15 ސަރަހަދެއްގައި “ދިރާގު ހޮޓްސްޕޮޓް” ގާއިމުކޮށްފި

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލމާލެ ހިމެނޭގޮތަށް ޖުމްލަ 15 ތަނެއްގައި “ދިރާގު ހޮޓްސްޕޮޓް” ގެ ނަމުގައި ވައިފައި ހޮޓްސްޕްޓް ތަކެއް ގާއިމްކޮށްފި އެވެ.

“ދިރާގު ހޮޓްސްޕޮޓް” ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ސަލްޓަން ޕާކުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިއެވެ. މި ހަފުލާގައި ދިރާގު އަދި މާލެ ސިޓީ ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ. އީ. އޯ އަދި އެމް. ޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި ދިރާގުން ކުރިއަށް މިގެންދާ “ޑިޖިޓަލް ރާއްޖެ” ޕްރޮގްރާމްގެ ދަށުން މިއަދު މި ތައާރަފް ކުރެވޭ ދިރާގު ވައިފައި ހޮޓްސްޕޮޓް ތަކަކީ ދިރާގާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ޒަމާނާ އެކު އެންމެހާ ދިވެހީން ޑިޖިޓަލް ވިއުގާއާއި ގުޅުވާލަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މިއަދު މަޝްރޫއު ފަށޭ އިރު، މި ހިދުމަތް ފޯރުކޮއްދިނުމަށް ދިރާގަށް ފުރުސަތު ދެއްވީތީ މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑު ޝުކުރު ދެންނެވިއެވެ. 

މި ހޮޓް ސޮޕްޓްގެ ޒަރިއްޔާއިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ހިލޭ 30 މިނަޓަށް ވައިފައި ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކޮންމެ ލޮކޭޝަނަކަށް ވަކި ހާއްސަ ޕެކޭޖްތަކެއްވެސް ވަނީ ތައާރަފުކޮށްފައިއެވެ.

އިންޓަނެޓަކީ މިހާރު ކޮންމެ މީހެއްގެ ވެސް ޒަރޫރީ އެއްޗެކަށްފައި އޮތުމުންނެވެ. ކެފޭ އެއް ވިއަސް، ރެސްޓޯރަންޓ އެއް ވިއަސް، ކޮންމެ ތަނަކީ މީހާ “ކަނެކްޓް” ވެފައި ވާ ތަނަކަށް މިޒަމާނުގައި ވާންޖެހެވެ.

އެހެންކަމުން މި ހޮޓް ސްޕްޓް ތަކުގައި ހުންނަވައިގެން ފޯނުގައި ޑޭޓާ ހުސްވެފައިހުރި ކަމުގައިވިޔަސް ވަޓްސް އަޕް ކޯލެއް، މުނިފޫހި ފިލުވާލުމަށް އިންސްޓަގްރާމައް ފޮޓޯ އެއް އަޕްލޯޑް ކޮށްލުން ނުވަތަ ވައިބާ އިން ފެމިލީ ގުރޫޕުގައި މެސެޖް ކޮއްލުން ކަހަލަ ކަންތައްތައް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.