ޕްލާސްޓިކަށް ހޭލުންތެރިކުރުވުމަށް ހާއްސަ ދަތުރެއް

ބ. އަތޮޅުގައި ހިންގާ ސްޓޭންޑް އަޕް ޕެޑަލްކުރުމުގެ ހަރަކާތަށް ޓީމުގެ ތިން ބައިވެރިން ޓްރެއިންކުރަނީ — ފޮޓޯ/ ކޮކޯ ކަލެކްޝަން

ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި، އެ ދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ދިމާވާ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހަތަރު އަންހެނުންގެ ޓީމަކުން ބ. އަތޮޅުގައި ސްޓޭންޑްއަޕް ޕެޑަލް ދަތުރެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

“ސްޓޭންޑް އަޕް ފޮ އަވާ ސީސް އެކްސްޕެޑިޝަން”ގެ ނަމުގައި ކޮކޯ ކަލެކްޝަންގެ އެހީގައި ސްޓޭންޑްއަޕް ޕެޑަލްކޮށް ކުރާ މި ދަތުރަކީ 100 ކިލޯ މީޓަރުގެ ދިގު ދަތުރެކެވެ.

“ޕެޑަލް އެގެއިންސްޓް ޕްލާސްޓިކް”ގެ ނަމުގައި ކެމްޕޭން ހިންގާ މި ދަތުރުގައި ބައިވެރިވަނީ އިނގިރޭސި އެކްޓިވިސްޓް އަދި ވެޓެރިނޭރިއަން ކެލް މޭޖާއާއި، ރާއްޖޭގައި ހިންގާ އޮލިވް ރިޑްލީ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ވެޓެރިނޭރިއަން ކްލެއާ ޕެޓްރޮސްގެ އިތުރުން ދިވެހި ސާފިންގް އިންސްޓްރަކްޓަރުން ދަފީނާ ހަސަން އިބްރާހީމް (ދަފީ)އާއި ޝާޒިޔާ ސައީދު (ޝާޒު)އެވެ.

މި ދަތުރުގައި މި ހަތަރު ބައިވެރިންގެ ޓީމުން ބ. އަތޮޅުގެ އެކި ރަށްރަށާއި ރިސޯޓުތަކަށް މަޑުކޮށް، ރައްޔިތުންނާއި ފަތުރުވެރިންނާއި ސްކޫލު ދަރިވަރުންނާ ވާހަކަދައްކައި، ރާއްޖޭގެ ކަނޑުތަކާއި އަދި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވާނެ އެވެ.

ބ. އަތޮޅުގައި ހިންގާ ސްޓޭންޑް އަޕް ޕެޑަލްކުރުމުގެ ހަރަކާތަށް ޓީމުގެ ތިން ބައިވެރިން ޓްރެއިންކުރަނީ — ފޮޓޯ/ ކޮކޯ ކަލެކްޝަން

މީގެ އިތުރުން ރިސޯޓުތަކާއި ރަށްރަށުން ތިމާވެށި ރައްކާތެރިކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސްކޫލު ކުދިންނަށާއި ފަތުރުވެރިންގެ އިތުރުން އާންމުންނަށް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހަތް ދުވަހަށް ދެމިގެންދާ މި ޕެޑަލް ބޯޑު ދަތުރު ފަށާނީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދަތުރު ނިންމާނީ ފެބްރުއަރީ 28 ވާ ބުރާސްފަތި ދުވަހު، ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުންނެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް އެދި އާދޭސް ކުރުމަށާއި އެ ކަމަށް އާއްމުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓްތަކުން ހޭލުންތެރި ކުރުވުމަށް މިމަހު ކުރީކޮޅު މިއަތޮޅުގައި ވަނީ 43.7 ކިލޯ މީޓަރުގެ ދިގު ފެތުމުގެ ހަރަކާތެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.