ދިރާގު ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް!

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން ކާމިޔާބު ކަމާއެކު ހައިސްޕީޑް ފައިބަ އިންޓަނެޓް މުޅި ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް ފޯރުކޮށްދީފި އެވެ. މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަ އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ތާރީޚީ ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދިރާގުން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް ގޭބިސީތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުން ފާހަގަކުރަން ރޭ ބެއްވި ހަފުލާގައި ރައީސް ސޯލިހު ބައިވެވެވަޑައިގަންނަވަނީ. ފޮޓޯ: ދިރާގު

އެ ކުންފުނިން 2012 ވަނަ އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމަށް ހިންގި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫޢު ނިންމާލެވުނުއިރު ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1،253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަޅައި ވަރުގަދަ މުވާސަލާތީ ވިއުގައަކުން ވަނީ މުޅި ރާއްޖެ ގުޅާލައިފަ އެވެ. މިއާއެކު، 2016 ވަނަ އަހަރު ދިރާގުން ވަނީ މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދިވެހިރާއްޖެއަށް ފައިބަ ބޮރޯޑްބޭންޑް ތައާރަފުކޮށްފަ އެވެ. އަދި ކުޑަ މުއްދަތެއްގެ ތެރޭގައި މިވަނީ ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް މި ޚިދުމަތް ފޯރުކޮށްދީފައި އެވެ. ސަބްމެރިން ކޭބަލް ވިއުގަ އަކީ މިއަދު ދިރާގުން ބިނާކުރަމުން މިގެންދާ ޑިޖިޓަލް ރާއްޖޭގެ ބިންގަލެވެ.

ފައިބަ އަކީ ކޮބާ؟

ފައިބަ އިންޓަނެޓްގައި ބޭނުންކުރެވޭ ފައިބަ އޮޕްޓިކް ކޭބަލް އަކީ، ސިގްނަލްގެ ފެންވަރަށް ބަދަލެއް ނައިސް، އަލި ދަތުރުކުރާ ބާރުމިނުގައި، ހައި ބޭންޑްވިތް ސިގްނަލް ފޯރުކޮށްދެވޭ ވަސީލަތެކެވެ. އެހެންވެ ފައިބަ އިންޓަނެޓް މެދުވެރިކޮށް ސްޕީޑްއާއި ކޮލިޓީގެ ތަފާތެއް ނެތި މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ރަށްރަށަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދިޔަ އެވެ. ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް މި ޚިދުމަތް މިހާރު ފޯރުކޮށްދީފައިވާއިރު، މި ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ޚިދުމަތަކަށް މިހާރުވަނީ ވެފައި އެވެ.

ފައިބަ އިންޓަނެޓްގެ މުހިންމުކަން

މިއަދުގެ ދުނިޔޭގައި ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަރޯސާވެފައި ވަނީ އިތުބާރުކުރެވޭ ހައިސްޕީޑް އިންޓަނެޓް ކަނެކްޝަންތަކަށް ކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ. ވިޔަފާރީގެ މުޢާމަލާތުތަކާއި މުނިފޫހިފިލުވުން، ތަޢުލީމު ފޯރުކޮށްދިނުމާއި އިޖުތިމާޢީ އިގްތިސާދީ ގުޅުންތައް އަދުގެ ދުނިޔޭގައި ހިނގަނީ ހައިސްޕީޑް އިންޓަނެޓް މެދުވެރިކޮށެވެ. ދިރާގުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ އެންމެހާ ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުމެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ހިންގާ ގިނަ މުޢާމަލާތްތަކެއް ހިނގަނީ ފައިބަ އިންޓަނެޓް މެދުވެރިކޮށެވެ. ކަސްޓަމަރުން އަތުން އޮންލައިންކޮށް ފައިސާ ނަގާ، އޮންލައިންކޮށް ބިލްތަކަށް ފައިސާ ދައްކައި، ޓެކްސްފޯމްތައް ވެސް ސަބްމިޓް ކުރަނީ އޮންލައިންކޮށެވެ.

ދިރާގުން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް ގޭބިސީތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުން ފާހަގަކުރަން ރޭ ބެއްވި ހަފުލާ. ފޮޓޯ: ދިރާގު

ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް ބެލިއަސް ދިރާގު ފައިބަ އިންޓަނެޓް މުހިންމު ދައުރެއް އަދާކުރެ އެވެ. ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ޓުއަރިސްޓުންނަށް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ފޮޓޯތައް އަޕްލޯޑް ކޮށްލާ، ދަތުރުގެ ތަޖުރިބާ ޝެއާކޮށް އެ އުފަލުގައި ރައްޓެހިންނާއި އާއިލާ ބައިވެރިކުރުމުގެ އުފާ ލިބެއެވެ. ފައިބަ އިންޓަނެޓްގެ ސަބަބުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ގެސްޓްހައުސްއެއް ކަމުގައި ވިއަސް މާލެ އާއި މާލެކައިރީގެ ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކެކޭ އެއްފަދައިން، ގެސްޓުންނަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވޭ އިރު، އޮންލައިންކޮށް ކޮޓަރި ވިއްކާ ބުކިން ހެދުމާއި އެތަންތަނުންދޭ ޚިދުމަތްތައް ޑިޖިޓައިޒްކުރުމުގެ ފުރުސަތު ގެސްޓްހައުސް އޮޕަރޭޓަރުންނަށް ލިބެ އެވެ.

ފައިބަ އިންޓަނެޓްގެ ސަބަބުން ރާއްޖޭގެ ތައުލީމީ މަރުކަޒުތަކުގައި ފުޅާ ދާއިރާއެއްގައި ޒަމާނީ ތައުލީމީ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައި އެވެ. އެގޮތުން ދުނިޔޭގެ އޮންލައިން ލައިބްރަރީތައް ބޭނުންކުރުމުގެ ފުރުސަތާއި، އޮގްމެންޓަޑް ރިއަލިޓީ ފަދަ ތަޢުލީމީ އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް ވަނީ ފަހިވެފައި އެވެ.

ދިރާގުގެ ޑިޖިޓަލް ރާއްޖެ ވައުދު

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ދިވާޅުވީ ދިރާގުން މުޅި ރާއްޖެއަށް ހައިސްޕީޑް ބްރޯޑްބޭންޑް ފޯރުކޮށްދިނުމަށް ފެށި މި މަސައްކަތަކީ ރާއްޖޭގެ އެކީ ކަންކޮޅުތަކަށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އަޒުމުގައި ފެށި މަސައްކަތެއް ކަމަށެވެ.

” ހައިސްޕީޑް ބްރޯޑްބޭންޑް ހިދުމަތާއެކު ދިރާގު ޓީވީ ހިދުމަތްވެސް މިހާރު މިވަނީ ރާއްޖޭގެ ގޭބިސީގެ 72 ޕަސެންޓަށް ފޯރުކޮށްދީފައި. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދީ، ކަސްޓަމަރުންނަށް އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް،” އޭނާ ވިދާޅުވި އެވެ.

ދިރާގުން ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައް ވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ފަދައިން މި ޖަޒީރާ ރާއްޖޭގެ 75 ޕަސެންޓަށް ހައިސްޕީޑް ފައިބަ އިންޓަނެޓް ފޯރުކޮށްދީ ޑިޖިޓަލް ރާއްޖޭގެ ބިންގާ އެޅިގެން ދިޔުމަކީ މީގެ އަގުހުރި މިސާލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.