ބ. އަތޮޅުގެ ހުރިހާ ރިސޯޓެއް ގުޅިގެން ބާއްވާ ކެއުމުގެ މިއަހަރުގެ ހާއްސަ ހަރަކާތް ޖުލައި 8-21 އަށް ބާއްވަން ނިންމައިފި އެވެ.
މި އަތޮޅުގެ 12 ރިސޯޓު ބައިވެރިވެގެން ‘ސަމާ ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ ރިސޯޓުތަކުގެ ތެރޭގައި އަމިއްލަފުށި، އަނަންތާރާ ކިހާވައް، ކޮކޯޕާމްދުނިކޮޅު، ޑްރީމް ލޭންޑް، ދުސިތް ތައި އެންޑް ފިނޮޅު، ފޯ ސީޒަން ލަނޑާ، ރީތި ބީޗު، ރޯޔަލް އައިލެންޑު، ސޮނޭވާފުށި، ވެސްޓިން މޯލްޑިވްސް އަދި ވައްކަރު މޯލްޑިވްސް ހިމެނެ އެވެ.
ސަމާ ފެސްޓިވަލްގައި ކޮންމެ ރިސޯޓަކުން ވެސް ރޭގަނޑުގެ ހާއްސަ ކެއުމަށް ބާއްވާނެ އެވެ. މި ކެއުމާ އެކު ހާއްސަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.
މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތަކުގެ ތަފާތު ކެއުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މުޅިއެކު، 14 ދުވަހަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ކެއުންތަކުގެ އިތުރުން ކޮންމެ ރިސޯޓަކުން ވެސް ހާއްސަ ކަންތައްތަކެއް ތަޖުރިބާ ކުރަން ލިބޭނެ އެވެ.