ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފި އެވެ.
އަތޮޅު ކައުންސިލުން ބުނި ގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.
އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަށްރަށުގެ މިސްކިތްތަކުގައި މެންދުރުނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.
މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ އައްޝައިޚް ޙަސަން ތައުފީގު އާއި އައްޝައިޚް އަހްމަދު ފަހުމީ ދީދީ އެވެ.
ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަތޮޅު ކައުންސިލުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި ރަށްރަށުގެ ކައުންސިލުތައް ގުޅިގެންނެވެ.