ތިން ރަށެއް ގުޅިގެން ކިހާދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ސާފުކޮށްފި

ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެނަޓަރު ސާފުކުރުމަށް ހިންގި ހަރަކާތުގެ ބައިވެރިން– ފޮޓޯ/ސޮނެވާފުށި

 ރަމަޟާން މަސް ފެށުމުގެ ކުރިން ބ. ކިހާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށްޓަކައި ބ. އަތޮޅު މާޅޮސް އަދި ދަރަވަންދޫ ރައްޔިތުން އަތުގުޅާލައި ކިހާދޫ ކުނި ކޮށީގައި ތޮއްޖެހި ގިނަވެފައި ހުރި ކުނި ހުސްކޮށްފިއެވެ.

“ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ދަށުން ހިންގުނު މިހަރަކާތް ރޭވީ ކިހާދޫ، މާޅޮސް އަދި ދަރަވަންދޫ ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން، ސޮނެވާފުށި ރިސޯޓްގެ އެހީތެރިކަމާއެކުގައެވެ.

ސޮނެވާފުށީ ރިސޯޓުން ބުނިގޮތުގައި މިހަރަކާތުގެ މަގްސަދަކަށްވީ އެތަކެއް މަސްތަކެއްވަންދެން ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ފުނިޖެހިފައި ހުރި ކުނި ސާފުކޮށް ހުސްކުރުމެވެ.

މި ހަރަކާތުގައި ބައިވެރިވި ރައްޔިތުން ކުނި ކޮށީގައި ހުރި ކުނިތައް ބައިބަޔަށް ބަހާ ވަކިކުރިއެވެ. މިގޮތުން އަލުން ބޭނުން ކުރެވޭނެ ތަކެއްޗާއި އަދި ގިނަ އަދަދެއްގެ ނެޕީފަދަ ވިހަ، ގެއްލުންދެނިވި ކުނިތައް ވަކި ކުރެވުނެވެ.

މިހަރަކާތާ ގުޅޭގޮތުން ބ.ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ އެރަށުގެ ކުނި ކޮށީގައި އެއްވެފައި ހުރިކުންޏަށް މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެދާނެކަމަށާއި މިކުނީގެ ސަބަބުން ރަށުގެ ވެށީގެ ސާފުތާހިރުކަމަށް ނުވަތަ ހައިޖީންއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.

“ނެޕީ ގިނަވެ އޭގެ އުނދަގޫ ބޮޑުވެގެން ދެތިން ފަހަރަކު އަޅުގަނޑުމެން ނެޕީތައް ފުނިޖަހާ އަންދާވެސްފިން. ނަމޫނާ ބ.އަތޮޅު މަޝްރޫއުގެ ދަށުން، ރަމަޟާން މަސްފަށަން ވަރަށް ގާތްވެފައިވަނިކޮށް، މިކަމަށް ހައްލެއް ހޯދާދިނުމަށް މާޅޮސް، ކިހާދޫ އަދި ސޮނެވާފުށިން އަތުގުޅާލައި ކުނި ކޮށި މިސާފުކުރީ.“

މިހަރަކާތުގެ ދަށުން 20 ޖަމްބޯ ގޯނީގެ އެލުމިނިއަމް ދަޅު އަދި އެހެނިހެން ދަގަނޑުގެ ބާވަތްތައް އެއްކުރެވުނެވެ. އަދި މިދަނގަޑުތައް ސޮނެވާފުށީގެ “އީކޯ ސެންޓްރޯ” ގައި ރީސައިކްލް ކުރުމައްޓަކައި ސޮނެވާފުށްޓައް ފޮނުވާލެވޭނެއެވެ. އަދި ރީސައިކްލް ނުކުރެވޭ ދަގަނޑު ކޮމްޕެކްޓް ކުރެވޭނެއެވެ. މީގެ އިތުރުން ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑުބައެއްގައި ހަތް މަހަށްވުރެ ގިނަދުވަހު އެއްވެފައި ހުރި ނެޕީތައް އެއްކުރެވި އަދި މިތަކެތި ތިލަފުއްޓަށް ފޮނުވާލެވޭނެ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އެއްވެފައި ހުރި ބިއްލޫރި ސާފުކުރުމަށްފަހު ސޮނެވާފުށިން ގެނެވުނު މޯބައިލް ގްލާސް ކްރަޝަރ ނުވަތަ ބިއްލޫރި ފުޑުކުރާ މެޝިނުން ފުޑުކުރެވުނެވެ. އަދި ސޮނެވާފުށީގެ “އީކޯ ސެންޓްރޯގައި” ފުނޑުކުރެވިފައިވާ މިބިއްލޫރިން ގާއެޅުމައްޓަކައި ސޮނެވާފުއްޓަށް ފޮނުވާ ލެވޭނެއެވެ.

ފެބްރުއަރީ މަހު އެކުލަވާލެވުނު “ނަމޫނާ ބ. އަތޮޅު” މަޝްރޫއަކީ ބ. އަތޮޅު ކިހާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން، ސޮނެވާފުށްޓާއި ގުޅިގެން، މިތިންރަށަށް ދިމާވެފައިވާ ސިންގްލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން މިތިން ރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލާ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވިގޮތަކަށް ކުނިނައްތާލުމަށް މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރޭވިފައިވެއެވެ. މިގޮތުން މިތިން ރަށުގައިވެސް ސޮނެވާފުށީގެ  “އީކޯ ސެންޓްރޯގެ” މޮޑެލްގެ ދަށުން ސެންޓަރުތަކެއް ގާއިމްކުރެވޭނެއެވެ. ސޮނެވާފުށީގެ “އީކޯ ސެންޓްރޯގައި” ރިސޯޓްގައި އުފެދޭ ބަޔޯ-ޑިގްރޭޑަބަލް ކުނިން ކޮމްޕޯސްޓް ނުވަތަ ގަސްކާނާ އުފެއްދެއެވެ. ދަގަނޑު، ބިއްލޫރި އަދި ޕްލާސްޓިކްވެސް ރީސައިކްލް ކުރެވެއެވެ. ކިހާދޫ، މާޅޮސް އަދި ދަރަވަންދޫގައި ގާއިމްކުރެވޭ އީކޯ ސެންޓްރޯތަކުގައިވެސް މިގޮތަށް ކުނި މެނޭޖްކުރެވޭނެއެވެ.

މިގޮތުން ސޮނެވާގެ “ސޮނެވާ ނަމޫނާ” ފަންޑުން ބ. އަތޮޅު ކިހާދޫ، ދަރަވަންދޫ އަދި މާޅޮހުގައި “އީކޯ ސެންޓްރޯ”ތަކެއް ގާއިމްކުރެވިގެންދާނެއެވެ. މިއަހަރުގެ ތެރޭގައި މާޅޮހުގައި އީކޯ ސެންޓްރޯ ގާއިމްކުރެވޭނެއެވެ. މާޅޮހުގައި އީކޯ ސެންޓްރޯ ގާއިމްކުރެވި ރަނގަޅަށް ހިނގައިގަންނަން ފެށުމުން އެރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލެވިގެންދާނެ ކަމަށް ސޮނެވާފުށީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.