މަންތާ އެއާގެ ސީޕްލޭން ހިދުމަތް ފަށަން ކެބިން ކްރޫން ހޯދަނީ

ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން “މަންތާ އެއާ” އިން އަލަށް ފަށަން ހަމަޖެހިފައިވާ ސީޕްލޭން ހިދުމަތަށް ބޭނުންވާ ކެބިން ކްރޫން ހޯދަން އިއުލާންކޮށްފި އެވެ.

މަންތާ އެއާލައިނުން ސީޕްލޭންގެ ހިދުމަތް އަންނަ ޖޫން މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަ ސީޕްލޭން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެ އެއާލައިންގެ ސީޕްލޭންގެ ހިދުމަތުގައި ކެބިން ކްރޫންގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ މަގާމަށް އެދި ހުށަހަޅާއިރު ޖީސީއީ އޯލެވެލް ނުވަތަ އޭލެވެލް އިން މަދުވެގެން ތިން ސީ ފާސް އޮންނަން ޖެހެ އެވެ. އަދި ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ކެބިން ކްރޫ ލައިސަންސް އޮންނަ ފަރާތަކަށް ވެސް ވާން ޖެހެ އެވެ. އޭގެ އިތުރުން މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާހުރި ފަރާތަކަށް ވެސް ވާން ޖެހެ އެވެ.

މަންޓާ އިން އެންމެ ފުރަތަމަ ސީޕްލޭން ހިދުމަތް ދޭން ފަށާނީ ދ. ކުޑަހުވަދޫއަށެވެ.

މަންތާ އިން އަންނަނީ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބޭނުންވާ ކެޕްޓަނުންނާއި ކެބިން ސާވިސް އެސިސްޓެންޓުން ވެސް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިގޮތުން އެ ކެބިން ސާވިސް މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ. އަދި ކެޕްޓަނުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންތާ އެއާގެ ދަތުރުތައް އެންމެ ފުރަތަމަ ކުރަން ފެށީ ދ. ކުޑަހުވަދު އަށެވެ. އެއަށްފަހު މިދިޔަ ހަފްތާ ވަނީ ދަރަވަންދޫއަށް ވެސް އެ އެއާލައިންގެ ދަތުރުތައް ފަށައިފަ އެވެ.

މަންތާ އެއާ އިން ނިންމާފައި ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ކުރިމަގުގައި އުދުހުމަށެވެ. ދެން އެންމެ އަވަހަށް ދަތުރުތައް ފަށާނީ ތ. ތިމަފުއްޓަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.