ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފި

ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައިފި އެވެ.

 ބީއެމްއެލް އިން ބުނީ މި ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ 1 މާރިޗު އިން ފެށިގެން ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ގެނެވުނު ބަދަލާ ގުޅޭގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ އީ-ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގައިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުކަމަށާއި މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި ކަމަށެވެ.

“އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ޚިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ޚިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން.” ޝަރީފް ވިދާޅުވި އެވެ.


ބީއެމްއެލް އިން ބުނީ  މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާ އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެއް ކަމަށެވެ. އަދި ކުދި ވިޔަފާރި ތަރައްގީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ވެސް ހާއްސަ ވެގެންދާ ބޭންކަކީވެސް ބީއެމްއެލް ކަމަށް އެ ބޭންކުން ބުންނެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި  އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތްވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުޢާމަލާތްކޮށްފައިވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ %90 އަށް ވުރެ ބޮޑު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.