ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

މިވާހަކަ ފެށެނީ މިހިސާބުންނެވެ.

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ) “އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ!” މައްކާގެ ގުރައިޝުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރިމަތި ކުރުވިއެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾  ) މާނައަކީ: ” އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ”

ވީމާ، އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން މެނުވީ އެވާހަކަތައް އެބައިމީހުންނަށް ކިޔައިދެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވުމާއިއެކު، އެބައިމީހުން މިވާހަކައިން ސުވާލު ކުރުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަވާބަކަށްވީ، ވަޙީ އައުމުން ޖަވާބު ދެއްވާނެ ކަމެވެ. ދެންފަހެ، މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ވަޙީބާވާލައްވާ މިވާހަކަތައް ބަޔާން ކޮށްދެއްވިއެވެ.

(الْفِتْيَةُ  ) މިއީ “ފަތާ” މިލަފްޡުގެ ޖަމްޢުއެވެ. އެއީ ފުރާފުރިހަމަވެފައިވާ ޢަޒުމްވަރުގަދަ ޒުވާނާއެވެ.

( إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ ) އެ ޒުވާނުން އެމީހުންގެ ގައުމު ދޫކޮށް، ހޮހޮޅަ އަށް އައީ އެމީހުންގެ ރަށުގައި ޢާއްމުވެފައިވާ ޝިރްކުގެ ވަބާ އެބައިމީހުންނަށް ޖެހިދާނެކަމަށް ބިރުންނެވެ.

( فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً ) ” ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ!”

(فَقَالُوا  ) އެބައިމީހުން ބުންޏެވެ.

( رَبَّنَا ) ހައްދަވާ ގެންގުޅުއްވާ އިލާހެވެ.

( آتِنَا ) އަޅަމެންނަށް ދެއްވާފާންދޭވެ.

( مِن لَّدُنكَ ) އިބަ ﷲ ގެ ޙަޟްރަތުން،

(رَحْمَةً) އިބަ ﷲ ގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާފާންދޭވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. “ނަމާދުގައި ކޮށްލާނެ ރަގަޅު ދުޢާ އެއް ދަސްކޮށްދެއްވާށެވެ.” އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކިޔާށެވެ. (اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيم) މާނައަކީ: “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން، މިއަޅާވަނީ މިއޅާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައެވެ. އިބަ ﷲ މެނުވީ ފާފަފުއްސަވާ ފަރާތެއް ނުވެއެވެ. އިބަ ﷲގެ ޙަޟްރަތުން މިއަޅާގެ ފާފަ ފުއްސަވާ މިއަޅާ އަށް ރަޙްމަތްލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.”

(وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا  ) ” އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!”

(فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ) “ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ.”

ނިދި ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

  1. ލުއި ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ ކަންތައްތައް އަޑުއިވޭނެއެވެ.
  2. ފުން ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ އެއްވެސް ކަމެއް އަޑެއް ނީވޭނެއެވެ.

(سِنِينَ عَدَدًا ) “އެތައް އަހަރެއް ވާންދެން.”، އެއީ ކިތައް އަހަރުކަމެއް ބަޔާން ކުރައްވާ މި ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾  ) މާނައަކީ: “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ.”

(ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾ ) “ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ.”

( بَعَثْنَاهُمْ ) “ބަޢަޘަ” ގެ ލަފްޡީ މާނައަކީ: މަރުވުމަށްފަހު އަލުން ދިރުއްވުމެވެ.

 އެބައިމީހުން ނިދިން ހޭލެއްވުމަށް “ބަޢަޘަ” މި ލަފްޡު ގެންނަވާފައިވުމުގެ ޙިކްމަތަކީ: ނިދުމަކީ ވެސް މަރެއް ކަމަށްވާތީވެއެވެ. ސޫރަތުލް އަންޢާމްގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ وَيَعْلَمُ مَا جَرَحْتُم بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٦٠﴾  ) މާނައަކީ: ” އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާأجل ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، އެކަލާނގެ حضرة އަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.”

ސޫރަތުއް ޒުމަރުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾  ) މާނައަކީ: ” نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”

މި އާޔަތްތަކުގައި ނިދި ޞިފަ ކުރައްވާފައިވަނީ މަރެއްގެ ގޮތުގައެވެ.

(بَعَثْنَاهُمْ لِنَعْلَمَ  ) “ތިމަން ﷲ ދެނެވޮޑިގެންވާކަން” މި ގޮތަށް އޮތުމުން ފަހަރެއްގައި އުފެދިދާނެ ސުވާލެކެވެ. އެކަން ވުމުގެ ކުރިން ﷲ ދެނެވޮޑި ނުގަންނަވަނީ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ﷲ ދެނެވޮޑިގެން ވެއެވެ. ނަމަވެސް މިޢިބާރާތުން ދެކަމެއް ދޭހަކޮށްދެއެވެ.

  1. މިތަނުގައި “ޢިލްމު” ނުވަތަ “ދެނެވޮޑިގަތުން” މާނަ ކުރައްވާފައި މިވަނީ ދެކެވަޑައިގަތުމަށެވެ. އެކަން ވުމުގެ ކުރިންވެސް އެގޮތަށް އެކަންވާނެކަން ﷲ ދެނެވޮޑިގެންވެއެވެ. ކަންވުމަށްފަހު އެކަން އެގޮތަށް ވެއްޖެކަން ވެސް ދެނެވޮޑިގެންވެއެވެ. ވީމާ، ކުރިން އެނގިވޮޑިގެންފައިވުމާއި ވުމަށްފަހު ވީކަން ދެނެވޮޑިގަތުން ތަފާތެވެ.
  2. އެ ޢިލްމެއްގެ މައްޗަށް ޖަޒާ ދެއްވުން ތަރްތީބު ވެގެން އަންނަ ޢިލްމު، ސޫރަތު މުޙައްމަދުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿٣١﴾  ) މާނައަކީ: “އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبر ތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ.”

އިމްތިޙާނު ކުރެއްވުމުގެ ކުރިންވެސް ކިޔަމަންތެރިވާ މީހުންނަކީ ކޮބައި ކަމާއި އުރެދޭ މީހުންނަކީ ކޮބައިކަން ﷲ ދެނެވޮޑިގެންވެއެވެ.

(أَيُّ الْحِزْبَيْنِ  ) (الْحِزْبَيْنِ  ) ދެޖަމާޢަތުގެ މީހުން،

(أَحْصَىٰ) އެންމެ ރަގަޅަށް ގުނަނީ، އެމީހުން ހޮހޮޅައިގާ ހޭދަކުރީ ކިހާ ދުވަހެއްކަން އެންމެ ރަގަޅަށް ބުނެދޭން އެނގެނީ ކޮންބަޔަކަށްތޯ ބެއްލެވުމަށް ޓަކައި، ސަބަބަކީ އެބައިމީހުންގެ މެދުގައި ވަނީ އެކަމުގައި ޚިލާފު އުފެދިފައެވެ. ބައެއް މީހުން ބުނި ކަމަށްވަނީ (لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ  ) މާނައަކީ: “ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ.” އަނެއްބަޔަކު ބުނީ މިފަދައިންނެވެ. (رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ  ) މާނައަކީ: “ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ.”

(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾ )  “ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ.”

ތެދުބަހުން، ޙަގީގަތް އެނގުމާއި އެކު، ފަސޭހައިން ވިސްނޭނެ ޢިބާރާތުން ބުނެދިނުން އެއީ އެންމެ ރަގަޅު ގޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގައި ވަނީ ޙައްގު ތެދެވެ. އެކަލާންގެ ބަސް ވަޙީ ކުރައްވާފައިވަނީ ޙަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. އެންމެ ފަޞާޙާތްތެރި ޢިބާރާތުންނެވެ. މީސްތަކުންނަށް ފަސޭހައިން ވިސްނައިގަނެވޭނެ ގޮތަށެވެ.

( نَّحْنُ ) “އަހަރުމެން”، ﷲ ތަޢާލާ އަކީ އެއްކައުވަންތަ އިލާހު ކަމަށްވީއިރު “އަހަރުމެން” މިފަދައިން ވަޙީ ކުރައްވާފައިވާ ވުމުގެ ޙިކްމަތަކީ:

އަމިއްލަ ނަފްސަށް އިޝާރާތްކޮށް ޖަމްޢުގެ ޞީޣާ (ނަޙްނު)، ނުވަތަ މުފްރަދުގެ ޞީޣާ (އަނާ)، ނުވަތަ ޣައިބުގެ ޞީޣާ (ހުވަ) ބޭނުން ކުރުމަކީ ޢަރަބިންގެ ތެރޭގައި ވާހަކަދެއްކުމުގައި ބޭނުން ކޮށް އުޅުނު އުސްލޫބު ތަކެވެ. ކީރިތި ގުރްއާން ބާވާލެއްވުނީ ޢަރަބި ބަހުން ކަމުން، ޢަރަބިންގެ ތެރޭގައި ބޭނުން ކޮށް އުޅުނު ތިން ޞީޣާވެސް ކީރިތި ގުރްއާނުގައި ބޭނުން ކުރައްވާފައިވެއެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 4/143).

(އަނާ) އަދި (ނަޙްނު) މި ދެލަފްޡު ބޭނުން ކޮށްގެން މީހަކު އޭނާގެ ޖަމާޢަތަށް ނިސްބަތްކޮށްވެސް ވާހަކަ ދައްކަފާނެއެވެ. އަދި ބައެއް ފަހަރު މީހަކު އޭނާގެ އަމިއްލަ ނަފްސަށްވެސް މިދެޞީޣާ ބޭނުން ކޮށްފާނެއެވެ. މިޘާލަކަށް ރަސްރަސްކަލުން ބޮޑެތި ބަޔާންތައް އިއްވާ ހިނދުގައި (ނަޙްނު) ބޭނުން ކުރެއެވެ. އެކަމަކު އެއީ އެންމެ ފަރްދެކެވެ. މީގެ ބޭނުމަކީ މަތިވެރި ކުރުމެވެ. ނުވަތަ ވަރުގަދަކޮށް ބާރުވެރި ކުރުވުމެވެ.  އެންމެ މަތިވެރި ބާރުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ.  އެހެންކަމުން، ކީރިތި ގުރްއާނުގައި (އިންނާ، ނަޙްނު) އައިސްފައި އިނުމުގެ ބޭނުމަކީ އެކަލާނގެ މަތިވެރިކަން ދޭހަކޮށް ދިނުމެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް އެކަލާނގެ އާއި އެކު އެހެން ޝަރީކަކު ވުމެއް ނޫނެވެ.

(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ )

(نَّحْنُ نَقُصُّ عَلَيْكَ  ) ކަން ހިނގާދިޔަ ގޮތް ކަލޭގެފާނަށް ކިޔައިދެއްވާނަމެވެ.

( نَبَأَهُم ) އެބައިމީހުންގެ ޚަބަރު،

(بِالْحَقِّ  ) ޙަގީގަތާއި އެއްގޮތަށް،

(إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ) އެއީ ހަށިގަނޑުގައި ވަރުހުރި، ޢަޒުމް ވަރުގަދަ، އީމާންކަން ވަރުގަދަ ޒުވާން ކުދިންކޮޅެކެވެ.

(وَزِدْنَاهُمْ هُدًى ) މާތް ﷲ އެކުދިންނަށް ހިދާޔަތް އިތުރު ކުރެއްވިއެވެ. މީހަކު ހެޔޮ ޢަމަލު ގިނަކުރި ވަރަކަށް މާތް ﷲ އެމީހަކަށް ހިދާޔަތް އިތުރުކޮށްދެއްވައެވެ.

(وَرَبَطْنَا عَلَىٰ قُلُوبِهِمْ) ތިމަން ﷲ އެކުދިންނަށް ޘާބިތުކަން ދެއްވާ ޢަޒުމް ވަރުގަދަ ކޮށްދެއްވީމެވެ. ސަބަބަކީ މުޅި ގައުމު އެއްކޮށް ވަނީ އެކުދިންނާއި ދެކޮޅަށެވެ. މިފަދަ ޙާލަތެއްގައި ޘާބިތުކަން ބޭނުންވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ޒުވާން ކުދިންކޮޅެއް ކަމުން، އެކުދިންގެ މައިންބަފައިން އެކުދިންނަށް ކާފިރު ވުމަށް އަމުރުކޮށްފިނަމަ އެގޮތަކަށް ކިޔަމަން ގަންފާނެއެވެ. އެހެންނަމަވެސް، މާތް ﷲ ވަނީ އެކުދިންނަށް ޘާބިތުކަން ދެއްވާފައެވެ. މާތް ﷲ އަޅަމެންނަށްވެސް ޘާބިތުކަން ދެއްވާށި. އާމީން.

(إِذْ قَامُوا) އެކުދިންގެ ގައުމުގައި އޮތް ޝިރްކަށް އިންކާރުކޮށް، އެކަމުން ބަރީއަވެ،  ތައުޙީދު އިޢުލާންކުރިއެވެ.

(فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ  ) ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ. އެހެން ފަރާތެއް ނޫނެވެ. އެކުދިންނަށް ލިބިދާނެ އަނިޔާ އަކަށް ފުރައްސާރަ އަކަށް ބެލުމެއް ނެތިއެވެ. ސިޙުރުވެރިން ފިރްޢައުނުގެ ގާތުގައި ބުނިފަދައިންނެވެ. (قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَـٰذِهِ الْحَيَاةَ الدُّنْيَا ﴿٧٢﴾  ) ސޫރަތު ޠާހާ 72. މާނައަކީ: ” އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ.”

(لَن نَّدْعُوَ مِن دُونِهِ إِلَـٰهًا  ) އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ. ވީމާ، އެކުދިން އެވަނީ ތައުޙީދުއް ރުބޫބިއްޔާ އަށާއި އުލޫހިއްޔާ އަށް އީމާންވެފައެވެ. ރުބޫބިއްޔަތަށް އީމާންވީ ގޮތަކީ (رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ) “ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި ފަރާތެވެ.”

ތައުޙީދުލް އުލޫހިއްޔާ އަށް އީމާންވީ ގޮތަކީ (لَن نَّدْعُوَ مِن دُونِهِ إِلَـٰهًا) ” އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ.”

(لَّقَدْ قُلْنَا إِذًا شَطَطًا)

(إِذًا ) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ،

(شَطَطًا ) “ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.”

(هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً) “މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ.”

(لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ) ” (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟”

އެބައިމީހުންގެ ކިބައިން އެދެވުނީ ދެކަމަކަށެވެ. އެއީ:

  1. އެބައިމީހުން އަޅުކަން ކުރާ ބުދުތައް އެއީ އިލާހެއްކަން ޘާބިތުކޮށްދިނުން،
  2. އެބުދުތަކަށް އަޅުކަން ކުރުމުގެ ޙައްގު ލިބިގެންވާކަން. މި ދެކަންތަކަކީ ވެސް މުސްތަޙީލުކަންތަކެވެ.

( بِسُلْطَانٍ بَيِّنٍ )

ސުލްޠާނަކީ އިންސާނާ އަށް ލިބިގެންވާ ބާރެވެ. ބައެއް ފަހަރަށް ދަލީލަށްވެސް “ސުލްޠާން” ކިޔައެވެ. ސޫރަތު ޔޫނުސްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ عِندَكُم مِّن سُلْطَانٍ بِهَـٰذَا) މާނައަކީ: “ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليل އެއް ނެތެވެ.”

ބައެއް ފަހަރަށް ލިބިފައިވާ ބާރަކަށްވެސް އެބަސް ބޭނުން ކުރެވެއެވެ. ސޫރަތުއް ނަޙްލުގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ ﴿١٠٠﴾) މާނައަކީ: “އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ.”

(فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾ ) ” اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟”

(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾)

( وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ ) ” (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!”

( إِلَّا اللَّـهَ ) މި އިސްތިޘްނާ އަކީ (يَعْبُدُونَ ) “އެބައިމީހުން އަޅުކަން ކުރާ ތަކެތި” ކަމަށް ވުން އެކަށީގެންވެއެވެ. އެހެންކަމަށްވަނީނަމަ، އޭގެ މާނައަކީ އެގައުމުގެ މީހުން ﷲ އަށާއި އަދި އެނޫން ފަރާތްތަކަށްވެސް އަޅުކަން ކުރުމެވެ. އެހެންކަމުން އެކުދިން އެކަހެރިވީ އެގައުމުގެ މީހުން ﷲ ފިޔަވާ އަޅުކަން ކުރާ އެންމެހާ ފަރާތްތަކުން ނުވަތަ ތަކެތިންނެވެ.

މިތަނުގައި (إِلَّا ) “އިސްތިޘްނާ” އަކީ މުންގަޠިޢް އިސްތިޘްނާ އެއް ކަމަށްވެސް ވެދާނެއެވެ. އެހެންނަމަ އޭގެ މާނއަކީ އެގައުމުގެ މީހުން އެއްގޮތަކަށްވެސް ﷲ އަށް އަޅުކަން ނުކުރުމެވެ. ވީމާ، “ތިޔަބައިމީހުންނާއި ތިޔަބައިމީހުން އަޅުކަން ކުރާ އެންމެހާ ތަކެތިން ތިމަންމެން ދުރުހެލިވަމެވެ.”

ފަހަރުގައި މިއީ އިސްތިޘްނާ މުއްތަޞިލެއް ކަމަށްވެސް ވެދާނެއެވެ. އެއީ ފަހަރެއްގައިވެސް އެގައުމުގެ މީހުންގެ ތެރޭގައި ﷲ އަށް އަޅުކަން ކުރާ ބަޔަކު ތިބެދާނެތީވެއެވެ. އެހެންކަމުން މާނައަކީ “ތިޔަބައިމީހުން ކުރެ ﷲ އަށް އަޅުކަން ކުރާ މީހަކު ފިޔަވާ އެހެންމީހުންގެ ކިބައިން ތިމަންމެން ދުރުހެލިވަމެވެ. އަދި ﷲ ފިޔަވާ އަޅުކަން ކުރެވޭ ތަކެތިން ނުވަތަ ފަރާތްތަކުން ވެސް ދުރުހެލިވަމެވެ.”

( فَأْوُوا إِلَى الْكَهْفِ ) “ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!”

(الْكَهْفِ ) މިތަނުގައި “އަލް” އެއީ “ޢަހްދު” ގެ “އަލް” އަކަށް ވެދާނެއެވެ. އެހެންނަމަ، މި ހޮހޮޅަ އަކީ އެކުދިން ވަރަށް ގިނައިން އެތަނަކަށް ވަދެ އުޅޭ، ޢާދަވެފައިވާ ހޮހޮޅަ އެކެވެ.” ނަމަވެސް، އެކުދިން ޢާދަވެގެން ހޮހޮޅަ އަކަށް ގޮސް އުޅޭ ކަމުގެ ދަލީލެއް ނެތެވެ.

އަނެއް ގޮތަކީ “އަލް” އެއީ “އަލްބަޔާނިއްޔާ” ގެ “އަލް” އަކަށް ވުމެވެ. އެހެންނަމަ މާނައަކީ، “ގައުމުގެ މީހުންގެ އަނިޔާވެރިކަމުން ޙިމާޔަތް ލިބޭނެ ފަދަ ހޮހޮޅަ އަކަށް ވަންނާށެވެ.”

(يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا  ) ” އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ.” ސަބަބަކީ ﷲ އަށް ޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާންގެ އެކަމެއްގެ ބަދަލު ދެއްވާނެއެވެ. ސޫރަތުއް ޠަލާގްގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾  ) މާނައަކީ: ” އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.”

އަދިވެސް ސޫރަތުއް ޠަލާގްގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾  ) މާނައަކީ: ” އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

އަދިވެސް ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴿٥﴾  ) މާނައަކީ: ” އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ.”

(وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾  ) ” އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ.”

(ذَٰلِكَ مِنْ آيَاتِ اللَّـهِ ) ” އެކަންތައްވަނީ، (އެކުދިންގެ ޙާލަތު ބަދަލުވެގެން ދިޔަގޮތް ވަނީ) اللَّه ގެ آية ތަކުގެތެރެއިންނެވެ.” އޭގެ ތެރޭގައި:

  1. އެކުދިންގެ ގައުމުން ނިކުތުން.
  2. ހޮހޮޅައިގެ ތެރެއަށް ވަނުން.
  3. އެހޮހޮޅައިގެ ތެރޭގައި ހުރިހާ ކަމެއްވެސް އެކުދިންނަށް ފަހިވާ ގޮތަށް ކަންކަން މެދުވެރި ކުރައްވާފައިވުން.

މިއީ ﷲ ގެ އާޔަތްތަކެވެ. މި އާޔަތްތަކުން ދޭހަވަނީ އެކަލާންގެ ޙިކްމަތްވަންތަކަމާއި، އެކަލާންގެ ރަޙްމަތުގެ ތަނަވަސްކަމެވެ. މިއީ ﷲ އެކުދިންނަށް ދެއްވި ކަރާމާތެކެވެ.

( مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ) “اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ.”

މި އާޔަތުން ދޭހަވަނީ ހިދާޔަތަށް އެދި ދަންނަވަން ޖެހޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ކަމެވެ. އަދި މަގުފުރެދިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު އެގޮތުގައި ދޫކޮށްނުލާ، އެމީހަކަށް ތެދުމަގު ހޯދައިދެވޭތޯ މަސައްކަތްކޮށް ދުޢާ ކުރަން ޖެހޭނެއެވެ.

(وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾   )

(وَتَحْسَبُهُمْ  ) އެކުދިން ނިދާފައި ތިއްބާ ބަލާމީހަކު ހީކުރާނެއެވެ.

(أَيْقَاظًا  ) ހޭލާ ތިބިކަމުގައި، ސަބަބަކީ ނިދީގެ އެއްވެސް އަޘަރެއް ފެންނަން ނެތުމެވެ.

(وَهُمْ رُقُودٌ   ) އޮށޯވެ ތިބިއިރު،

(وَنُقَلِّبُهُمْ) ތިމަން ﷲ އެބައިމީހުން ފުރޮޅުއްވަމުއެވެ. މިއިން ދޭހަވަނީ ނިދާފައި އޮންނަ މީހާ ކުރާ ޙަރަކާތްތައް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތަކެއް ނޫންކަމެވެ. ސަބަބަކީ އެކުދިން ހޮހޮޅައިގާ ނިދާފައިތިބިއިރު ފުރޮޅޭ ފުރޮޅުން ﷲ ނިސްބަތް ކުރައްވާފައިވަނީ އެކަލާންގެ އަމިއްލަ ޛާތުފުޅަށް ކަމަށްވާތީވެއެވެ. އެހެންކަމުން މީހަކު ނިދީގައި “ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ” ނުވަތަ “މިވެނި މީހަކަށް މިވެނި ވަރަކަށް ދަރާފައި އޮންނާނެޔޭ” ބުނިނަމަވެސް، އެކަމެއް ޘާބިތެއް ނުވާނެއެވެ. ސަބަބަކީ އެއީ އޭނާގެ އަމިއްލަ ބާރުގައި ބުނާބަހަކަށް ނުވާތީވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.