މިއަދަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. މިދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.
ދިވެހި ފުލުހުން އުފެދުން
ރާއްޖޭގެ ތާޜީޚު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިދިވެހި ފަސްގަނޑުގެ އެންމެ ޞައްޙަ ތާރީހެއް ފެންނަން އޮތީ، ރާއްޖެ އިސްލާމްވުމަށްފަހުގައެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ރާއްޖެއަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރު އެވެ. އޭގެފަހުންވެސް އަދި ކުރިންވެސް ، ރާއްޖެ ހިނގަމުން އައިސްފައިވަނީ ދުސްތޫރީ ވިޔަފާރި ވެރިކަމެއްގެ ތެރެއިން ނޫންކަން ދިވެހިތާރީޙުން ފެންނަން އެބައޮތެވެ. އެގޮތުން ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ދޭންފެށިފައިވަނީ މީލާދީން 21 އެޕްރީލް 1892 ގައެވެ. ފުލުހުންގެ ޚިދުމަތް ދޭންފެށިފައިވަނީ އޭގެ 40 އަހަރު ފަހުން ސިފައިންގެ ތެރެއިންނެވެ. ނަމަވެސް ވާޖިބާއި މަސްޢޫލިއްޔަތުގެ ގޮތުން، ތަފާތު ދެބައެއްގެ ގޮތުގައެވެ.
ފުލުހުން އުފެދިގެން އައިސްފައިވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އޭރު ތިއްބެވި ބޭފުޅުންނާއި މަޝްވަރާކުރެވި ފުލުހުންނާއި ބެހޭ ޤާނޫނެއް އެކަށައެޅުމުންނެވެ. ( އޭރު އެޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ އަވަށްޓެރި ޤައުމުތަކުގެ ވެށި ދެކެވަޑައިގަންނަވާ، ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ.) އަދި މިޤާނޫނު ކީރިތި މަހާރަދުންގެ ހިރިޔާ ފާތުރާދަށަށް 30 ޛުލްޤައިދާ 1351 ގައި ހުށަހެޅި މިޤާނޫނު 2 ޛުލްޙިއްޖާ 1351 ގައި ރަދުން ދަޞްދީޤު ކުރެއްވުމުންނެވެ. ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވުމާއިގުޅިގެން 29 މާރޗް 1933 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ޙިދުމަތް ތަޢާރަފްވެގެން ދިޔައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފާޒުގައި ހިމެނިފައިވަނީ ޖުމްލަ 120 މީހުންނެވެ. އެއީ މާލޭގެ ހަތަރު އަވަށުން ހޮވާލެވުނު ބައެކެވެ. މިގޮތުން ގަލޮޅުން 24 މީހުންނާއި، ހެންވޭރު، ގަލޮޅު، މާފަންނު މިއިން ކޮންމެ އަވަށަކުން 32 މީހުންނެވެ. އެޒަމާނުގައި ފުލުހުންގެ މީހުންނަށް ކިޔައި އުޅެނީ ” ފުލުހު މީހުން” ނެވެ. ފުލުހުން އުފެދިގެން އައުމާއެކު އެޒަމާނުގައި ފުލުހުންގެ މަސައްކަތުގެ އުޖޫރައާއި ޢިނާޔަތްތައް ދެއްވާފައިވަނީ ތަކެތިންނެވެ. މަހު މުސާރައެއްގެ ގޮތުގައި ކޮންމެ މަހަކު ހަނޑޫ މުޅިއެކެވެ. އިތުރު ޢިނާޔަތުގެ ގޮތުގައި އަހަރަކު ދެ ފާތިޙާއާއި ، ތިން ޞަލަވާތާއި، ހަތަރު ބޯފޮޅިއެވެ. އަދި އަހަރަކަށް 3 ޔުނީފޯރމް ދެއްވިއެވެ.
އެންމެ ފުރަތަމަ ފުލުހުން ޔުނީފޯރމްގެ ގޮތުގައި ބޭނުންކޮށް އުޅުނީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި، ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެއެވެ. އަތުގައި މުގުރުބުރި އޮންނަންޖެހޭކަމަށް ފުލުހުންގެ އޭރުގެ ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ.
ފުލުހުންގެ ފުރަތަމަ ޤާނޫނަށް ބަލާއިރު، ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިއޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ. ރަށުތެރޭގެ އަމަން ބެލެހެއްޓުމަށެވެ. މިގޮތުން، މާލޭގެ ހަތަރު އަވަށާއި، ބާޒާރުގައި ފޯރިމެރުމާއި، ބަޔަކު ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެބަޔަކު ވެރިންނާއި ހަމަޔަށް ގެންގޮސް ރިޕޯރޓްކުރަން ޖެހެއެވެ. ފުލުހުން އުފެދުނީއްސުރެ، ފުލުހުން އަދާކުރަމުން އައި ޚިދުމަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބުރަ މަސްޢޫލިއްޔަތެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް، ބޮޑެތި ޖަރީމާތައް ހިންގުމުގެ މަޤުތައް ބަންދުކޮށް، އެފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ކުރުމެވެ. އަދި މިފަދަ ކަންކަންކުރާ ފަރާތްތަކުގެ މަސްލަހަތަށްބަލައި އިންސާފް ހޯދައިދިނުމެވެ. އަދި ފުލުހުންގެ އަޚްލާޤް ހިފަހައްޓައި، ސުލޫކީ އިމެއްގެ ތެރޭގައި، ބޭތިއްބުމަށްޓަކައި، އޭރު އޮތް ފުލުހުންގެ ޤާނޫނުގައިވެސް ފުލުހުން ކުރުން މަނާ ކަންތައްތައް ބަޔަންކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ މީހަކު ކުށެއް ކޮށްފިނަމަ އެމައްސަލަ ބައްލަވާނީ ވުޒާރަތުއްދާޚިލިއްޔާ އިންނެވެ.
ފުލުހުންގެ ތާރީޚުން އެނގެން އޮތް ގޮތުގައި، 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ. އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެބައިސްކަލެއްގައި ނިކުމެ އުޅެއެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ. ތަޚްޤީޤްގެ އެންމެހާ މަސައްކަތްތައް ކުރަނީ އޭރު ސިފައިންގެ އިމާރާތާއި އިންވެގެން ހަދާފައިވާ ކޮޓަރިއެއްގައެވެ. އެއީ ގާތްގަނޑަކަށް 12 ފޫޓް 12 ފޫޓްގެ ކޮޓަރިއެކެވެ. މިކޮޓަރީގައި ހުންނަނީ ފެހިކުލައިގެ ދަވާދު ލާފައެވެ. އެހެންކަމުން އޭރު މިތަނަށް ކިޔައި އުޅެނީ ” ފެހި” އޮފީހެވެ. މިއޮފީހުގެ ތެރޭގައި ހުންނަނީ ދެ މޭޒެވެ. ދެން ހުންނަނީ އަތްގަނޑުލީ ދެތިން ހަތަރު ގޮނޑިއެވެ. އަދި ފައިލްތައް ބަހައްޓާލާނެ ކަފޭރާއަކާއި، މޭޒުމަތީ ފަންކާއެކެވެ. އޮފީސް ހުޅުވާނީ މައްސަލައެއް ހުށަހަޅަން މީހަކު އަތުވެއްޖެ ނަމައެވެ. އެޒަމާނުގައި ފުލުސް އޮފީހަކީ މިއީއެވެ.
ނަމަވެސް އޭގެފަހުން 1972 މާރޗް 13 ވަނަ ދުވަހު ސިފައިންގެ ތެރެއިން ބަޔަކު ޚާއްޞަކުރައްވައި ފުލުހުންގެ ގޮތުގައި ރަޖިސްޓަރީކުރެވުނެވެ. މިމީހުން ސިފައިންގެ ރަޖިސްޓަރީން އުނިކުރެއްވިނަމަވެސް ދިރިއުޅުމާއި އެހެނިހެން ހުރިހަކަމެއް ހަމަޖެހިފައިއޮތީ ސިފައިންނާއެކުގައި ސިފައިންތެރޭގައެވެ. ފުލުހުން ހުރިހަކަމެއްގައިވެސް ރިޕޯޓްކުރަނީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށެވެ.
1972 ވަނަ އަހަރު ސިފައިންތެރެއިން ބަޔަކުވަކިކޮށް މިއުފެއްދެވި ފުލުހުން އޭގެފަހުން އަހަރުތަކެއްވީއިރު ނެތިހިގައްޖެއެވެ. މިމީހުން ރަސްމީލިޔެކިޔުމަކުން އުވާލެއްވިކަން ހޯދިހޯދުންތަކުން އަދި ފެނިފައެއް ނުވެއެވެ.
1993 އޮކްޓޯބަރ 06 ވަނަ ދުވަހު ސ.ގަމުގައި ފުލުހުންގެ ޚިދުމަތްދޭންފެށުނެވެ. މިއީ، މާލެއިން ބޭރުގައި ސިފައިން ގާއިމްވެ ތިބެގެން ފުލުހުންގެ ޚިދުމަތްދިނުމުގެ ފެށުމެވެ.
1997 ނޮވެމްބަރ 11 ވަނަ ދުވަހު ވިލީ ފުލުހުންގެ ޚިދުމަތް މާލޭގައި ދޭންފެށުނެވެ. މިއީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އަމަލީ ފެށުމެވެ.
2004 ސެޕްޓެމްބަރ 01 ވަނަ ދުވަހު ދިވެހި ފުލުހުން މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ވަކިކުރައްވައި ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސެވިއެވެ. މިއީ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މިރާއްޖޭގައި މަރުކަޒީ ފުލުހުން އުފެދުމެވެ.
އެހެންކަމުން މިއަދު ދިވެހިރާއްޖޭގެ ފުލުހުން އެ ފާހަގަކުަމުން ގެންދަނީ އެބޭކަލުންގެ ޚިދުމަތުގެ ސަޔާހި އަހަރެވެ. އާދެ! 86 އަހަރެވެ. އެހެންކަމުން މި ފުރުޞަތުގައި ދިވެހިރާއްޖޭގެ އެންމެހާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އޭދަފުށި ޓައިމްސްގެ ނަމުގައި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.
ތާރީޚީ ނަޒަރަކުން ފުލުހުން
ތާރީޚުގެ ކޮންމެ ދުވަސްވަރެއްގައިވެސް ރައިއްޔަތުންގެ މެދުގައި ޞުލްޙަގާއިމުކުރުމަށްޓަކައި މަސައްކަތްތަކެއް އެ އީރާއެއްގެ ޒަޢީމުން ކުރައްވާފައިވާ ކަމަކީ ކުޑަވެސް އޮޅުމެއްއޮތްކަމެއްނޫނެވެ. ފުލުހުންގެ ޚިދުމަތަކީ ޒަމާންވީ ޚިދުމަތެކެވެ. ގަދީމީ ޗައިނާގައި އެތައްހާސް އަހަރެއްވަންދެން “ޕްރިފެކްޗަރ ސިސްޓަމް” ހިންގައިފައިވެއެވެ. މިނިޒާމަކީ މިއަދުވެސް ޖަޕާން ކޮރެއާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ ނިޒާމެކެވެ.
ގަދީމީ ގްރީކްގައި މެޖިސްޓްރޭޓުންނަށް އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ މަސައްކަތް އަލުން ލައްވާ ކުރުވަފައިވެއެވެ.
ޕެރިސްގައި އޮގަނައިޒްޑް ޕޮލިސް ފޯހެއް ފުރަތަމަ ގާއިމްކުރެވުނީ 1667 އަހަރުއެވެ. ފްރެންޗް ރިވޮލިއުޝަނަށްފަހު 1829 ވަނަ އަހަރު ފްރާންސްގައި ފުރަތަމައަށް ޔްނީފޯރމްޑް ޕޮލިސް ގާއިމްކުރެވުނެވެ.
1737 ވަނަ އަހަރު ލަންޑަންގައި ވޮޗްމެން ސިސްޓަމް ގާއިމުކުރެވުނެވެ. 1749 ގައި ލަންޑަންގައި “ބޯ ސްޓްރީޓް ރަނަރ”ގެ ނަމުގައި ފުރަތަމަ ޕްރޮފެސަނަލް ޕޮލިސް ފޯހެއް ގާއިމުކުރެވުނެވެ.
1642 ވަނަ ޝާއިޢުކުރި “ދަ ސެކެންޑް ޕާރޓް އޮފް ދަ އިންސްޓިޓިއުޓްސް އޮފް ދަ ލޯސް އޮފް ދަ އިންގްލެންޑް” “The second part of the laws of the England” ގައި ޕޮލިސް ލަފުޒު ލިޔެފައިވަނީ (”polles”) މިގޮތަށެވެ. “ޕޮލިސް” މިލަފުޒަކީ 18 ވަނަ ގަރުނުގައި ފްރެންޗް ބަހުން އިނގިރޭސި ބަހަށް ގެނެވުނު ލަފުޒެކެވެ.
މިޒަމާނުގެ ފުލުހުންގެ ބިންގާއެޅުނީ ބެންތަމައިޓް ފެލޯސޮފީ Benthamite philosophy ގެ ދަށުންނެވެ. 19 ވަނަ ގަރުނަށް ދުނިޔެ ކުރިމަތިލީ ދުވަސްވަރުއެވެ.
1861 ގައި ބްރިޓިޝް އިންޑިއާ ޕޮލިސް އުފެދިގެންއައެވެ. 1905 ގައި އިންޑިއަން އިމްޕީރިއަލް ޕޮލިސް އުފެދުނެވެ. އިގިރޭސި އިސްތިޢުމާރުގެ ދަށުން 1948 އިންޑިއާ މިނިވަންވުމާއި ގުޅިގެން ބަހާރަތިޔާ ޕުލިސް ސޭވާ ނުވަތަ އޯލް އިންޑިއާ ޕޮލިސް ސާވީސް (އައިޕީއެސް) އުފެދި އިންޑިއަން (އިމްޕީރިއަލް) ޕޮލިސް އިން ދެމުންދިޔަ ޚިދުމަތްތައް ދޭންފެއްޓިއެވެ.