ބީއެމްއެލްގެ ލުއި ލޯނު ތިން ލައްކަ އަށް ބޮޑުކުރަނީ

ބީއެމްއެލުން ދޫކުރާ ލުއި ލޯނުގެ މިންވަރު 300،000ރ އާ ހަމަޔަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރަނީގެ ވަނަވަރު އާންމުންނަށް ލިބޭ ގޮތަށް އެމްއެމްއޭ އިން ތައްޔާރުކުރި ވެބްސައިޓު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި، ޝަރީފު ވިދާޅުވީ އެ ބޭންކްގެ ލުއި ލޯނުގެ އިވެލުއޭޝަން އޮޓަމޭޓް ކުރެވި ލޯނު ހަމަޖެހޭ މުއްދަތު ފަސް ދުވަހުގެ މުއްދަތަކަށް މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި 300،000ރ އާ ހަމައަށް ލިބޭ ލުއި ލޯނުގެ އިތުރުން އަމިއްލަ ފަރުދުންނަށް އަމާޒުކޮށްގެން އާ ލޯނުތަކެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މިހާރު ލުއި ލޯނުގެ ގޮތުގައި އެންމެ ބޮޑުކޮށް ދޫކުރަނީ 100،000ރ އެވެ. މިއީ ވަރަށް ގިނަ އާންމުން މިހާރު ވެސް ނަގަމުން އަންނަ ލޯނެކެވެ.

ދަރަނީގެ މައުލޫމާތު އެނގޭ ވެބްސައިޓެއް ހަދައި އެ މެދުވެރިކޮށް އަމިއްލައަށް ރިޕޯޓް ނެގޭނެ ގޮތް ފަހިވުމަކީ ރާއްޖޭގެ ބޭންކިން ސިނާއަތަށް މުހިންމު ބަދަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

“އެމްއެމްއޭގެ އިތުރުން ބޭންކުތަކަށާއި އާންމު ފަރުދުންނަށް ވެސް މި ޚިދުމަތާ އެކު ވަރަށް ބޮޑު ލުއި ފަސޭހަވެގެންދާނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް މިވަގުތު ބޭނުންވާ ފަދަ އީޖާދީ އަދި ޒަމާނީ ބަދަލެއް،” ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކަކުން ކުރާ އެންމެ މުހިންމު މަސައްކަތަކީ ބޭންކަށް ލިބޭ ޑިޕޮސިޓް އިންވެސްޓްކުރުން ކަމަށާއި ލޯނެއް ދޫކުރުމުގައި އެ ލޯނު ދޫކުރެވޭ ފަރާތުގެ ކްރެޑިޓް ހިސްޓްރީ ނުވަތަ ކްރެޑިޓް ވާދިނެސް ބެލުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއަށް ބޭނުންވާ ސައްހަ މައުލޫމާތު، ރާއްޖޭގެ އެންމެ ބޮޑު ބޭންކްގެ ގޮތުން ބީއެމްއެލުން ފޯރުކޮށްދެމުން އަންނަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ބިއުރޯ އަށް ލިބޭ މައުލޫމާތުގެ އެންމެ ބޮޑު ބައެއް ހިއްސާވަނީ ބީއެމްއެލުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.