
ހާއްސަ އެހީއަށް ބޭނުންވާ ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވީލްޗެއާ މިއަދު ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އެ ބޭންކް އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއA ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ދިން ވީލްޗެއާތަކެއް ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ވީލްޗެއަރތައް ހަދިޔާކުރަމުންދަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއަރ އަމިއްލަ އަށް ދުއްވޭނެ ފަރާތްތަކަށް ކަމަށެވެ. އަދި އެ ގޮތަށް ބޭންކުން ވީލްޗެއަރ ހަދިޔާ ކުރާއިރު އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއަރ ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޭންކުން އެފަދަ ވީލްޗެއާ ހަދިޔާ ކުރާކަމަށް އެ ބޭންކުން ބުންޏެވެ.
ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށެވެ.
“މި ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލު އައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ މި ޕްރޮގްރާމް ނިމިގެންދާއިރު މުޅި ރާއްޖޭގައި މޮޓްރައިޒްޑް ވީލްޗެއަރ އަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފަދަ ވީލްޗެއަރ ހަދިޔާކޮށްދިނުން،” އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ބީއެމްއެލް އިންވަނީ ރާއްޖޭގެ މީހުން ހަތް ރަށެއްގައި ދިރިއުޅެމުންދާ 16 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ. އެ ރަށް ތަކުގެ ތެރޭގައި ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ ހިމެނެއެވެ.