ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

(الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾   ) ” އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ.”

މިފަދަ މީހުންގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތު ފާޠިރުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  (أَفَمَن زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّـهَ يُضِلُّ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّـهَ عَلِيمٌ بِمَا يَصْنَعُونَ ﴿٨﴾  ) މާނައަކީ: ” ފަހެ، އެމީހެއްގެ ނުބައި عمل، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު عمل ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަދި ސޫރަތު މުޙައްމަދުގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُم ﴿١٤﴾  ) މާނައަކީ: ” ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينة ތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟”

(أُولَـٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾  )

“އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.”

(بِآيَاتِ رَبِّهِمْ  ) މި އާޔަތުގެ ބޭރުފުށަށް ދޭހަވަނީ އެބައިމީހުންވަނީ ﷲ ގެ ކައުނީ އަދި ޝަރްޢީ އާޔަތްތަކަށް ކާފިރުވެގެން ކަމަށެވެ. ނަމަވެސް، އެބައިމީހުން ކާފިރުވެފައިވަނީ ﷲ ގެ ޝަރްޢީ އާޔަތްތަކަށެވެ. އަދި ކައުނީ އާޔަތްތަކަށް ކާފިރެއް ނުވެއެވެ. އެކަމުގެ ދަލީލަކީ ސޫރަތު ލުގްމާންގެ 25 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ ۚ  )

މާނައަކީ: ” އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ.” އެހެންވީމާ، އުޑާއި ބިން އުފެއްދެއްވުމުގައި ﷲ ފިޔަވާ އެހެން ފަރާތެއްވާ ކަމަކަށް އެބައިމީހުން ގަބޫލެއް ނުކުރެއެވެ. އަދިކިއެއްތަ، އެތަކެތި އުފެއްދެވީ ހަމައެކަނި ﷲ ކަމަށްވެސް އެބައިމީހުން ހެކިވެއެވެ. ނަމަވެސް އެބައިމީހުން އިންކާރު ކުރަނީ ރަސޫލު ބޭކަލުންގެ ވާހަކަތަކެވެ. އަދި އެބޭކަލުން ގެނެސްދެއްވި ތަކެއްޗަށެވެ. އެހެންކަމުން، އެބައިމީހުން ކާފިރުވެފައިވަނީ ﷲ ގެ ޝަރްޢީ އާޔަތްތަކަށެވެ.

(وَلِقَائِهِ  ) “ﷲ އާއި ބައްދަލުވާނެ ކަމާއި މެދުގައި.” އެއީ ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުވާން ޖެހޭނެކަމެވެ. އެބައިމީހުންވަނީ ގިޔާމަތްދުވަސް އަންނާނެކަން ދޮގުކޮށް އެކަމާ ޖަދަލުކޮށްފައެވެ. ގިޔާމަތްދުވަސް އަންނާނެކަމުގެ ހެކިތައް އެބައިމީހުންނަށް ދެއްކެވުމުންވެސް ބޮޑާވެ ގޮތުގައި ދެމިތިބީއެވެ. ސޫރަތު ޔާސީންގެ 77 އަދި 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾ وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾  ) މާނައަކީ: ” ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟”

މިބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ސޫރަތު ޔާސީންގެ 79 އިން ފެށިގެން 82 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރެއްވިއެވެ. (قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩﴾ الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾ أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ ﴿٨١﴾ إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾  ) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ. އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ. ފަހެ، އެކަލާނގެ يدقدرة ފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.”

މި އާޔަތްތަކުގައި އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް ﷲ ކުޅަދުންވަންތަ ވޮޑިގެންވާ ކަމުގެ އެތައްބައިވަރު ހެކިތަކެއް ދައްކަވާފައިވެއެވެ. އެގޮތުން:

  1. އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވީ ﷲ އެވެ. ޒަކަރިއްޔާ ޢަލައިހިއްސަލާމް މުސްކުޅިވީ ދުވަހު އަދި އަނބިކަނބަލުންނަކީ ދަރިމައިނުވާ މީހަކަށްވީއިރުގައިވެސް އެކަލޭގެފާނަށް ދަރިކަލަކު ދެއްވިއެވެ. ސޫރަތު މަރްޔަމްގެ 7 އިން 9 ވަނަ އާޔަތްތަކުގައި ވަޙީ ކުރެއްވިއެވެ. ( يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧﴾ قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ﴿٨﴾ قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا ﴿٩﴾ ) މާނައަކީ: ” އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ. “

ވީމާ، ކަލޭގެފާނު ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު، ކަލޭގެފާނަށް އިތުރުދަރިކަލަކު ދެއްވުމަށްވެސް ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އުފެއްދެވުމަށްވުރެ އަލުންދިރުއްވުމަކީ ފަސޭހަކަމެއްކަން ބަޔާން ކުރައްވާ ސޫރަތުއް ރޫމްގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ) މާނައަކީ: ” އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلق ތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادة ކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ.”

  • (وَهُوَ بِكُلِّ خَلْقٍ عَلِيمٌ  ) ” އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ﷲ އީ ހުރިހާ މަޚްލޫގުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމަށްވީހިނދުގައި އެކަލާންގެ އިރާދަކުރެއްވިކަމެއް ކުރައްވަން ނުކުޅެދުންތެރިވޮޑިގެން ނުވާނެއެވެ.
  • 3.     (الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾ ) ” އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ.” ވީމާ، އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވުމަށްވެސް އެއިލާހު ކުޅަދުންވަންތަވޮޑިގެންވެއެވެ.
  • 4.     (أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ) ” އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟” އުޑާއި ބިން އުފެއްދެވުމަކީ އިންސާނުން އުފެއްދެވުމަށްވުރެ ބޮޑު ކަމެކެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތު ޣާފިރުގެ 57 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٥٧﴾  ) މާނައަކީ: ” ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.”
  • 5.      (وَهُوَ الْخَلَّاقُ الْعَلِيمُ  ) ” އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” މިތަނުގައި ” الْخَلَّاقُ ” ޞީޣަތުލް މުބާލަޣާ (ގިނަގިނައިން އުފައްދަވާ) ބޭނުން ކުރައްވާފައިވަނީ އެކަލާންގެ ކުޅަދުންވަންތަކަން އެންގެވުމަށެވެ.
  • 6.     ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ ) ” އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.” މިކަމުގެ އިތުރު ތަފްޞީލު ދެއްވާ ސޫރަތު ޔާސީންގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣﴾  ) މާނައަކީ: ” ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ.”
  • 7.     ( فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ ) މާނައަކީ: ” ފަހެ، އެކަލާނގެ އަތްފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ!” އެހެންކަމުން ކޮންމެ ކަމަކަށްމެ ﷲ ކުޅަދުންވަންތަ ވޮޑިގެންވެއެވެ.
  • 8.     ( وَإِلَيْهِ تُرْجَعُونَ ) “ތިޔަބައިމީހުން މަރުވުމަށްފަހު ރުޖޫޢަ ކުރެއްވޭނީ ﷲ ގެ ޙަޟްރަތަށެވެ.”

 (فَحَبِطَتْ أَعْمَالُهُمْ  ) އެބައިމީހުންކޮށްފައިވާ އެންމެހައި ޢަމަލުތައްވަނީ ބާޠިލުވެފައެވެ. އެޔަކުން އެބައިމީހުންނަށް މަންފާއެއް ނުކުރާނެއެވެ. ކާފިރުކަންމަތީ ހުރެގެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިނަމަވެސް އެކަމަކީ ﷲގެ ޙަޟްރަތުގައި ގަބޫލު ކުރެވިގެންވާ ޢަމަލުތަކަކަށް ނުވާނެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ މީހަކު މުރްތައްދުވުމާއި އެކު އޭނާގެ ޢަމަލުތައް ބާޠިލް ވެގެންދާނެތޯ ނުވަތަ ނޫންތޯއެވެ؟

ޖަވާބަކީ: އެމީހުން މުރްތައްދުކަންމަތީގައި މަރުވެގެން ހިނގައްޖެނަމަ އެބައިމީހުންގެ އެއްވެސް ހެޔޮ ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. ނަމަވެސް، މަރުވުމުގެ ކުރިން ތައުބާވެއްޖެނަމަ ކުރިންކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާވެސް ދެއްވާނެއެވެ. ސޫރަތުލް ބަގަރާގެ 217 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢١٧﴾ ) ” ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ.”

(فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا  )” ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.”

(ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا ﴿١٠٦﴾  )

( ذَٰلِكَ ) އިޝާރާތް ކުރައްވަނީ އެބައިމީހުންގެ ޢަމަލުތައް ބާޠިލުވެފައިވުމަށާއި، އެއުރެންގެ ޢަމަލުތަކަށް އެއްވެސް ބަރުދަނެއް ނުލެއްވުމަށެވެ.

( جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا ) އެބައިމީހުން ކާފިރުވުމުގެ ޖަޒާއެއްގެ ގޮތުންނެވެ.

(بِمَا  ) މިތަނުގައި “ބާ” ގެންނަވާފައިވަނި ސަބަބިއްޔާގެ މާނާގައެވެ. މާނައަކީ އެބައިމީހުންނަށް މިގޮތަށް ކަންތައް މެދުވެރިވީ ކާފިރުވުމުގެ ސަބަބުންނެވެ.

(وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا  ) އެބައިމީހުން ހަމައެކަނި ކާފިރުވެލައިގެން ތިބީކީ ނޫނެވެ. އޭގެ ބަދަލުގައި އެހެންމީހުންނަށްވެސް ދުއްތުރާކޮށް މަގުފުރެއްދީއެވެ. އަދި ﷲ ގެ އާޔަތްތަކަށާއި ރަސޫލު ބޭކަލުންނަށް ފުރައްސާރަކުރީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.