ލަނޑާ ގިރާވަރު ރިސޯޓުގައި ބޮޑު ސޯލާ ޕަވަ ސިސްޓަމެއް ގާއިމުކޮށްފި

ލަނޑާގިރާވަރު ރިސޯޓްގައި ހަރުކުރި ސޯލާ ޕެނަލްތައް– ފޮޓޯ/ލަނޑާގިރާވަރު

ބ. އަތޮޅުގައި ހިންގަމުން އަންނަ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދަން ފަށައިފި އެވެ.

މިއީ ރާއްޖޭގެ ރިސޯޓެއްގައި މިހާތަނަށް ގާއިމުކުރި އެންމެ ބޮޑު ސޯލާ ޕަވާ ސިސްޓަމެވެ.

އެންމެ މަތީ ފެންވަރުގައި ހިންގާ ރިސޯޓުގައި އަވިން ހަކަތަ އުފެއްދުމަށް ހިންގި މަޝްރޫއުގެ ދަށުން 58،000 އަކަފޫޓު ސަރަހައްދެއްގައި ވަނީ 3،105 ސޯލާ ޕެނަލް ހަރުކޮށްފަ އެވެ.

ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން ބުނީ ސުވިމްސޮލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ ސޯލާ ޕެނަލްތައް ހަރުކޮށްފައި ވަނީ ސްޓާފް ވިލެޖް އޭރިއާގައި ކަމަށެވެ.

އެ ރިސޯޓުން ބުނީ އަލަށް ހަރުކުރި ސޯލާ ޕެނަލްތަކުން އަހަރަކު 900،000 އާއި 1.1 މިލިއަނާ ދެމެދު ކިލޯވޮޓްގެ ކަރަންޓު އަހަރަކު އުފެއްދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އަހަރަކު 250،000 އާއި 300،000 ލިޓަރާ ދެމެދު އަދަދެއްގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް ވެސް ލަނޑާ ގިރާވަރުން ބުންޏެވެ. އެއީ 650 އާއި 800 ޓަނާ ދެމެދު އަދަދެއްގެ ކާބަން އެވެ.

ފޯސީޒަނުން ބުނީ އަލަށް ގެނައި ބަދަލާ ގުޅިގެން އެއް އަހަރުގެ ތެރޭގައި، 103 ކޮޓަރިއަށް ބޭނުންވާ ކަރަންޓުގެ ތެރެއިން 32 ދުވަސް ސަލާމަތްކުރެވިފައިވާ ކަމަށެވެ. އަދި އެ ރަށުގައި ދުއްވާ ތިމާވެއްޓާ ރައްޓެހި އިލެކްޓްރި ކާރު، 82،000 އަށް ވުރެ ގިނަ ފަހަރު ޗާޖުކުރުން ސަލާމަތްކުރެވޭނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

ލަނޑާގިރާވަރު ރިސޯޓްގައި ހަރުކުރި ސޯލާ ޕެނަލްތައް– ފޮޓޯ/ލަނޑާގިރާވަރު

ފޯސީޒަން ރިސޯޓުން ބުނީ ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ފެށުމުން އެތަނުގެ 15 ކޮޓަރިއަށް 24 ގަޑިއިރު ކަރަންޓް ދެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ރިވާސް އޮސްމޯސިސް ޓެކްނޮލޮޖީއާއެކު 540 ކިއުބިކް މީޓަރުގެ ފެން ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރިސޯޓުން އަންނަނީ ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއްދީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ތައާރަފްކުރަމުންނެވެ. އެގޮތުން 2006 ވަނަ އަހަރު ހުޅުވި ރިސޯޓުން ވަނީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން 2010 ވަނަ އަހަރުން ފެށިގެން ބިއްލޫރި ފުޅި ބޭނުންކުރަން ފަށައިފަ އެވެ. އޭގެ ސަބަބުން އަހަރަކު 365،000 ޕްލާސްޓިކް ފުޅި ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ. އަދި އެ ރިސޯޓުން އަންނަނީ އުކާލާ ޕްލާސްޓިކާއި ފޮތި އަދި ބޫޓު ފަދަ ތަކެތި ޕާލޭ ގުޅިގެން ރީސައިކަލްކުރަން ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.