެވެ. ބުދަ ދުވަހު ބައިވެރިން މަޑު ކުރާނީ އަމިއްލަ ފުށީގައި އަރާމު ކުރާ ދުވަހެއްގެ ގޮތުގަ އެވެ. އެއަށްފަހު ބުރާސްފަތި ދުވަހު އަމިއްލަފުށިން މިލައިދޫން ފަތާފައި ދާނީ ކަމަދޫއަށެވެ. އަދި ހުކުރު ކަމަދޫން ދާނީ ފޯސީޒަން ލަނޑާ ގިރާވަރަށް އަދި އެ ރިސޯޓުން ކުޑަރިކިލަށެވެ.

އިވެންޓްގެ އެންމެފަހު ދުވަހު ކުޑަރިކިލުން ހުރަވަޅި – އުނޑޫދޫ- ފުނަދޫ – ހުޅުދޫ ރިސޯޓް- ގެމެންދޫ ކެންދޫ އަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ފެތުމުގެ ހަރަކާތް ހިނގާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 12:00 އަށެވެ. އަދި ކޮންމެ ރަށެއްގައި އުރީދޫއިން ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ހިންގާނެ އެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ސޮނޭވާ ފުށި ރިސޯޓުގެ ފަރާތުން ދަރަވަންދޫ ގޮނޑުދޮށް ސާފު ކުރުމަށް ކުރުމާއި ފޯސީޒަން ރިސޯޓުގެ ފަރާތުން ކަމަދޫ އާއި ކުޑަރިކިލީގެ އިތުރުން ކެންދޫގައި ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ރީތިކަން ދުނިޔެއަށް އަންގައިދިނުމާއި ރާއްޖެއަކީ ފެތުމުގެ މަންޒިލެއްކަން އަންގައިދިނުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި މޫދާއި މޫދު ކުޅިވަރުތައް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވެސް ޕްރޮމޯޓް ކުރުމަކީ ވެސް މި ފެތުން ބޭއްވުމުގެ މަގުސަދެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ މި ހަރަކާތް ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ސްވިމް މޯލްޑިވްސްއިން ނިންމާފައިވާ ކަމަށެވެ. އަދި މި އިވެންޓް ނިންމުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް އެ ޓީމާ އެކު ފެތުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.