ޓިވެކުގެ ދެވަނަ ބެޗުން 48 ދަރިވަރުން ގްރެޖުއޭޓް ވެއްޖެ

ޓިވެކްގެ ފުރަތަމަ ބެޗުގެ ކޯސްތައް ނިންމި ބައެއް ދަރިވަރުން ގްރެޖުއޭޝަން ހަފްލާގައި- ފައިލް ފޮޓޯ

ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ދެވަނަ ބެޗުގެ 48 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ އެވެ.

ޓިވެކުން ހިންގި ތިން ކޯހުގެ ނިމުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ނަސީރު ވިދާޅުވީ، ޓިވެކްގެ ކޯސަތަކުން ކުދިން ހޯދި ތަމްރީނުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއީ ޓެކްނިކަލް ދާއިރާތަކުން ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރެވޭނެ މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ ޓިވެކުން ދަސްވި ކަންތައްތައް ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ، އެ ސެންޓަރުން މިހާތަނަށް ރާއްޖޭގެ 6 އަތޮޅު ފިޔަވާ  ހުރިހާ އަތޮޅަކުން ކުދިން ތަމްރީން ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 63% ކުދިންނަކީ އުމުރުން 20 އަހަރުންދަށުގެ ކުދިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ދެވަނަ ބުރުގެ ކޯސްތަކުގައި ރާއްޖޭގެ 12 އަތޮޅެއްގެ 28 ރަށަކުން ދަރިވަރުން ބައިވެރިވި އެވެ.

 އެ މަރުކަޒުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ތިންވަނަ ބެޗުގެ ކޯސްތައް ފެށުމެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ. ޓިވެކުގެ ތިންވަނަ ބެޗުގެ ކިޔެވުން އަންނަމަހު ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.