ބީއެމްއެލްއަށް މިފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި ފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު ފައިދާގެ ގޮތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 13 ޕަސެންޓް އިތުރު މިންވަރެކެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. އެހެންކަމުން ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނަ އަހަރު 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.

އެ ބޭންކަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވެފައިވަނީ މާލީ ގޮތުން ބޭންކަށް އެންމެ ކާމިޔާބު އަހަރުގެ ގޮތުގައެވެ. މި ކާމިޔާބު ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދި އަދި  ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާ ގުޅިގެންކަމަށް ބީއެމްއެލް އިން ބުންޏެވެ.

 2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ ‘އަހަރެންގެ ބޭންކް’ ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 4 އައު ބްރާންޗާއި 5 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތްވެސް ތާރަފްކޮށްފައެވެ. މީގެ އިތުރުން ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 230 އިން 277 އަށް އިތުރުކޮށްފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވި ގޮތުގައި މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތަކެވެ.

“ބޭންކުގެ  އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ބޭންކުގެ ޚިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ޚިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭންކުންފޯރުކޯށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން.”

ބޭންކުގެ ސްޓްރެޖީއަށް އަލިއަޅުވާލަމުން އައިޝަތު ވިދާޅުވީ “2014 ވަނަ އަހަރުން ފެށިގެން ބޭންކުންވަނީ 5 އަހަރުގެ ޕްލޭނެއް ތައްޔާރުކޮށް ބޭންކުގެ އޮނިގަނޑާއި، ޓެކްނޮލޮޖީގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކުރާ އިންވެސްޓްމަންޓް ތަކަށް މުހިންމު ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު މި ޕްލޭން ކާމިޔާބު ކަމާއެކު ފުރިހަމަކޮށް މިއަދު ބޭންކް އޮފް މޯލްޑިވްސް އަކީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު މިންގަނޑުތައް ހިފަހައްޓާ އަދި މި ސަރަހައްދުގެ ބޭންތަކުގެ ތެރެއިން އެންމެ ކުރީސަފުގައި ގުނާލެވޭނެ ބޭންކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


ބޭންކުން ހޯދި މާލީ ނަތީޖާ އަށް އަލިއަޅުއްވާލަމުން އައިޝަތު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރާއި ހިލާފަށް މިދިޔަ އަހަރު ރަނގަޅު މާލީ ނަތީޖާއެއް ހޯދާފައި މިވަނީ އެއްފަހަރާ ގަނޑުކޮށް ލިބޭ ފައިސާ ނުހިމެނިއެވެ.

“މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުން. އަދި ހަމައެހެންމެ ދޫކުރެވުނު ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސްމެ. ލޯނުތަކުގެ ފެންވަރު ރަނގަޅުވެ،  އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސަބަތްވަނީ މިވަނީ %3.5 އަށް ދަށްކުރެވިފަ. މީގެ އިތުރުން ބޭންކުންވަނީ މިއަހަރުތެރޭ އައު އެކައުންޓިންޓް ސްޓޭންޑަޑް އައި.އެފް.އާރް.އެސް 9 ފައިނޭންޝަލް އިންސްޓްރޫމެންޓްގެ ބޭނުންކުރަން ފަށާފައި،”

ކަސްޓަމަރުންނަށް ދޭ ޚިދުމަތާ ގުޅޭގޮތުން އައިޝަތު ވަނީ  ކަސްޓަމަރުން ބޭންކުގެ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

“އޮންލައިން އެޕްލިކޭޝަންއާއި އާންމު ޙިދުމަތްތައް ދިނުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުން ދަނީ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުން. އަދި މިކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށްވެސްވަނީ އިތުރު ހަލުވިކަމެއް ލިބިފަ. ވޭތުވެދިޔަ އަހަރު ތެރޭގައި، އެކައުންޓް ހުޅުވުމާއި، ލޯނު އަދި ކާޑު ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭގޮތް ތަޢާރަފްވެ ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ތަޢާރަފް ވުމުގެ ސަބަބުން އެތައްފަރުދުންނަށް މިވަނީ އޭގެ ފައިދާލިބިފަ. ކުރިއަށް އޮތްތަނުގައިވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މަންފާ ލިބޭނެ ފަދަ އާ ޚިދުމަތްތައް ތައާރަފްކޮށް އަޅުގަނޑުމެން ޓެކްނޮލޮޖީ އަށް އިންވެސްޓްކުރަމުންދާނަން.”

ބީއެމްއެލް އިސްލާމިކް އާއި ގުޅޭގޮތުން އައިޝަތު ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދޭ ‘ބީއެމްއެލް އިސްލާމިކް’ އިން ހަލުވިކަމާ އެކު ކުރިއަރެންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ޑިޕޮސިޓް ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފައިނޭންސިންގ ޕްރޮޑަކްޓްތައްވެސް މިއަހަރު ތައާރަފްކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

“އަލުގަނޑުމެން މިދަނީ ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފްކުރަމުން.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.