
އޭދަފުށީގައި ވިޔަފާރި ފުޅާކުރަމުން އަންނަ ފްރެންޑްމީ ގްރޫޕްގެ ހަތަރު ވަނަ ފިހާރަ، އަންނައުނު ވިއްކުމަށް ހާއްސަކޮށް މިރޭ ހުޅުވައިފި އެވެ.
ފްރެންޑްމީ ގެ މައި ފިހާރައިގެ ކުރިމައްޗަށް ވާގޮތަށް ހަދާފައިވާ މި ފިހާރަ ހުޅުވުމަށް ބޭއްވި ކުޑަ ހަފުލާއެއްގައި އެތަން ހުޅުވައިދިނީ ފްރެންޑްމީ ގްރޫޕްގެ ވިޔަފާރިވެރިންގެ ބައްޕަ އަބްދުﷲ އާދަމެވެ.

“ފްރެންޑް މީ ޕްލަސް”ގެ ނަމުގައި ހުޅުވި ފިހާރައާ ގުޅޭގޮތުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ، މިއީ ފްރެންޑް މީގެ ވިޔަފާރިއަށް އަނެއްކާވެސް އިތުރުވި ބޮޅެއް ކަމަށެވެ. އަދި މިއީ ގާމެންޓްސްގެ ބާވަތްތައް އެއްތަނަކުން ލިބޭނެގޮތް ހޯދައިދިނުމުގެ ގޮތުން އަންނައުނަށް ޚާއްސަ ކޮށްފައިވާ ފިހާރައެއް ކަމަށެވެ.

“މިތަނުން އަޅުގަނޑުމެން ބޮޑަށް ޓާގެޓް ކޮށްފައި ވާނީ ދެ ޖިންސުގެ މީހުންނަށް ބޭނުންވާ އަންނައުނަށް،” އޭނާ ބުންޏެވެ.

އަންނައުނަށް ޚާއްސަ ފިހާރައެއް ފްރެންޑް މީ ގްރޫޕުން މިރޭ ހުޅުވިއިރު، އެތަނުގެ ތިން ވަނަ ފިހާރަ ވަނީ މިދިޔަ އަހަރު ފަހުކޮޅު ހުޅުވައިފަ އެވެ. އެ ފިހާރަ ހާއްސަކޮށްފައި ވަނީ ކިޗަން ވެއަރ އާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނަށެވެ.

