
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ބޭއްވި ޤުރްއާން ކިޔެވުމުގެ 11 ވަނަ މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހައްވާ ފަރާހަތު ނާޝިދު އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ޝަހާމަތު އަބްދުލްޣަފޫރު ހޯދައިފި އެވެ.
ހުރިހާ އުމުރު ފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ފުރުސަތު ދީގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ މުނާސަބަތުގައި ފޭލި ޖަމިއްޔާ އިން ބާއްވަމުން އަންނަ މި މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށްފައިވާ އިރު، ހިތުދަސްކުރުމުގެ ބައިން މިރަށު ލިލީގޭ އުމުރުން 9 އަހަރުގެ ހައްވާ ފަރާހަތު ނާޝިދު، އެއްވަނަ ހޯދީ 123 ކުދިންނާ ވާދަކޮށްގެންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ މިރަށު ފެހުނު ޝަހާމަތު އަބްދުލްޣަފޫރު، 19، ހޯދީ އެ ގޮފިން 138 ކުދިންނާ ވާދަކޮށްގެންނެވެ. ޝަހާމަތު ވަނީ މިދިޔަ އަހަރު ބޭއްވި މުބާރާތުންވެސް ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދައިފަ އެވެ.
މުޅި މުބާރާތުން ހިތުދަސްކުރުމުގެ ބައިން ދެވަނަ އޭދަފުށީ ސަބްދެލިގޭ ފާޠިމަތު ޔުމްނާ އާތިފް ހޯދިއިރު އެ ބައިން ތިންވަނ ހޯދީ ކަނދުމާގޭ، ހުސައިން އައުޝަމް ސައީދު އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން ދެވަނަ ހޯދީ އޭދަފުށީ ގަދަކޯޅިމާގޭ، ރާޔާ އަބްދުއްރައްޒާގު އެވެ. އަދި ތިންވަނަ ހޯދީ ޝާދީވިލާ މުހައްމަދު އަހްމަދު ނާޝިދު އެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު އެވެ.
ފޭލި ޖަމިއްޔާއިން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.
ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށް އަދި މުބާރާތުގައި ވާދަކުރި ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ!