އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ‘މޫލީ’ އުރީދޫ އިން ތައާރަފްކޮށްފި

އުރީދޫގެ އައު ޑިޖިޓަލް ޚިދުމަތް ކަމަށްވާ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް “މޫލީ” ތައާރަފްކޮށްފިއެވެ.

މިޚިދުމަތް އެކުންފުނިން ފުރަތަމަ ދައްކާލާފައި ވަނީ ސްޕެއިންގައި ކުރިއަށްދިޔަ މޮބައިލް ވޯލްޑް ކޮންގްރެސް ނުވަތަ އެމް.ޑަބްލިއު.ސީ ބާސެލޯނާ 2019 ގައެވެ. 

އުރީދޫ މޯލްޑިވްސް އިން ބުނީ މިއީ ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ދިވެހިންގެ ޑިޖިޓަލް ހަޔާތަށް ފަސޭހަކަމާއި ފައިދާ ލިއްބައިދޭ ޙިދުމަތެއް ކަމަށެވެ. 

މޫލީއަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެކެވެ.

މީގެ ތެރޭގައި ޕްރޮޑަކްޓްތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާ ދެއްކުން، އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ފޮނުވައިދިނުން ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.

މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދޭނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓްތަކާއި، ރާއްޖޭގެ ތަފާތު ޔުޓިލިޓީ ޚިދުމަތްތަކެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ޕެލްޓްފޯމް ވެގެންދާނީ ތަރުކާރީ އާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްޙީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި އީ-ކޮމާސްއަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެ ކަމަށާއި ކަސްޓަމަރުން ކުރާ ތަފާތު މުއާމަލާތްތަކަށް ބިނާކޮށް ދެވޭ ޚާއްސަ ލަފާތަކާއި، ޕްރިޑިކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން، އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި މޫލީ ރަޖިސްޓަރކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ މުދާ ވެސް ވިއްކާލުމުގެ ފުރުޞަތު ހުޅުވާލާނެއެވެ.

އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް މިމަހު ކަސްޓަމަރުންނަށް ތަޢާރަފްކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.