އުރީދޫން ރާއްޖޭގައި އެޗްޑީ ވޮއިސް ތައާރަފްކޮށްފި

އުރީދޫން ރާއްޖޭގައި މިއަދު އެޗްޑީ ވޮއިސް ތައާރަފްކޮށްފި އެވެ.

މިއީ “ވޮއިސް އޮވާ އެލްޓީއީ” ނުވަތަ “ވީއޯއެލްޓީއީ”ގެ ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަގުވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.

ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުން އަންނަ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ނެޓްވޯކު ބޭނުންކޮށްގެން ގުޅާލައިދޭ އެޗްޑީ ވޮއިސްގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ.

މީގެތެރޭގައި 4ޖީ+ ނެޓްވޯކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފުކަމަށް ފާހަގަކުރެވޭ ބަދަލުތަކެއް އައުމާއި ދެތިން ސިކުންތުކޮޅެއްގެ ތެރޭގައި ކޯލް ކަނެކްޓުވުން ހިމެނެ އެވެ.

ވީއޯއާއިޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗްޑީވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއެކު، ފޯނުގެ ބެޓްރީ ލައިފް އިތުރުވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މިއަދު ތައާރަފްކުރި އެޗްޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވޯކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ ކަމަށެވެ.

“ރާއްޖޭގައި އުރީދޫގެ ހިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އާ ހިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫން ވަނީ ހާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައި. އުއްމީދަކީ، މި ހިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން.” ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫން އެޗްޑީ ވޮއިސްގެ ހިދުމަތަށް އިތުރު އެއްވެސް އަގެއް ނުނަގަ އެވެ. ހަމަ އެހެންމެ، މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވޯކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް، ވީއޯއެލްޓީއީގެ ހިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗްޑީ ވޮއިސް ބޭނުންކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.