ދަރަވަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކޮށްފި

ބ. ދަރަވަންދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރެއްވުމަށް، އެރަށު ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ މިއަދު ބައްދަލުކޮށްފި އެވެ.

ރައީސް އާ ބައްދަލުކުރި ބޭފުޅުންގެ ތެރޭގައި، ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު އާއި ނައިބް ރައީސް އަލީ ޝަފީގު އަދި ކައުންސިލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސާ ބައްދަލުކުރެއްވުމަށް ފަހު، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު “އީޓީ” އަށް ވިދާޅުވީ، އެ ރަށުގައި ބަނދަރުގެ ދަތިކަމާއި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ރައީސާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައްވެސް މެންބަރުން، ރައީސާ ޙިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދަރަވަންދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށް، އެ ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޤާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވާނެ ކަމަށް މާޖިދު ވިދާޅުވި އެވެ.

“ޖުމްލަ ގޮތެއްގައި މަޝްވަރާ ކުރެވުނީ ރަށުގެ ޔުޓިލިޓީސް މައްސަލަތަކާ ދޭތެރޭ، އެގޮތުން ފެނާއި ނަރުދަމާ ކަރަންޓް އަދި ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައްވާނީ ހިއްސާކޮށްފައި. ރައީސް ވިދާޅުވީ ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް،” މާޖިދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.