ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

ޙަސަދަވެރި ކަމުގެ ބިރު އޮވެއްޖެނަމަ (ما شاء الله ، لا قوة إلا بالله  ) މިފަދައިން ކިޔާ ދުޢާ ކުރުމަކީ މަޝްރޫޢު ކަމެއްތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم وبعد:

މީހެއްގެ ފަރާތުން ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ނުވަތަ ހިތްއެދޭ ފަދަ ކަމެއް ފެނި، އޭނާ އަށް އެސްފިންނާގެ އަޘަރު ކޮށްފާނެ ކަމަށް ބިރު ހީވެއްޖެނަމަ، ސުންނަތް ވެގެންވާ ގޮތަކީ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމެވެ.   ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا رَأَى أَحَدُكُمْ مِنْ نَفْسِهِ وَأَخِيهِ مَا يُعْجِبُهُ ، فَلْيَدْعُ بِالْبَرَكَةِ ، فَإِنَّ الْعَيْنَ حَقٌّ   ) މާނައަކީ: “ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގައި ވިޔަސް ނުވަތަ އަޚާގެ ކިބައިގާ ވިޔަސް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ހަމަކަށަވަރުން އެސްފިންނާ އަކީ ޙަގީގަތެކެވެ.” رواه ابن السني في ” عمل اليوم والليلة ” ص 168 والحاكم 4 / 216 وصححه الألباني في ” الكلم الطيب ” 243 .

عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ ، قَالَ : مَرَّ عَامِرُ بْنُ رَبِيعَةَ بِسَهْلِ بْنِ حُنَيْفٍ وَهُوَ يَغْتَسِلُ , فَقَالَ : لَمْ أَرَ كَالْيَوْمِ وَلا جِلْدَ مُخَبَّأَةٍ فَمَا لَبِثَ أَنْ لُبِطَ بِهِ فَأُتِيَ بِهِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقِيلَ لَهُ : أَدْرِكْ سَهْلا صَرِيعًا ، قَالَ : ” مَنْ تَتَّهِمُونَ بِهِ ” قَالُوا : عَامِرُ بْنُ رَبِيعَةَ ، قَالَ : ” عَلَيَّ مَاذَا يَقْتُلُ أَحَدُكُمْ أَخَاهُ إذَا رَأَى أَحَدُكُمْ مِنْ أَخِيهِ مَا يُعْجِبُهُ فَلْيَدْعُ لَهُ بِالْبَرَكَةِ ” , ثُمَّ دَعَا بِمَاءٍ فَأَمَرَ عَامِرًا أَنْ يَتَوَضَّأَ ، فَغَسَلَ وَجْهَهُ وَيَدَيْهِ إلَى الْمِرْفَقَيْنِ وَرُكْبَتَيْهِ وَدَاخِلَةَ إزَارِهِ وَأَمَرَهُ أَنْ يَصُبَّ عَلَيْهِ )  رواه ابن ماجه 3509 وأحمد 15550 ومالك 1747.މާނައަކީ: ޢާމިރު ބިން ރަބީޢާ ސަހްލު ބިން ޙުނައިފް ފެންވަރަން ހުއްޓާ ހުރަސްކުރިއެވެ. އަދި ބުންޏެވެ. “މިއަދު މިފެނުނު ފަދަ މީހަކު ދުވަހަކުވެސް ނުދެކެމެވެ. އަދި މިފަދަ ދޮން ޖާރިޔާ އަކުވެސް ނުދެކެމެވެ. މާގިނައިރު ތަކެއް ނުވެ ސަހްލު ބިން ޙުނައިފަށް އެސްފިންނާ ޖެހި ބިން މައްޗަށް ވެއްޓިއްޖެއެވެ. ދެން އޭނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންދެވުނެވެ. އަދި ދެންނެވުނެވެ. “ސަހްލު އަށް އެސްފިންނާ އެއް ޖެހިއްޖެއެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ތުހުމަތު ކުރަނީ ކާކަށް ހެއްޔެވެ؟” އެބައިމީހުން ބުންޏެވެ. “ޢާމިރު ބިން ރަބީޢާ އަށެވެ.” ހަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ އަޚާ ގަތުލު ކުރަނީ ކޮންކަމަކާ ގުޅިގެން ހެއްޔެވެ؟ ތިޔަބައިމީހުންގެ އަޚާގެ ކިބައިގާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ.” އެއަށް ފަހު ފެން އެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެފެން އެތިން ވުޟޫ ކުރުމަށް ޢާމިރު އަށް ދެންނެވިއެވެ. އެހިނދު ޢާމިރު އޭނާގެ މޫނާއި ދެއަތް އުޅަނބޮއްޓާއި ހަމައަށް އަދި ދެކަކުލާއި މުންޑުގެ އެތެރެއިން ލައިގެން ހުރި ހެދުން ދޮވުނެވެ. އަދި އެފެން ސަހްލު ބިން ޙުނައިފްގެ ގަޔަށް އެޅުމަށް އަމުރު ކުރެއްވިއެވެ.

މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން، ނުވަތަ އެސްފިންނާގެ ބިރުވެރި ކަމެއް އުފެދުމުން ބައެއް މީހުން (مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ  ) ބުނާ ބުނުމާއި ބެހޭ ގޮތުން ބުނަމެވެ. އެކަމަށް ދަލާލަތު ކޮށްދޭނެ ޙަދީޘެއް އަބޫޔަޢްލާ އެކަލޭގެފާނުގެ މުސްނަދުގައި، އަދި އަލްމަޠާލިބުލް ޢާލިޔާ 10/348، އިބްނު ކަޘީރުގެ ތަފްސީރު 5/158 ގައި އަނަސް ބިން މާލިކްގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَا أَنْعَمَ اللَّهُ عَزَّ وَجَلَّ عَلَى عَبْدٍ نِعْمَةً مِنْ أَهْلٍ أَوْ مَالٍ أَوْ وَلَدٍ ، فَيَقُولُ : مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ ، فَيَرَى فِيهِ آفَةً دُونَ الْمَوْتِ ” . وَكَانَ يَتَأَوَّلُ هَذِهِ الْآيَةَ : وَلَوْلا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ سورة الكهف آية 39   ) މާނައަކީ: “މާތް ﷲ މީހަކަށް ދަރިން ނުވަތަ މުދަލުގެ ނިޢްމަތެއް ދެއްވާފައިވާތަން ފެނި، (مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ   ) މިފަދައިން ކިޔައިފިނަމަ، މަރުފިޔަވާ އެހެން ހުރިހާ އާފަތަކުން އެމީހަކު ސަލާމަތް ވާނެއެވެ. އެކަލޭގެފާނު އިޝާރާތް ކުރައްވަނީ ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތަށެވެ. އެއާޔަތުގެ މާނާގައި ވެއެވެ. ” އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ.”

ނަމަވެސް، އިސްވެ ބަޔާން ކުރެވުނު ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ. ސަބަބަކީ އެޙަދީޘްގެ ރާވީންގެ ތެރޭގައި ޢަލީ ޢަބްދުލްމަލިކި ބިން ޒިރާރާ ނަމަކަށް ކިޔުނު މީހަކު ހުރުމެވެ. އޭނާ އަކީ ޙަދީޘް ރިވާ ކުރުމުގައި ބަލިކަށި މީހެކެވެ. (ބައްލަވާ: އަލްއަސްމާއު ވައްޞިފާތު ލިލްބައިހަގީ، ތަޙްގީގް ޢަބްދުﷲ އަލްޙާޝިދީ، އަދި ޙާޝިޔަތުލް މުޙައްގިގް 1/417.)

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއް ފެނި، އޭނާ އަށް އެސްފިންނާ އެއް ނުވަތަ އާފަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ އެނިޢްމަތެއް ލިބިފައިވާ މީހަކު ބޮޑާވެ ހަލާކުވެދާނެ ކަމުގެ ބިރު އޮތްނަމަ،  މި ޛިކްރު ކިޔުމަކީ މަޝްރޫޢު ކަމެކެވެ. މިބޭފުޅުންގެ ދަލީލަކީ އިސްވެދިޔަ އާޔަތުން ދޭހަވާމާނަ އެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ހަސަދަވެރި ކަމުގެ ބިރު ހީވެއްޖެނަމަ، އެމީހަކު އެސްފިންނާ އިން ސަލާމަތް ކުރުމަށް ޓަކައި ( مَا شَاءَ اللَّهُ ، تَبَارَكَ اللهُ    ) މިފަދައިން ކިޔުން ހުއްޓެވެ.

ހަމައެފަދައިން، އިންސާނެއްގެ މުދަލުގައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، (مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ       ) މިފަދައިން ކިޔައިފިނަމަ، އެނިޢްމަތް އެމީހަކަށް ދެއްވި ﷲ އަށް ވަކީލުކޮށްފިއެވެ. (ފަތާވާ ނޫރުން ޢަލައްދަރްބި)

އަދިވެސް ޝައިޚް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރަކީ ( تَبَارَكَ اللهُ عَلَيْكَ) އެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެމީހެއްގެ އެސްފިންނާ އެހެން މީހަކަށް ޖެހުނު ހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (هَلَّا بَرَّكْتَ عَلَيْهِ ) މާނައަކީ: “އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމަ އެވެ.”

(مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ   ) މި ޛިކްރު ކިޔާނީ އެމީހެއްގެ މިލްކިއްޔާތާއި މެދު ޢަޖައިބު ވެއްޖެނަމަ އެވެ. ސޫރަތުލް ކަހްފިގެ 39 ވަނަ އާޔަތުގައި ވާފަދައިންނެވެ. “އެހެނެއްކަމަކު، އެއީ އަހުރެންގެވެރި اللَّه އެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އެކަކުވެސް އަހުރެން شريك އެއް ނުކުރަމެވެ.”

އަޘަރުގައި އައިސްފައި ވެއެވެ. (مَنْ رَأَى مَا يُعْجِبُهُ فِيْ مَالِهِ فَقَالَ: مَا شَاءَ اللهُ لَا قُوَّةَ إِلَّا باِللهِ لَمْ يُصِبْهُ فِيْ مَالِهِ أَذَىً  أَوْ كَلِمَةً نَحْوَهَا    ) މާނައަކީ: “މީހެއްގެ މުދަލުގައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނި ( مَا شَاءَ اللَّهُ ، لَا قُوَّةَ إِلَّا بِاللَّهِ) ނުވަތަ މިއާއި އެއްފަދަ އެހެން ކަލިމަ އެއް ކިޔައިފިނަމަ، އެމީހެއްގެ މުދަލުގައި އެއްވެސް ގޯނާ އެއް (އެސްފިންނާ އެއް) ކުރިމަތި ނުވާނެއެވެ.”   (ލިގާއުލް ބާބިލް މަފްތޫޙި 19/235.)

ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ (1/547) އެސްފިންނާ އަކީ ޙަގީގަތެކެވެ. ޙަދީޘް ބަސްފުޅުގައިވެސް އައިސްފައި ވެއެވެ. (اَلْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابِقٌ الْقَدْرِ لَسَبَقَتْهُ الْعَيْنِ) މާނައަކީ: “އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ.  عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : (كَانَ يُؤْمَرُ الْعَائِنُ فَيَتَوَضَّأُ ثُمَّ يَغْسِلُ مِنْهُ الْمَعِيْن) މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ”.

އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ. އެހެންކަމުން އެސްފިންނާ ޖެއްސުމުން ފަރުވާ ކުރުމަށް ޓަކައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ ޙަދީޘް ގައި އައިސްފައިވާ ފަދައިން ﷲ ޛިކްރު ކުރާށެވެ. އަދި ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (هَلَّا إِذَا رَأَيْتَ مَا يُعْجِبُكَ بَرِّكْتَ  ) މާނައަކީ: “ތިބާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ.”  އެހެންކަމުން މިފަދަ ކަމެއް ފެނުމުން އެމީހަކު ކިޔާށެވެ. ( مَا شَاءَ اللهُ لَا قُوَّةَ إِلَّا بِاللهِ) އަދި އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ( ފަތާވާ އައްލަޖްނަތުއްދާއިމާ 1/109). والله أعلم .

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ- ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. “ތިބާ ބަގީޗާ އަށް ވަން ހިނދު ނުވަތަ ބަލައިލި ހިނދު، ﷲ ތިބާ އަށް ދެއްވާފައިވާ ނިޢްމަތްތަކާއި މެދު، އަދި އެހެން މީހުންނަށް ނުދެއްވާ މިންވަރަށް މުދަލާއި ދަރިން ދެއްވާފައިވާތީވެ، އެކަމަށް ﷲ އަށް ޙަމްދުކުރި ނަމަ އެވެ. އެހެންވެގެން ބައެއް ސަލަފުން ވިދާޅުވެފައި ވެއެވެ. “އެމީހެއްގެ ޙާލާއި މެދުގައި ނުވަތަ މުދަލާއި މެދުގައި ނުވަތަ ދަރިންނާއި މެދުގައި ޢަޖައިބު ވެއްޖެނަމަ، ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ )މިފަދައިން ކިޔާ ހުށިކަމެވެ. މި ބަސްކޮޅު ނެގިފައިވަނީ ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުންނެވެ.

އަލްބިދާޔާ ވައްނިހާޔާގެ 12/141 ގައި އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. “އެމީހެއްގެ ޙާލާއި، މުދަލާއި، ދަރިންނާއި މެދު ޢަޖައިބު ވެއްޖެ ކޮންމެ މީހަކު މިފަދައިން ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ސުވާލު އުފެދިފައިވާ ޙަދީޘެއް ވެސް ވާރިދު ވެގެން ވެއެވެ.”  މިފަދައިން އަލްބައިޟާވީ، އަލްބަޣަވީ، އިބްނުލް ޢަރަބީ، އަލްގުރްޠުބީ، އައްސުޔޫޠީ، އަލްމުޙައްލާ، އަލްޢިރާގީ ޠަރްޙުއްތަޘްރީބޭ ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ.

ސޫރަތުލް ކަހްފުގެ 39 ވަނަ އާޔަތުގެ ތަފްސީރުގައި އަލްއާލޫސީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ކިބައިން ނުވަތަ އެހެން މީހެއްގެ ކިބައިން މުދަލުން، ނުވަތަ ދަރިންގެ ފަރާތުން ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ކިޔުން އެދެވިގެންވާ ކަމަށް ބައެއް ރިވާޔަތް ތަކުން ދޭހަވެއެވެ.

އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ކިޔުމަކީ އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ. ހިޝާމް ބިން ޢުރްވާ އޭނާގެ ބައްޕަގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. “އޭނާ އަށް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ނުވަތަ ބަގީޗާ އަކަށް ވަދެއްޖެނަމަ،

( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ވިދާޅުވެއެވެ.

އިބްނުލް މުފްލިޙް (އަލްއާދާބުއްޝަރްޢިއްޔާ) ނަމަކަށް ކިޔުނު ފޮތުގައި ލިޔުއްވާފައި ވެއެވެ. ފަޞްލު (ޗެޕްޓަރ): އެސްފިންނާ ޖެހިއްޖެނަމަ ނުވަތަ އެއިން ސަލާމަތްވާން ބޭނުންނަމަ ކުރާނެ ކަންތައް.  މީގެ ދަށުން ލިޔުއްވާފައި ވެއެވެ. “ޢުރްވާ ބިން އައްޒުބައިރު ރަޟިޔަﷲ ޢަންހު އަށް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެ ހިނދެއްގައި، (مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) މިފަދައިން ވިދާޅުވެއެވެ.     

މި މައްސަލާގައި އަޅުގަޑަށް ބުރަވެވޭ ގޮތް:

އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ( مَا شَاءَ اللَّهُ لا قُوَّةَ إِلا بِاللَّهِ ) ނުވަތަ (مَا شَاءَ اللهُ تَبَارَكَ اللهُ   ) ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. މި ކަމުގައި ވާރިދުވެގެންވާ އެއް ޙަދީޘެއް ރިވާކުރެއްވި ރާވީންގެ ތެރޭގައި ބަލިކަށި މީހަކު ހުރިނަމަވެސް، އެހެން ބައެއް ރިވާޔަތްތަކުން ބާރުލިބި އެރިވާޔަތް ގަދަވާ ގޮތް ވެއެވެ. މީގެ އިތުރުންވެސް ﷲ އަށް ޙަމްދުކޮށް އެމީހަކަށް ދެއްވާފައިވާ ނިޢްމަތަކަށް ޝުކުރުވެރިވެ، އަދި އެނިޢްމަތްތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަކީ ވެސް އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ.

والله أعلم .

(وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾ فَعَسَىٰ رَبِّي أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾)

( فَعَسَىٰ ) މިލަފްޡު މާނަކުރުމުގައި ދެ އިޙްތިމާލެއް އެބައޮތެވެ.

  1. މިއީ އޭނާ އުއްމީދުކުރި ގޮތް ކަމުގައިވުން. އަދި މިއީ އޭނާގެ ފަރާތުން ކުރި ދުޢާއެއް ކަމުގައިވުން. އެހެނީ އެމީހާ އަށް ދެއްވާފައިވާ ބަގީޗާ އަށްވުރެ ހެޔޮ ނިޢްމަތެއް އޭނާ އަށް ދެއްވާ، އަދި އެމީހާގެ ބަގީޗާގެ މައްޗަށް އުޑުން ކޯފާފޮއްނުވާ ހަލާކު ކުރެއްވުމަށް ދުޢާ ކުރުން. ސަބަބަކީ ބަގީޗާގެ ވެރިމީހާ ވަނީ އަނެކާ ނިކަމެތިކޮށް ދެރަކޮށްފައެވެ. އެހެންކަމުން، އޭނާ ދިންއަނިޔާފަދަ އަނިޔާ އެއް އަނެކާއަށްވެސް ލިބުން އެދި ދުޢާ ކުރީއެވެ. އެހެނީ އިންސާނަކު އޭނާއަށް އަނިޔާވެރިވާ މީހާގެ މައްޗަށް ހަމައެފަދަ އަނިޔާވެރިކަމެއް މެދުވެރިކޮށްދެއްވުން އެދި ދުޢާ ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.

ނޫންނަމަ، މިތަނުގައި އޭނާ ދުޢާކުރި ސަބަބަކީ މިބަގީޗާގެ ވެރިމީހާ އަށް ޙައްގުގޮތް ވިސްނުވައިދިނުމަށްޓަކައި ކުރި ދުޢާއެކެވެ. އެހެނީ އޭނާ އެމުދަލަކަށް ފަޚުރުވެރިވެ ބޮޑާވެގަންފައިވާ މުދާ އޭނާގެ އަތުން ބީވެގެން ދިޔުމުން އޭނާ އަށް ކުރެވިފައިވާ ކަންތަކާއި މެދު ވިސްނާ ފިކުރު ކުރަން ވަގުތުކޮޅެއް ލިބޭނެއެވެ.

  • ( فَعَسَىٰ ) މި ލަފްޡު ބޭނުން ކުރެވިފައިވަނީ “ވެދާނެކަމަކަށް ލަފާކުރުމު”ގެ މާނާގައި ކަމަށްވުން. މާނައަކީ: “އެކާފިރުވީމީހާ އަށް މުއިމިން މީހާ ބުންޏެވެ. ތިބާގެ މުދަލާއި ދަރިން ގިނަކަމަށްޓަކައި ފަޚްރުވެރިވެފައި، އަހަރެންގެ މުދަލާއި ދަރިންމަދު ކަމަށް ދެކުނުނަމަވެސް، ﷲގެ ޙަޟްރަތުގައި އަހަންނަށްޓަކައި ޚަޒާނާކުރެވިފައިވާ ތަކެތި މާހެޔޮކަން ބޮޑުވެފައި ދާއިމަށް ދެމިގެންވެއެވެ. އަދި ﷲގެ ޙަޟްރަތުން ދެއްވާނެ ކަމަށް އުއްމީދުކުރެވޭ ތަކެއްޗަކީ ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަށްވުރެ ހެޔޮކަންބޮޑު ތަކެއްޗެވެ. ވީމާ، ބުއްދިވެރިޔަކުނަމަ ވާދަކުރަންވީ އެތަކެތި ޙާޞީލް ކުރުމަށެވެ.”

(وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ  ) އެބަގީޗާގެ މައްޗަށް އުޑުން ބޯކޮށްވާރޭވެހުން ނުވަތަ އެނޫންވެސް ކޯފާއެއް ފޮނުއްވަފާނެއެވެ.

މިތަނުގައި “އުޑުން ބޯކޮށްވާރޭވެހުން ނުވަތަ އެނޫންވެސް އުޑުން ފޮނުއްވަފާނެ ކޯފާ އެއްގެ ވާހަކަ ޛިކްރު ކުރައްވާފައިވުމުގެ ޙިކްމަތަކީ: އުޑުން ބާވާލައްވާ އާފަތުން ދިފާޢުވުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ނަމަވެސް ބިންމަތީ ސައިލުހެދިގެން ނުވަތަ އަލިފާންގަނޑެއް ރޯވެގެން އުޅޭނަމަ އެކަންތައް ކޮންޓްރޯލް ކުރަން ކުރެވިދާނެކަންތައްތައް ހުންނާނެއެވެ.

(فَتُصْبِحَ صَعِيدًا زَلَقًا  ) ދެން އެބަގީޗާ އަކީ ގަހެއް ރުކެއްނެތް އޮމާން ބިމަކަށް އެތަންވެދާނެތެވެ. އަދި އެތަނުން ތިބާ އަށް ލިބެމުންދިޔަ މަންފާތައް ގެއްލިގެން ހިނގައިދާނެއެވެ.

(أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُ طَلَبًا ﴿٤١﴾   ) ނުވަތަ ތިބާގެ ބަގީޗާ އަށް ފެންނުލިބޭނެ ގޮތްވެސް މެދުވެރި ކުރައްވަފާނެއެވެ. އެހެންވެއްޖެނަމަ، އެބަގީޗާ އަށް ފެންލިބޭނެ ގޮތް ހެދުން އެއީ ތިބާ އަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ.

މިދުޢާ ނުވަތަ މިލަފާ ކުރުމަށްފަހު ދެންކަންތައް ވެގެންދިޔަ ގޮތް ޖެހިގެން ހުރި އާޔަތުގައި ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.

(وَأُحِيطَ بِثَمَرِهِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَا أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا ﴿٤٢﴾  )

( وَأُحِيطَ بِثَمَرِهِ ) އެތަކެތި ދުވަހަކުވެސް ހަލާކުވެގެން ނުދާނެކަމަށް އޭނާކުރިން ބުނެފައިވާ އޭނާގެ މުދާގަނޑުގެ ވަށައިގެން ކޯފާ އާއި ޢަޛާބު އައިސް ލައިގަތެވެ. އެގޮތުން މުޅިދަނޑުގައިވާ ހުރިހާ ގަހަކާއި މޭވާއެއް ނެތިގެންދިޔައެވެ. ބާކީ އެކައްޗެއްވެސް ނެތެވެ. މިކަމާއިމެދު އޭނާ ވަރަށް ބޮޑަށް ހިތާމަކޮށްދެރަވިއެވެ. ނަމަވެސް، ވަގުތު ފާއިތުވުމަށްފަހު ދެރަވުމަކުން ފައިދާއެއް ނުކުރާނެއެވެ. ކުރިން އޭނާ އަތުގައި މުދާހުރި އިރު އޭނާވަނީ ބޮޑާވެގަނެފައެވެ. ނަޞީޙަތް ގަބޫލުނުކޮށްފައެވެ.

(فَأَصْبَحَ يُقَلِّبُ كَفَّيْهِ  ) ދެރަވެ ހިތާމަކުރާ ޙާލު އޭނާގެ ދެއަތްތިލަ ދެފަރާތަށް ފުރޮޅަން ފެށިއެވެ.

(عَلَىٰ مَا أَنفَقَ فِيهَا  ) އޭނާ ދުނިޔަވީ ގޮތުން ދަނޑު ސަލާމަތްކުރުމަށްޓަކައި ކޮށްފައިވާ ޚަރަދުތަކުގެ ބޮޑުކަން ހަނދާންވެގެންނެވެ. އެހުރިހާ ފައިސާއެއް ހުސްވެގެން ދިޔައީއެވެ. އެކައްޗެއްވެސް އަތުގައި ބާކީ ނެތެވެ. ދެން އޭނާ އަށް ކުރެވުނު ކަންތަކާއި މެދު ދެރަވެ ހިތާމަކުރިއެވެ. އެހެންވެ، އޭނާ ބުނިކަމަށްވެއެވެ.

( يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا ) އޭނާދެރަވެ ބުންޏެވެ. ” އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟”

(وَلَمْ تَكُن لَّهُ فِئَةٌ يَنصُرُونَهُ مِن دُونِ اللَّـهِ وَمَا كَانَ مُنتَصِرًا ﴿٤٣﴾  )

ކުރިން އޭނާ ފަޚުރުވެރިވެފައި ބުނެއުޅުނީ (أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا  ) ” ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ.” ނަމަވެސް، މިއަދު ﷲގެ ކޯފާ އާއި ޢަޛާބު އައިސް ބައްދަލުކުރި ހިނދު އެކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭނެ މުދަލެއް އަތަކު ނެތެވެ. އަދި އޭނާގެ ދަށުގައިވާ އެހީތެރިންތަކެއްވެސް ނެތެވެ. ﷲގެ ކޯފާ އާއި ޢަޛާބު އައިސް ބައްދަލުކުރާ ހިނދު، މުޅި އުއްމަތުގެ އެންމެން އެއްވެގެން އެކަން މަނާކުރަން އުޅުންކަމުގައިވީނަމަވެސް އެކަމެއް ނުވާނެއެވެ. އެހެންކަމުން، އޭނާގެ މައްޗަށް ﷲގެ ކޯފާ އާއި ޢަޛާބު އައިސް އޭނާގެ މުދާނެތިގެންދިޔައީއެވެ. އެހީތެރިވާނެ މީހަކުވެސް ނުވީއެވެ. އޭނާ އެކަނިވެ ނިކަމެތިވެއްޖެއެވެ.

ކޮންމެއަކަސް، މިމީހާ އޭނާ އަށްކަންތައް ކުރެވުނުގޮތް ރަގަޅު ނޫންކަން އަމިއްލަ އަށް އިޙްސާސްކުރެވި އެކަންތައްތަކުން ތައުބާވިއެވެ. އޭގެ ދަލީލަކީ އޭނާބުނިކަމަށްވެއެވެ. (يَا لَيْتَنِي لَمْ أُشْرِكْ بِرَبِّي أَحَدًا  ) ” އޭ ސަހަރޯއެވެ! އަހުރެންގެ ވެރިރަސްކަލާނގެއާ އެކަކުވެސް އަހުރެން شريك ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟” އެހެންކަމުން، މާތް ﷲ އޭނާގެ ތައުބާ ގަބޫލުކުރެއްވިއެވެ. މިއީ ﷲ ސުބްޙާނަހޫވަތަޢާލާ އަޅަކަށް ހެޔޮގޮތް މިންވަރުކޮށްދެއްވައިފިނަމަ ކަންތައް ކުރައްވާނެ ގޮތެވެ. އެހެނީ އާޚިރަތުގައި އެމީހަކަށް ޢުގޫބާތް ދެއްވުމުގެ ކުރިން ދުނިޔެމަތީގައި އެމީހަކަށް ޢުގޫބާތްދެއްވައެވެ. ދެން އެމީހަކު އެކުރެވުނު ކަންތައް ވިސްނި، އެކަމާ ދެރަވެ ހިތާމަކޮށް، ތައުބާ ވެއްޖެނަމަ އެކަންތައް ފުއްސަވައެވެ.

މިއާޔަތުން ދޭހަވަނީ މުދަލާއި ދަރިންނަކީ ﷲގެ މަގުގައި ނޫންގޮތަކަށް ބޭނުންކުރަން އުޅެފިނަމަ އެތަކެތިން އެއްވެސް މަންފާއެއް ފައިދާއެއް ނުކުރާނެ ތަކެތި ކަމެވެ. ސޫރަތު ސަބައުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَمْوَالُكُمْ وَلَا أَوْلَادُكُم بِالَّتِي تُقَرِّبُكُمْ عِندَنَا زُلْفَىٰ إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَـٰئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ ﴿٣٧﴾  ) މާނައަކީ: “އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. إيمان ވެ صالح عمل ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ عمل އަށް ގިނަގުނަވެގެންވާ ثواب އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ أمان ކަން ލިބިގެންވާ ބަޔަކުކަމުގައެވެ.”

( هُنَالِكَ الْوَلَايَةُ لِلَّـهِ الْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴿٤٤﴾ )

( الْوَلَايَةُ ) މިކަލިމާގައި ދެގިރާއަތެއް ވެއެވެ. އެއީ

(الْوَلَايَةُ  ) ވާވުގައި އަބަފިލި ޖަހައިގެން. އަދި (الْوِلَايَةُ  ) ވާވުގައި އިބިފިލި ޖަހައިގެންނެވެ.

(الْوَلَايَةُ  ) ވާވުގައި އަބަފިލި ޖަހައިގެންނަމަ އޭގެ މާނައަކީ “އެހީތެރިވުމެވެ.” ސޫރަތުލް އަންފާލްގެ 72 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ) މާނައަކީ: “އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.