އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ ފުޓްސަލް ކަޕްގެ ފައިނަލުން ޔުނައިޓެޑް ވީ އާއި އެފްސީ ސޫޕް ރޭ ޖާގަ ހޯދައިފި އެވެ.
ޔުނައިޓެޑް ވީ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ އެފްސީ ޑޮލަރ އަތުން 3-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ޔުނައިޓެޑް ވީ އަށް ހަމްޒަތު މުހައްމަދު ދެ ލަނޑު ޖަހައިދިން އިރު އިޝާން އިބްރާހިމް (ސައްޓު) ވެސް ވަނީ ލަނޑެއް ޖަހައިދީފަ އެވެ. އެފްސީ ޑޮލާރ އިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދު އަސްފާން އެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި ޔުނައިޓެޑް ވީ އާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީގައި ރޭ ކަޅުއޮށް ކަޓޫރަ އަތުން 4-2 އިން މޮޅުވި އެފްސީ ސޫޕް އެވެ. މެޗުގައި ސޫޕަށް އަހްމަދު އަހުޝަމް ދެ ލަނޑު ޖަހައިދިން އިރު އަހްމަދު ލަތީފް އާއި ހުސައިން ސުޖާއުވެސް ވަނީ ލަނޑު ޖަހައިދީފަ އެވެ. ކަޅުއޮށް ކަޓޫރައަށް ލަނޑު ޖަހައިދިނީ އާދަމް ނިޒާމް އާއި އިސްމާއިލް ޝާކިރު އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގަ އެވެ.