އޭދަފުށީ ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ

ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ އޭދަފުށީ ރައްޔިތުންނާ ސަލާން ކުރައްވަނީ: އޭދަފުށީގައި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި.– ފޮޓޯ / ނިޔަމި

 
ބ. އޭދަފުށީގައި ވަރަށް އަވަހަށް ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެންދާނޭ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މެންދުރު ފަހު އޭދަފުއްޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.ބ. އަތޮޅުގެ ރަށްރަށުގެ ތިމާވެށީގެ ހާލަތު ބައްލަވައިލެއްވުމުގެ ގޮތުން ކުރައްވާ މި ދަތުރުފުޅުގައި އޭދަފުށީގައި ހުންނަވާ އެ މަނިކުފަނު ވިދާޅުވީ ނަރުދަމާގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގައި ހައުސިން ޔުނިޓްތަކެއް ވެސް ސަރުކާރުން ހައްދަވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

“މިހާރު މި ރަށުގެ ނަރުދަމާ އެ އޮތީ ބޭރު ބަޔަކާއެކު އެއްބަސްވުމަކާ ހަމަ އަށް އާދެވިފައި. ވަރަށް އަވަހަށް އެ ކަން ފެށޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. އަޅުގަނޑު އެ ކަން އަވަސް ކުރުމަށް މަސައްކަތް ވެސް ކުރާނަން. މީގެ އިތުރުން އަޅުގަނޑު ޔަގީން ކުރަން އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތި ކަމަށް ވެސް ސަރުކާރުން އެ ހިންގަވާ މަޝްރޫއުގެ ދަށުން ގެދޮރު އަޅުއްވާ އަދި އެހެން މަޝްރޫއުތައް ވެސް ހިންގަވާ ދެއްވާނެ ކަމަށް،” ޑރ ވަހީދު ވިދާޅުވި އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި އޭދަފުށީގެ ވަށައިގެން ގިރަމުންދާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާ އެ ތަންތަން ބައްލަވައިލެއްވި އެވެ. އޭގެ ތެރޭގައި އޭދަފުށީ ހަލީމާ ހައުސްއާ ދިމާ އަތިރިމަތި އަދި ޔޫސުފް ކަލޭފަނު މަގުގެ ދެކުނު ފަރާތް ބައްލަވައިލައްވާ ބައެއް އާންމުންނާ ވެސް ބައްދަލުކޮށް ވާހަކަ ދައްކަވާ ހެއްދެވި އެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ހިތާދޫ އަދި ތުޅާދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ބ. އަތޮޅު އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.