ހަމްޕު މާޒިޔާ އަށް ބަދަލުވެއްޖެ

ވޭތުވެދިޔަ ފަސް އަހަރު ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއްދެއްކި ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާ ސ.އ.ރ އަށް ބަދަލުވިކަން އެ ކްލަބުން ރަސްމީކޮށް މިއަދު އިއުލާންކޮށްފިއެވެ. 

އެއްބަސްވުމާ އެއްގޮތަށް ނިއު ރޭޑިއަންޓުން މުސާރަ ނުދޭތީ ހަމްޕު އެފްއޭއެމް އަށް ހުށަހެޅި މައްސަލައިގައި މިދިޔަ މަހު އެ އެސޯސިއޭޝަންގެ ޕްލެޔާ ސްޓޭޓަސް ކޮމިޓީން ވަނީ ހަމްޕު އާއެކު ނިއުއިން ހަދައިފައިވާ ކޮންޓްރެކްޓް ބާތިލް ކޮށްފައެވެ. 

ބ. އޭދަފުއްޓަށް އުފަން 24 އަހަރުގެ ހަމްޕު އަކީ 2014 ވަނަ އަހަރުން ފެށިގެން ނިއުގެ ނޫ ޖޯޒީގައި ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓް ގައި ހޭދަކުރި ފަސް އަހަރުތެރޭ ހަމްޕު ވަނީ އެފްއޭ ކަޕާއި ދިވެހި ލީގު އަދި ޗެރިޓީ ޝީލްޑާއި މާލޭ ލީގުގެ އިތުރުން ދެ ޕްރެޒިޑެންޓްސް ކަޕާއި ދެ ޕްރިމިއަރ ލީގު ވެސް ކާމިޔާބު ކޮށްފައެވެ. ހަމައެއާއެކު މޯލްޑިވްސް ފުޓްބޯލް އާއި ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ގުޅިގެން ބާއްވާ ފުޓުބޯޅަ އެވޯޑް ނައިޓުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިޔާއަށްދޭ “ޖޫލޭ އެވޯޑް” ވެސް ހަމްޕު ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ހަމްޕު ވަނީ 2015 ވަނަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ.

2014 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ހަމްޕުގެ ހުނަރު ފެނުނީ އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުންނެވެ. ހަމްޕު އާއެކު ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމަކަށް ދިއުމަށްފަހު ނިއު ރޭޑިއަންޓާއި އޭރު ހަވާލުވެހުންނެވި މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހަމްޕު އަށް ކުރި އިންވެސްޓަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ކުރި އިންވެސްޓެއް ކަމަށެވެ.

ޒުވާން އުމުރުގައި ހަމްޕު ދައްކަމުންދިޔަ މޮޅު ކުޅުމާއެކު ފުރަތަމަ ސީޒަނުގައިވެސް ހަމްޕު ވަނީ ނިއުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިފައެވެ. 2014 އަދި 2015 ވަނަ އަހަރުވެސް ނިއުގައި މޮޅު ކުޅުމެއްދެއްކިއިރު 2016 ވަނަ އަހަރުގެ ނިއުގައި އޮތް އާދައިގެ ޓީމުގައިވެސް އެންމެ ހިތްވަރު ކުރި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. އެއަށްފަހު 2017 ވަނަ އަހަރުން ފެށިގެން ނިއު އަނެއްކާވެސް ވަރުގަދަ ބާރެއްގެ ގޮތުގައި ފެނުނުއިރު އެޓީމުން ހޯދި ކާމިޔާބީގައި ހަމްޕުގެ ހިއްސާބޮޑެވެ.

ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ހަމްޕު އަކީ މިހާރު ސީނިއާ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ސީނިއާ ގައުމީ ޓީމާއެކު ސާފް ސުޒުކީ ކަޕްގެ ދެ މުބާރާތުގައި ކުޅެފައިވާއިރު ހަމްޕު ވަނީ މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުގައި އެހީތެރިވެދީފައެވެ. ފާއިތުވި ފަސް އަހަރު ތެރޭ ނިއުއާ ބާރަ ވަރަކަށް ކޯޗުން ހަވާލުވެފައިވާއިރު ހަމްޕު ފާހަގަ ކުރެވެނީ ހުރިހާ ކޯޗުންގެ ތައުރީފް ލިބޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހަމްޕު މާޒިޔާއަށް ބަދަލުވިއިރު އެ ކްލަބުން ވަނީ މީގެ ދެ ދުވަސް ކުރިން މިދިޔަ އަހަރުތަކުގައި ޓީސީ ސްޕޯޓްސް ކްލަބުގައި ތަފާތު ދެއްކި ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ގެ ސޮއި ވެސް ހޯދައިފައެވެ. މި ދެކުޅުންތެރިންގެ އިތުރުން އާ ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން އަންނަނީ އިތުރު ކުޅުންތެރިންވެސް ހޯދަން މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް މާޒިޔާ ދޫކޮށް ރަސްމީކޮށް ކްލަބް ބަދަލުކޮށްފައިވަނީ ދެ ކުޅުންތެރިއެކެވެ. އެޓީމު ޔަސްފާދު ހަބީބު (މުލަކޭ) އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ބަދަލުވިިއިރު އިސްމާއީ އީސާ (މެސީ) ބަދަލުވީ ޓީސީ އަށެވެ. މި ދެކުޅުންތެރިންގެ އިތުރުން އެޓީމުގެ އަހުމަދު އިމާޒް (އާއްކޮ) ވެސް ކްލަބް ބަދަލުކުރާނެކަމަށް ބެލެވެއެވެ. 

އާ ސީޒަން އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާއިރު އެފްއޭއެމް އިން މިހާރު ދަނީ ސީޒަން ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.