ބ. އަތޮޅުގެ އެތައް ރަށެއްގެ ފައިސާ ހަމައެކަނި އެސްއޯއެފަށް!

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ފުލް ރިޕޯޓު އެ ކޮމިޝަނުން މިއަދު އާއްމުކުރިއިރު، ބ. އަތޮޅުގެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވަރަށް ބޮޑު ހިޔާނާތެއް ވެފައިވާކަން ހާމަވެއްޖެ އެވެ.

އޭސީސީން މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 7 ރަށާއި ދެ ފަޅުގެ މައްސަލަ ވަނީ ބަލައިފަ އެވެ.  އޭގެ ތެރޭގައި ހިމެނެނީ ދާންދޫ، މިރިޔަންދޫ، ވޯވައް، މުތާފުށި، މިލައިދޫ، ހިބަޅިދޫ، މާމަޑުއްވަރީގެ އިތުރުން ދިގުދެފަރާއި ހުރާފަރު ފިނޮޅެވެ.

ރިޕޯޓުން އެނގޭ ގޮތުގައި ބ. އަތޮޅުގެ އެ ރަށްރަށާއި ފަޅުތަކުގެ ދޫކޮށްގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 9.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެ އެވެ. ނަމަވެސް ރިޕޯޓުން ހާމަވާ ގޮތުގައި އެ ފަޅުތަކާއި ރަށްރަށުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބެން ޖެހޭ ހުރިހާ ފައިސާ ވެސް ވަދެފައިވަނީ އެސްއޯއެފްގެ އެކައުންޓަށެވެ.

ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިބަޅިދޫ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ދައްކާފައެއް ނުވެއެވެ.  

އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ. އެގޮތުން ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ވަން ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ.

އޭސީސީގެ ރިޕޯޓްގައި ބުނަނީ 1.3 ބިލިއަން ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެމްބެޒުލްކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާއިން ނަގާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްގައި ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.