ބީއެމްއެލް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފިއެވެ.


ގއ. ކޫއްޑޫގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ކާޑު ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރާއި ބޭންކުގެ އިސްވެރިން މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އަލަށް ތައާރަފްކުރެވުނު މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގޭނެއެވެ. އަދި މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެއް ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ޚިދުމަތް އެންމެންނަށް ވީހާވެސް ގާތުން ފޯރުކޮށްދެވޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

“އެހެންކަމުން މަސްވެރިންނަށް މި ތައާރަފްކުރެވެނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެއް. މަސްވެރިންނަށް ދޫކުރާ މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާއެކު ނަގުދު ފައިސާ އާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުންނަވައިގެން ބޭންކިންގ ޚިދުމަތް ހޯދޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ލިބޭނެ އެންމެ އުފާރި އެއް ޚަބަރަކީ މިގޮތަށް މަސްވެރިޔާ ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ބޭންކުން ފަސޭހައިން ލޯނު ދިނުމުގެ ފުރުސަތު ފަހިވެގެން ދިޔުން.”

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.