އުރީދޫން ސަރުކާރަށް، ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާކުރަނީ

އުރީދޫގެ ފަރާތުން ސަރުކާރަށް ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫގެ ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭ އުނގަންނައިދިނުމުގެ ޕްލެޓްފޯމްކަމަށްވާ ސްމާޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް ޚާއްޞަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދުން ބުނިގޮތުގައި ރާއްޖޭގެ ޔުނިވަސިޓީތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.

މިއަދު ހެނދުނު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މި ހަރަކާތް އުރީދޫގެ ސީއީއޯ ނަޖީބް ޚާން އިއުލާންކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.

މި ހަފްލާގައި، ޑިޖިޓަލް މޯލްޑިވްސްއަށް އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުވާލެވި، ވީހާވެސް ގިނަބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް އުރީދުން ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ސްމާރޓް ކެމްޕަސް އަކީ އޮންލައިންކޮށް ތައުލީމް ހާސިލްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތަކަށް ވީ ހިނދު، ހިލޭ މި ޚިދުމަތް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވެގެންދޭ. މި ހިންގޭ ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން، އަލުން މުޖުތަމައުއަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ،” އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.