ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

ސޫރަތުގެ ޢާއްމު ތަޢާރަފެއް:

މިއީ މައްކީ ސޫރަތެކެވެ. މިސޫރަތް ބާވާލެއްވިފައިވަނީ ސޫރަތުލް ޣާޝިޔާ އަށްފަހު، އަދި ސޫރަތުއް ޝޫރާގެ ކުރިންނެވެ. ގުރްއާނުގެ ތަރްތީބުން މިއީ 68 ވަނަ ސޫރަތެވެ. މިއީ ކީރިތި ގުރްއާނުގައި (އަލްޙަމްދު)ގެ ލަފްޡުން ފެށޭ ފަސް ސޫރަތުގެ ތެރޭގައި ހިމެނޭ ސޫރަތެކެވެ. އެއީ ސޫރަތުލް ފާތިޙާ، އަންޢާމް، ސަބައު، ފާޠިރު އަދި ކަޙްފު އެވެ. މި ސޫރަތަކީ އެކުގައި ބާވާލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ.

ސޫރަތް ބާވާލެއްވުނު ސަބަބު:

އިބްނު ކަޘީރު ރަޙިމަހުﷲ- މި ސޫރަތް ބާވާލެއްވުނު ސަބަބު ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ގުރައިޝް ވަންހައިގެ މީހުން ޔަހޫދީންގެ އަޙްބާރުން (ޔަހޫދީންގެ ޢިލްމުވެރިން)ގެ ގާތަށް އައްނަޟްރު ބިން އަލްޙާރިޘް އާއި، ޢުގްބާ ބިން އަބީ މުޢީޠު ފޮނުވިއެވެ. ޔަހޫދީންގެ އަޙްބާރުންގެ ގާތަށް ފޮނުވި ބޭނުމަކީ އެބައިމީހުންނަކީ ފޮތުގެ އަހްލުވެރިން ކަމަށްވީތީވެއެވެ. މި މީހުންނަށް އަމުރުކޮށްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީ ކަމާއި ގުޅޭ ގޮތުންނާއި، އެކަލޭގެފާނުގެ ތެދުވެރި ކަމާއި ގުޅޭ ގޮތުން ޔަހޫދީ އަޙްބާރުންނާއި ސުވާލު ކުރުމަށެވެ. ޔަހޫދީ އަޙްބާރުން އެމީހުންނަށް ދިން ޖަވާބަކީ މައްކާ އަށް އެނބުރި ގޮސް މުޙައްމަދުގެ ފާނުގެ ކިބައިން ތިން ސުވާލެއް ކުރުމަށެވެ. އެސުވާލުތަކަށް ޖަވާބު ދެއްވައިފިނަމަ އެއީ ތެދުވެރި ނަބިއްޔެކެވެ. ޖަވާބު ނުދެވިއްޖެނަމަ އެއީ ނަބީ ކަމަށް ދަޢްވާކޮށްގެން އުޅޭ ދޮގުވެރިޔެކެވެ. އެމީހުން ކުރަން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ކަޙްފު ބައިގައިގެ މީހުންގެ ވާހައިން ސުވާލު ކުރުމަށް ހުށަހެޅި އެވެ. ކޮންމެއަކަސް އެބައިމީހުން އެނބުރި މައްކާ އަށް ގޮސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް (އިންޝާﷲ) އޭ ބުނަން އެކަލޭގެފާނު ހަނދުމަފުޅު ނެތެވެ. އެކަމާއި ގުޅިގެން އެކަލޭގެފާނަށް ވަޙީ ބާވާލެއްވުން ލަސްވިއެވެ. އެހިނދުގައި މައްކާގެ މުޝްރިކުން ހީކުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަބީ ކަމަށް ދަޢްވާކުރާ ދޮގުވެރިޔެއް ކަމަށެވެ. މިކަމާއި ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. މިހެން އުޅުއްވަނިކޮށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ އެސުވާލުތަކުގެ ޖަވާބު ބާވާލެއްވުނެވެ. އަދި ﷲގެ މަޝީއަތާއި ގުޅުވައިގެން މެނުވީ އެއްވެސް އެއްޗެއް ވިދާޅު ނުވުމަށް އަމުރު ކުރެއްވިއެވެ. (وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾  ) މާނައަކީ: “އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!”

މި ސޫރަތުގައި ހިމެނޭ ވާހަކަތައް:

މި ސޫރަތުގައި އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

އަޞްޙާބުލް ކަހްފުގެ ވާހަކަ:

މި ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން ގޮސް 26 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

މިވާހަކާގައި ބަޔާން ކުރައްވާފައިވަނީ ޒުވާން ކުދިންތަކަކާއި، އެކުދިންނާއި އެކުވީ ކުއްތާ އެއްގެ ވާހަކަ އެވެ. އެކުދިން ދިރިއުޅެމުން އައި ރަށުގެ ވެރިޔަކަށް ހުރީ ވަރަށް އަނިޔާވެރި ރަސްގެފާނެކެވެ. އެރަށުގެ އަހްލުވެރިންނަކީ މަގުފުރެދިފައިވާ ބަޔެކެވެ. އެބައިމީހުން އަޅުކަން ކުރަމުން ގެންދިޔައީ ބުދަށެވެ. އެބުދަށް ގުރްބާނީތައް ކަތިލަމުން ގެންދިޔައެވެ. އެމީހުންނާއި ދެކޮޅަށް އެއްޗެއް ބުނެފި ކޮންމެ މީހެއްގެ ދުވަސް ދުއްވާލައެވެ. ކޮންމެއަކަސް، މި ޒުވާނުން އުޑާއި ބިން އުފެއްދެވިފައިވާ ގޮތާއި މެދުގައި ވިސްނާ ފިކުރު ކުރަން ފަށައިފިއެވެ. މިކައުނު އުފައްދަވާފައިވަނީ ބުދުތައް ނޫން ކަމަށް އެކުދިންނަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ވީމާ، މި ބުދުތަކަށްވުރެ މަތިވެރި އެހެން އިލާހަކު ވާނެ ކަމާއި މެދުގައި ޔަގީންކޮށް އެކަމާ ވިސްނާ ފިކުރު ކުރަން ފެށިއެވެ. އެހެންކަމުން، މިބުދުތަކަށް ސަޖިދަ ކުރުމަސް އެކުދިން ދެކޮޅު ހެދިއެވެ. މާތް ﷲ އެކުދިންނަށް އެހީތެރިކަން ދެއްވާ، ޘާބިތުކަން ދެއްވާ، ހިދާޔަތް ދެއްކެވިއެވެ. ބުދަށް ސަޖިދަ ކުރުމަކީ ރަގަޅު ކަމެއް ނޫންކަން ރަށުގެ އަހްލުވެރިންނަށް ވިސްނައިދެވޭތޯ މިކުދިން މަސައްކަތް ކުރިއެވެ. ނަމަވެސް، މިޚަބަރު ރަސްގެފާނަށް ލިބިވަޑައިގަތުމާއި ގުޅިގެން އެކުދިން މަރާލަން ރޭވިއެވެ. އެހެންވެ، އެކުދިން އެރަށް ދޫކޮށް ނިކުމެގެން ދިޔައީއެވެ. ދެން މާތް ﷲ އެކުދިންނަށް ދެއްކެވީ ފަރުބަދަ އެއްގެ ހޮހޮޅަ އެކެވެ. ރަށުގެ އަހްލުވެރިން އެކުދިން ހޯދުމަށް ނިކުތެވެ. ނަމަވެސް، މާތް ﷲ ވަނީ އެބައިމީހުންނަށް އެކުދިން ތިބިތަން ނުފެންނާނެ ގޮތް މެދުވެރި ކުރައްވާފައެވެ. އެކުދިންނަށް ފަރުބަދައިގެ ހޮހޮޅަށް ދެވުމާއި އެކު ވެފައި ތިބި ވަރުބައްޔެއްގެ ބޮޑުކަމުން އޮށޯވެލުމާއި އެކު ނިދުނެވެ. އެހެންނަމަވެސް، ﷲ ގެ މުޢްޖިޒާތް ފާޅުވެގެން ދިޔައެވެ. އެގޮތުން ތިންސަތޭކަ އަށް ވުރެ ގިނަ އަހަރުވަންދެން އެކުދިން ނިދާފައި ތިއްބެވެ. މި ދިގު މުއްދަތުގައި ނިދާފައި ތިބި އިރު އެކި ފަރާތް ފަރާތަށް ފުރޮޅި ހެދިއެވެ. އަދި އިރުގެ އަވިން އެކުދިން ސަލާމަތްވިއެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކާއި ޙިކްމަތްވަންތަ ކަމެވެ. ކޮންމެއަކަސް، ތިން ގަރުނު ފަހުން އެކުދިން ނިދިން ހޭލިއެވެ. އެކުދިންނަށް އިޙްސާސް ކުރެވުނީ ނިދީގައި ހޭދަ ކުރީ އެއްދުވަސް ނުވަތަ ބައިދުވަސް ކަމަށެވެ. ދެން ބަނޑުހައިވެފައި ތިބިވަރުން ކާނެ އެއްޗެއް ހޯދުމަށް އެއް ކުއްޖަކު ހޮހޮޅައިން ނިކުތެވެ. ނަމަވެސް، ފެނިގެން ދިޔައީ މުޅި ރަށް ބަދަލުވެފައިވާ ތަނެވެ. މީހުންވެސް ބަދަލުވެއްޖެ އެވެ. ލައިގެން ތިބި ފޭރާމާއި ޢިމާރާތްތައްވެސް ބަދަލުވެއްޖެ އެވެ. ގެންގުޅޭ ފައިސާވެސް ބަދަލުވެއްޖެ އެވެ. ރަށުގެ އަހްލުވެރިންނަށް މި މުޢްޖިޒާތް ފެނުނު ހިނދުގައި އެބައިމީހުން އެއްކޮށް އީމާންވިއެވެ. އަދި އެއަށްފަހު މާތް ﷲ އެކުދިންގެ ފުރާނަ ގެންދެވިއެވެ.  

ޞާޙިބުލް ޖަންނަތައިނި: (ދެބަގީޗާގެ އަހްލުވެރިޔާގެ ވާހަކަ):

މި ސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

މިއީ މާތް ﷲ ދެބަގީޗާގެ މިލްކުވެރިކަން ދެއްވި މީހެއްގެ ވާހަކައެވެ. އެބަގީޗާތަކުގައި ބައިވަރު ކަދުރު ރުއްތަކާއި މޭބިސްކަދުރު ގަސްތައް ހުއްޓެވެ. އަދި އެދެމުގައި ބޮޑު ކޯރެއް ހުއްޓެވެ. މި ބަގީޗާތަކުގެ ވެރިމީހާ ހުރީ އޭނާ އަށް ލިބިފައިވާ މިބޮޑު ނިޢްމަތާއި ހުރެ ޣާފިލުވެފައެވެ. ދުނިޔަވީ ޙަޔާތަށް ވަރަށް ބޮޑަށް ލެނބިފައެވެ. ދުވަހަކުވެސް މި ދެބަގީޗާ އޭނާގެ އަތުން ބީވެގެން ހިނގައިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. މިއީ ﷲ އޭނާ އަށް ލެއްވި ރަޙްމަތެއްކަން ވިސްނައިދެވޭތޯ، އޭނާގެ އަވަށްޓެރިޔަކު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި މިއީ ކޮންމެވެސް ދުވަހަކުން ފަނާވެގެންދާނެ އެއްޗެއްކަން ބަޔާން ކޮށް ދިނެވެ. އެތަކެތި ހަލާކު ކުރައްވަން ﷲ އިރާދަކުރައްވައފިނަމަ، އެންމެ އެއްޗެއްވެސް ނެތި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ޚަބަރުވެސް ދެއްވިއެވެ. ނަމަވެސް، ދެބަގީޗާގެ ވެރި ފަރާތުން އެވާހަކަތައް އިންކާރު ކުރިއެވެ. އަދި ބޮޑާވެގަތެވެ. އަވަށްޓެރިޔާ ދެމުން ގެންދިޔަ ނަޞޭޙަތަށް ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް، އޭނާގެ ނިމުން އައިގޮތަކީ، މާތް ﷲ އޭނާގެ ދެ ބަގީޗާވެސް ހަލާކު ކުރެއްވީއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. އޭނާ އަށް ކަންތައް ކުރެވުނު ގޮތާއި މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. ނަމަވެސް، މިހާރު ދެން އޭނާ އަށް ވާގިވެރިވާނެ، ނަޞްރުދޭނެ މީހަކު ނެތެވެ.

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާގެ ވާހަކަ:

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާ ޚިޟްރުގެ ވާހަކަ މިސޫރަތުގެ 60 އިން 82 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ތައް ބަޔާން ކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން ޚިޟްރަކީވެސް ނަބިއްޔެކެވެ. ޚިޟްރު ޢަލައިހިއްސަލާމް އަށް ދެއްވާފައިވާ ޢިލްމުން އުނގެނި ވަޑައިގަތުމުގެ ބޭނުމުގައި މޫސާ ޢަލައިހިއްސަލާމް ކުއްޖަކު ކުއްޔަށް ނަންގަވައިގެން އެކުއްޖާ އާއި އެކު ކަނޑުގައި ދަތުރު ކުރެއްވިއެވެ. މޫސާ އާއި ޚިޟްރު ބައްދަލުވެ ދަތުރު ފައްޓަވައިގެން ތިން ކަމެއް ފެނިގެން ދިޔައެވެ. އެއީ ޚިޟްރު ޢަލައިހިއްސަލާމް ހަލާކުކޮށްލެއްވި ދޯންޔެއްގެ ވާހަކަ އާއި، އެކަލޭގެފާނު ގަތުލުކޮށްލެއްވި ކުޑަކުއްޖެއްގެ ވާހަކަ އާއި، ވެއްޓެން ކައިރިވެފައިވާ ފާރެއް ތެދުކޮށް ކޮޅަށްޖައްސަވާ އެކަމަށް އެއްވެސް އުޖޫރަ އެއް ނުނެންގެވި ވާހަކައެވެ. މިއިން ކޮންމެ ޙާދިޘާ އަކާއި ގުޅިގެން ޚިޟްރު ޢަލައިހިއްސަލާމް ކަންތައް ކުރެއްވި ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަނެގެން އަދި ޙައިރާންވެގެން މޫސާ ޢަލައިހިއްސަލާމް ސުވާލު ކުރައްވައެވެ. ނަމަވެސް، ދަތުރުގެ ނިމޭ ހިސާބުން މެނުވީ އެކަންތައްތައް އެގޮތަށް ކުރެއްވި ސަބަބު ޚިޟްރު ޢަލައިހިއްސަލާމް ކިޔައި ނުދެއްވައެވެ. އަދި އެކަލޭގެފާނު އެއިން ކޮންމެ ކަމެއްވެސް ކުރެއްވީ ﷲ ގެ އަމުރުފުޅަށް ކަމަށާއި، އެކަލޭގެފާނުގެ އަމިއްލަ ރައުޔަށް ނޫންކަން ބަޔާން ކުރެއްވިއެވެ. ދޯނި ނުވަތަ ނައު ހަލާކު ކޮށްލެއްވި ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވިއެވެ. “ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ.”

 ދެން ފިރިހެން ކުއްޖާ އާއި ބެހޭ ގޮތުން ވިދާޅުވިއެވެ. “އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.”

ދެން ފާރާއި ބެހޭ ގޮތުން ވިދާޅުވިއެވެ. “އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ.”

ޛުލް ގަރްނައިނި އާއި ޔައުޖޫޖު މައުޖޫޖުގެ ވާހަކަ:

މި ސޫރަތުގައި ޛުލްގަރްނައިނި ގެ ވާހަކަ ގެންނަވާފައިވެއެވެ. މާތް ﷲ އޭނާ އަށް ވެރިކަމާއި ބާރު ވަނީ ދެއްވާފައެވެ. އަދި ބާރު ލިބޭނެ ހުރިހާ ގޮތްތަކެއް ވަނީ ފަހިކޮށް ދެއްވާފައެވެ. އެހެންކަމުން ދުނިޔޭގެ ހުޅަނގުން އިރަށް އޭނާ އައީ ރަށްތައް ފަތަޙަ ކުރަމުންނެވެ. އަނިޔާވެރިންގެ ކިބައިން ބަދަލު ހިއްޕަވާ، ޞާލިޙުންނަށް އިޙްސާންތެރިކޮށް ހިއްޕެވުމުން މުޅި ރަށުގައި ޢަދުލުވެރިކަން ފެތުރުއްވިއެވެ. އޭނާގެ ފުތޫޙާތުތައް ފުޅާވަމުން ދިޔައެވެ. އެގޮތުން އެކި ރަށްރަށް ފަތަޙަ ކުރައްވަމުން ވަޑައިގަންނަވަނިކޮށް ވަރަށް ފަސާދަކަން ބޮޑު ނުބައި ބަޔަކާއި ހަމަ އަށް ވަޑައިގެންނެވުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެއީ ދެރަށެކެވެ. އެރަށުގެ އަހްލުވެރިން އޭނާގެ ގާތުގައި އެދުނީ އެދެރަށް ދެމެދުގައި ހުރަހެއް ލައިދިނުމަށެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން އޭނާ ބޭނުންވީ ވަރަކަށް ފައިސާ ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، އެއްވެސް އުޖޫރައަކާއި ނުލާ އެބައިމީހުން އެދުނު ގޮތަށް ކަންތައް ކޮށްދެއްވިއެވެ. އެގޮތުން އެދެރަށުގެ ދެމެދުގައި ވަރުގަދަ ހުރަހެއް ލެއްވިއެވެ. ޔައުޖޫޖު މައުޖޫޖުގެ މީހުން އެހުރަސް ހަލާކު ކުރަން އުޅެ އެބައިމީހުންނަށް އެކަންވާނެ ގޮތެއް ނުވިއެވެ.

ނޯޓް: މިވާހަކަތަކުގެ ތަފްޞީލުތައް އިންޝާﷲ- އާޔަތްތަކުގެ ޝަރަޙައިގެ ތެރޭގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. މާތް ﷲ އެކަމަށް މަގުފަސޭހަކޮށްދެއްވާށިއެވެ. އާމީން.   (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.