ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މަރުވުމަށްފަހު ވާނޭކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވާ ހުރިހާ ކަންތައްތަކެއް ގަބޫލުކޮށްތެދުކުރުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މައްޔިތާގެ އަހްލުވެރިން އޭނާ ކައްވަޅަށްލާ ފަސްއަޅާފައި ދޫކޮށްލާފައި ދިޔުމުން ދެންކަންތައް ވެގެންދާނެ ގޮތް ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ދެމަލާއިކަތަކު ވަޑައިގެން އޭނާގެ ރައްބަކީ ކޮބައިތޯ އާއި ނަބިއްޔަކީ ކޮބައިތޯ އަދި ދީނަކީ ކޮބައިތޯ ސުވާލު ކުރައްވާނެއެވެ. ކައްވަޅަކީ ސުވަރުގޭގެ ބަގީޗާ އެއް ނުވަތަ ނަރަކައިގެ ވަޅުގަނޑެއްކަން ގަބޫލުކުރަން ޖެހެއެވެ. އަދި އާޚިރަތް ދުވަހުގައި ކަންވެގެންދާނެ ގޮތާއި މެދުގައި ތެދުކޮށް ގަބޫލު ކުރުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގަދަރަކީ ﷲ ކަނޑައަޅުއްވާފައިވާ ގޮތެވެ. އެގޮތުން ﷲވަނީ ހުރިހާ ކަމެއް ކަނޑައަޅުއްވާ ލިޔުއްވާފައިކަން ގަބޫލުކޮށް އެކަމަށް އީމާންވާން ޖެހެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ ، فَقَالَ : اكْتُبْ ، فَقَالَ : مَا أَكْتُبُ ؟ قَالَ : اكْتُبِ الْقَدَرَ مَا كَانَ ، وَمَا هُوَ كَائِنٌ إِلَى الْأَبَدِ ) މާނައަކީ: “ހަމަކަށަވަރުން މާތް ﷲ އެންމެ ފުރަތަމަ އުފެއްދެވީ ގަލަމެވެ. އަދި ވަޙީ ކުރެއްވިއެވެ. “ލިޔާށެވެ.” ގަލަމް ދެންނެވިއެވެ. “އަހަރެން ލިޔަންވީ ކޮން އެއްޗެއް ހެއްޔެވެ؟” ވަޙީ ކުރެއްވިއެވެ. “ގަދަރުގައި ވެފައިވާހާ ކަމަކާއި ވާނޭހާ ކަމެއް ލިޔާށެވެ.”

އެހެންކަމުން، އިސްވެ ބަޔާން ކުރެވުނު 6 ކަންތަކަށް ފުރިހަމަ އަށް އީމާންވާން ޖެހެއެވެ.

1.      ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ދެވަނަ ވައްތަރަކީ: (وَعَمِلُوا الصَّالِحَاتِ) ނަމާދާއި ޒަކާތާއި ޙައްޖާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމްގެ ގުޅުން ދެމެހެއްޓުމާއި މިނޫންވެސް އެންމެހައި ހެޔޮޢަމަލުކޮށްފައިވުން.

ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލު ގަބޫލު ކުރައްވަނީ ދެ ޝަރްޠެއް ހަމަވެގެންނެވެ. އެއީ:

އެކެއް: ﷲ އަށް އިޚްލާޞްތެރިވުން.

ދޭއް: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރުން.

ކުރާ ޢަމަލުގައި ﷲ އަށް އިޚްލާޞްތެރި ނުވެވިއްޖެނަމަ އެކަމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫނެވެ. އެކަން ރައްދު ކުރައްވާނެއެވެ. وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: “إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. “ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ”.

عَنْ شَدَّادِ بِنْ أَوْسٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: “مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ” މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އުވައިސް ގެ ކިބައިން ރިވާވެެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. “ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ”.

ހަމައެއާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލަކަށް ވާން ޖެހޭނެއެވެ. ނޫންނަމަ އެކަމެއް ގަބޫލެއް ނުކުރައްވާނެއެވެ.

2.      ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ތިންވަނަ ވައްތަރަކީ: (وَتَوَاصَوْا بِالْحَقِّ) “އެއްބަޔަކު އަނެއް ބަޔަކަށް ޙައްގަށް ވަޞިއްޔަތްކޮށް އުޅޭ މީހުން” މީހަކު ގޯސްގޮތަކަށް އުޅޭނަމަ އެގޮތަށް ނޫޅުމަށް ވަޞިއްޔަތް ކުރާނެއެވެ. އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކުރާނަމަ އެކަން ކުރުމަށް ވަޞިއްޔަތް ކުރާނެއެވެ. އަދި ޙަރާމްކަމެއް ކުރާނަމަ އެކަމެއް ނުކުރުމަށް ވަޞިއްޔަތް ކުރާނެއެވެ. އެމީހެއްގެ އަމިއްލަ ނަފްސަށް ރަގަޅު ވެލައިގެން ނުބައިކަންތަކުން ދުރުހެލިވެގެން ހުންނަނީކީ ނޫނެވެ. އޭގެ ބަދަލުގައި އެހެން މީހުންނަށްވެސް އޭގެ ފައިދާފޯރުކޮށްދޭން މަސައްކަތް ކުރެއެވެ.

3.      ސަލާމަތްކަން ލިބިގެންވާ މީސްތަކުންގެ ތެރެއިން ހަތަރުވަނަ ވައްތަރަކީ: (وَتَوَاصَوْا بِالصَّبْرِ  ) އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރެއެވެ.

ކެތްތެރިވުމަކީ: ކޮށްގެންނުވާނެ ކަންތައްތަކުން ނަފްސު ދުރުހެލި ކުރުވުމެވެ. ޢިލްމުވެރިން ކެތްތެރިކަން ތިންބަޔަކަށް ބައްސަވައެވެ.

ފުރަތަމަ: ﷲ އަށް ކިޔަމަންތެރިވުމުގައި ކެތްތެރިވުން.
ދެވަނަ: ﷲ ޙަރާމް ކުރެއްވިކަންތައްތަކުގައި ކެތްތެރިވުން.
ތިންވަނަ: ﷲ ގެ ގަދަރަށް ކެތްތެރިވުން.
މިތިން ބާވަތުގެ އިތުރު ތަފްޞީލް:

ﷲ އަށް ކިޔަމަންތެރިވުމުގައި ކެތްތެރިވުން. ބައެއް މީހުން ފަރްޟު ނަމާދު ޖަމާޢަތުގައި ކުރުމަށް ކަންނެތްވެއެވެ. މިސްކިތަށް ނުގޮސް ގޭގައި ކޮށްލައެވެ. އެއީ މިސްކިތަށް ދާން ބުރަޔަކަށް ވެގެންނެވެ. މިފަދަ މީހުންގެ ގާތުގައި ބުނެލަން އޮތީ މިސްކިތަށް ދިޔުން އެއީ ބުރަޔަކަށް ނުހަދާ ކެތްތެރިވެލާފައި މިސްކިތަށް ދާށެވެ.

ބައެއް މީހުން ޒަކާތަށް ނެރެން ޖެހޭ ފައިސާ ގިނަވީމާ އެކަމާ ދަހިވެތިވެއެވެ. އަދި ޒަކާތް ނެރުމާއި ނުނެރުމާއި ދެމެދު ދެފުށަށް ކެނޑޭގޮތް ވެއެވެ. މިފަދަ މީހުންނަށް ބުނަން ޖެހެނީ ޒަކާތް ނެރޭށެވެ. އަދި އޭގެ ސަބަބުން ހިތުގައި އުފެދޭ ޝައްކުތައް ދުރުކޮށްލާ އެކަންތައް ތަކާއި މެދުގައި ކެތްތެރިވާށެވެ. އެއީ ﷲ އަށް ކިޔަމަންގަތުމުގެ ގޮތުން ނެރެވިފައިވާ މުދަލެކެވެ.

 ﷲ ޙަރާމް ކުރެއްވިކަންތައްތަކުގައި ކެތްތެރިވުން. މަގުމަތިން ހިނގާފައި ދާއިރު ރީތި އަންހެން ކުއްޖަކު ފެނިދާނެއެވެ. އެހެންކަމުން، އެކުއްޖާގެ ހިނގުމަށް ބަލަހައްޓައިގެން އެކުއްޖާގެ ފަހަތުން ހިނގައި ހަދާފާނެއެވެ. ނަމަވެސް، އޭނާ ހަނދާންކުރަންވީ ކަމަކީ މިގޮތަށް ކަންކުރުމަކީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކަމެވެ. އެހެންކަމުން، ހިތުގެ އެދުން ތަކާއި ދުރުހެލިވެ، ކެތްތެރިވާނީއެވެ.

ﷲ ގެ ގަދަރަށް ކެތްތެރިވުން. އިންސާނާ އަށް ބަލިމަޑު ކަމެއް ޖެހިދާނެއެވެ. ނުވަތަ އޭނާގެ މުދަލުގެ ބަޔެއް ގެއްލިދާނެއެވެ. ނުވަތަ ލޯބިވާ ބަޔަކު ދުނިޔެ އާއި ވަކިވެގެން ހިނގައިދާނެއެވެ. މިފަދަ ކޮންމެ ވަގުތެއްގައި ހަނދާނަށް ގެންނަންވީ ކަމަކީ މިއީ ﷲ ގެ ގަދަރުގައި ވާގޮތް ކަމެވެ. މިކަންތަކަށް ކެތްތެރރިވާން ޖެހޭނެ ކަމެވެ. މިފަދަ ކަންތަކާއި ހިތާމަކޮށްކޮށް ހުރިނަމަވެސް ކުރާނެ ފައިދާ އެއް ނެތް ކަމެވެ.

އިންސާނާގެ ނަފްސަށް އެންމެ އުދަގުލީ ކޮން ވައްތަރެއްގެ ކެތްތެރި ކަމެއްތޯ؟

އެކި މީހުންގެ ޙާލަތު ތަފާތެވެ. ބައެއް މީހުންނަށް އުދަގުލީ ކިޔަމަންގަތުގައި ކެތްތެރިވުމެވެ. އަނެއް ބައި މީހުންނަށް އުދަގުލީ ޙަރާމް ކަންތަކުން ދުރުހެލިވުމުގައި ކެތްތެރިވުމެވެ. އެފަދަ މީހުންނަށް އަނެއް ދެވައްތަރަށް ކެތްތެރިވުމަކީ އުދަގުލެއް ނޫނެވެ. އަނެއް ބައިމީހުންނަށް ގަދަރަށް ކެތްތެރިވުން ކަމަކަށް ނުވި ނަމަވެސް ކިޔަމަންތެރި ކަމާއި ޙަރާމް ކަންތަކުން ދުރުހެލިވުމަށް ކެތްތެރިވުން އެއީ ކަމަކަށް ނުވެދެއެވެ.  ބައެއް މީހުން ކިތަންމެ އަޅުކަންކޮށް ހެޔޮކޮށް އުޅުނު ނަމަވެސް މުޞީބާތެއް ދިމާވާ ހިނދުގައި އެކަމަށް ކެތްތެރި ނުވެވިގެން މުރްތައްދުވާ ޙާލަތަށްވެސް ގޮސްފައި އެބަ ހުއްޓެވެ. ސޫރަތުލް ޙައްޖިގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١١﴾  ) މާނައަކީ: ” شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.”

އެހެންކަމުން، މިސޫރަތުލް ލިބިގަންނަން ޖެހޭ ފިލާވަޅަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހުވާ ވަޙީ ކުރައްވާ، އަދި (އިންނަ) އާއި (ލާމް) ޛިކްރު ކުރައްވާ އިންސާނުންނަށް ކަށަވަރުކޮށް ދެއްވާފައި މިވަނީ އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައި ކަމެވެ. އަދި އިންސާނާގެ ހުރިހާ ދިމާލަކުންވެސް އޭނާ އަށް ވަނީ ގެއްލުމާއި ހަލާކު ކަމެވެ. ނަމަވެސް، އޭގެ ތެރެއިން އިސްތިޘްނާ ވަނީ އީމާންވެ، ޞާލިޙް ޢަމަލުކޮށް، އެކަކު އަނެކަކަށް ޙައްގަށް ވަޞިއްޔަތްކޮށް، އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށް އުޅޭ މީހުންނެވެ.

އެހެންކަމުން، މި ހަތަރު ޞިފައިން ޞިފަ ލިބިގެންފައިވާ މީހަކު ފިޔަވާ އެހެން މީސްތަކުންވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަން އެނގޭ ހިނދު ބުއްދިވެރި އެއް ނަމަ، މި ޞިފަތަކުން ޞިފަލިބިގަންނަން މަސައްކަތް ކުރާނެއެވެ. އަދި އޭނާގެ ނަފްސު ގެއްލުމާއި ހަލާކުގެ ތެރެއިން ސަލާމަތް ކުރަން މަސައްކަތް ކުރާނެއެވެ. ﷲ ތަޢާލާ އަޅުގަޑުމެން އެންމެންނަކީ ކާމިޔާބު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި. އާމީން. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.