ސޫރަތުލް ޙުޖުރާތު ގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

ބިދުޢައިގެ ވައްތަރުތައް:

ދީނުގެ ތެރެއަށް ބިދުޢަވެރި ކަމެއް ވެއްދުމުގައި ދެގޮތެއް ވެއެވެ. އެއީ:

ފުރަތަމަ: ޢަގަދީ ގޮތުން ބިދުޢަ އަކަށް ވުން: މިޘާލަކަށް މަގުފުރެދިފައިވާ ޖަހްމީންނާއި މުޢްތަޒިލީން ފަދަ ފިރްގާ ތަކުގެ ޢަގީދާ ތައް.

ދެވަނަ: އަޅުކަމުގެ ތެރެއަށް ބިދުޢަ ވެއްދުން. މިޘާލަކަށް ﷲ ޝަރްޢު ކުރައްވާފައި ނުވާ ފަދަ އަޅުކަމެއް ކުރުން. މިފަދަ ބިދުޢަ އެތައް ބަޔަކަށް ބެހިގެން ވެއެވެ. އެއީ:

1.     އަޅުކަމުގެ އަޞްލުގެ ތެރެއަށް ކަމެއް ވެއްދުން. ޝަރީޢަތުގައި އަޞްލެއް ނުވާ ކަމެއް އަޅުކަމުގެ ތެރެއަށް ވެއްދުން. މިޘާލަކަށް ޝަރްޢުގައި ނެތް ނަމާދެއް ނުވަތަ ރޯދަ އެއް ޝަރްޢު ކުރުން. ނުވަތަ ޝަރްޢުގައި ފާހަގަ ކުރަން ނުޖެހޭ ޢީދެއް ފާހަގަ ކުރުން، މިޘާލަކަށް އުފަން ދުވަސް ފާހަގަ ކުރުން.

2.     ޝަރްޢު ކުރެވިފައިވާ އަޅުކަމެއްގެ ތެރެއަށް ކަމެއް އިތުރު ކުރުން. މިޘާލަކަށް މެންދުރު ނުވަތަ ޢަޞްރު ނަމާދުގައި ފަސްވަނަ ރަކްޢަތެއް ކުރުން.

3.     ޝަރްޢު ކުރެވިފައިވާ އަޅުކަމެއް ކުރާ ގޮތުގެ ތެރެއަށް ބިދުޢަ ވެއްދުން، މިޘާލަކަށް ނަމާދުގެ ފަހުން ޛިކްރު ތަސްބީޙަ ކިޔުމުގައި އެންމެން އެއް އަޑަކުން ރާގު ލައްވާފައި ކިޔުން.

4.     ޝަރީޢަތުގައި ކަނޑައެޅިފައިވާ އަޅުކަމެއް އެކަން ކުރުމަށް އޮންނަ ވަގުތު ނޫން އެހެން ވަގުތެއްގައި ކުރުން އެއީ މަޝްރޫޢު ކަމެއް ކަމުގައި ދެކުން، މިޘާލަކަށް: ޝަޢްބާން މަހުގެ ފަނަރަ ވަނަ ދުވަހު ރޯދަ ހިފުމާއި އެރޭ އަޅުކަން ކުރުން. އަޅުކަން ކުރުމާއި ރޯދަ ހިފުމަކީ ދީނުގައި މަޝްރޫޢު ދެކަންތަކެވެ. ނަމަވެސް، ޝަޢްބާން މަހުގެ ފަނަރަ ވަނަ ދުވަސް ޚާއްޞަކޮށްގެން ރޯދަ ހިފާ އަޅުކަން ކުރާ ކަމަށް ވަނީނަމަ އެކަމަށް ދަލިލެއް ބޭނުން ވާނެއެވެ.

ބިދްޢައިގެ ޙުކުމް:

ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إياكم ومحدثات الأمور، فإن كل محدثة بدعة، وكل بدعة ضلالة، وكل ضلالة في النار) މާނައަކީ: “ދީނުގެ ތެރެއަށް އަލަށް ކަމެއް ވެއްދުމުން ތިޔަބައިމީހުން ރައްކާތެރިވެ ސަލާމަތްވާށެވެ. ހަމަކަށަވަރުން އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދްޢަ އެކެވެ. ކޮންމެ ބިދްޢަ އަކީ ގެއްލުންތެރި ކަމެކެވެ. ކޮންމެ ގެއްލުންތެރި ކަމަކީ ނަރަކާގައިވާ ކަމެކެވެ”.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (من أحدث في أمرنا هذا ما ليس منه فهو رد) މާނައަކީ: “މި ދީނުގެ ތެރެއަށް އަލަށް ކަމެއްވައްދައިފިމީހާ ދަންނާށެވެ. އެކަމެއް ވަނީ އެމީހަކަށް ރައްދު ކުރެވިގެންނެވެ”.

އިސްވެދިޔަ ދަލީލުތަކުން ދޭހަވަނީ އަޅުކަމާއި ޢަގީދާގެ ތެރެއަށް ބިދްޢަ ވެއްދުމަކީ ޙަރާމްވެގެންވާ ކަމެއް ކަމެވެ. އެހެންނަމަވެސް ބިދްޢައިގެ ވައްތަރުން އޭގެ ޙަރާމްކަމުގެ ބޮޑު ކުޑަމިން ކަނޑައަޅއެވެ.

ބިދްޢައިގެ ތެރޭގައި ކުފުރުވާ ފަދަ ބިދްޢަވެސް ހިމެނެއެވެ. މިޘާލަކަށް ގަބުރުތައްވަށާ ޠަވާފުކުރުން، ޒިޔާރަތަށް ނަދުރުބުނެ ގުރްބާންކުރުން، މަރުވެފައިވާ މީހުންގެ ފަރާތުން އެހީ އަށް އެދުން ފަދަ ކަންތައް ހިމެނެއެވެ.

ބިދްޢައިގެ ތެރޭގައި ފާފައަކަށްވެދާ ފަދަ ކަންތައްވެސް ހިމެނިފައިވެއެވެ. މިޘާލަކަށް: ޝަހްވާނީ އެދުންވެރިކަން ދަށްކުރުމުގެ ގޮތުން ހޯޖާ ކުރުން، އިރުމެދުގައި ކޮޅަށް ހުރެ ރޯދަ ހިފުން ފަދަ ކަންތައް ހިމެނިގެންވެއެވެ.

ބައެއް ޢިލްމުވެރިން ބިދްޢައިގެ ވައްތަރުތަކުގެ ތެރޭގައި މަކްރޫހަ ބިދްޢަ، މިޘަލަކަށް މިސްކިތްތައް ޒީނަތްތެރިކުރުން، އެކި ޑިޒައިންތަކަށް މުޞްޙަފް ތައްޔާރުކުރުން ފަދަ ކަންތައް ހިމަނުއްވައެވެ. އަދި ބިދްޢަ މުބާޙް، މިޘާލަކަށް ކާބޯތަކެތީގެ ބާވަތްތަކާއި ލައިއުޅޭ އަންނައުނު އިތުރުކުރުން ހިމަނުއްވައެވެ.

އިމާމް ޝާޠިބީ- ރަޙިމަހުﷲ- އެކަލޭގެފާނުގެ “އަލްއިޢްތިޞާމް” އޭ ކިޔުނު ފޮތުގައި ބިދްޢަވެރިންގެ ދަރަޖަތައް ބަޔާން ކުރައްވަމުން ލިޔުއްވާފައިވެއެވެ.

1.   އެމީހެއްގެ ބިދްޢަވެރިކަން ސިއްރުކުރުމާއި އިޢުލާންކުރުމުގެ ގޮތުން ތަފާތުވެދެއެވެ. މިގޮތުން ސިއްރުކުރާ މީހާ، އޭނާގެ ނުބައިކަން އޮންނާނީ ހަމައެކަނި އޭނާގެ މައްޗަށެވެ. އެހެންމީހަކަށް އޭގެ އަޘަރެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ބިދްޢަވެރިކަން އިޢްލާންކޮށް، އެކަމަށް މީސްތަކުންނަށް ގޮވާނުލި ކަމުގައިވީނަމަވެސް އޭނާ އެހެންމީހުންނަށް އެގޮތުގައި ހިފުމަށް ދަޢްވަތު ދިނުން ފަދައެވެ.

2.    އެމީހެއްގެ ބިދްޢަ އަށް އެހެން މީހުންނަށް ދަޢްވަތުދޭމީހާ އާއި ދަޢްވަތު ނުދޭމީހާވެސް ތަފާތުވެއެވެ. ސަބަބަކީ ދަޢްވަތު ނުދޭމީހާގެ ބިދްޢަވެރިކަން ކޮޕީކުރާނެ މީހުން މަދުވާނެއެވެ. ނަމަވެސް އެކަމަށް މީސްތަކުންނަށް ދަޢުވަތުދީ ގޮވާލާ ކަމަށްވެއްޖެނަމަ، އޭނާ ކޮޕީ ކުރާނެ މީހުންގިނަވެ، އެކަމުގެ ނުރައްކާތެރިކަން މުޖްތަމަޢުގައި ބޮޑުވެގެންދާނެއެވެ.

3.    އެމީހެއްގެ ބިދްޢަ އަކީ ކުފްރެއްކަމަށް ވުމާއި ނުވުމުގެ ތަފާތަކީ، ކުފްރުވެރި ބިދްޢަ އެއްނަމަ ﷲ ގެ ޢަޛާބުގައި އެމީހަކު ދެމިހުންނާނެއެވެ. އަދި އޭނާ އިސްލާމްދީނުން ބޭރުވެގެންދާނެއެވެ. ނަމަވެސް ކުފްރުވެރި ބިދްޢަ އަކަށް ނުވެއްޖެނަމަ އެމީހަކު ދީނުން ބޭރުވެގެންނެއް ނުދާނެއެވެ.

  • ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކުގެ ކުރިޔަށް ކަމެއް ނެރުމުގެ ތެރޭގައި ޝަރީޢަތުގައި އޮންނަ ގޮތާއި ޚިލާފަށް މީސްތަކުންނަށް ކަންތައް ބަޔާން ކޮށްދިނުން ހިމެނެއެވެ. މިޘާލަކަށް ޙަރާމް ކަމެއް ޙަލާލު ކުރުން، ނުވަތަ ޙަލާލު ކަމެއް ޙަރާމް ކުރުން ފަދަ ކަންތަކެވެ. ނުވަތަ ދީނުގެ ޙުކުމް އޮންނަ ގޮތް ނޭނގި މީސްތަކުންގެ ތެރޭގައި ވާހަކަ ދެއްކުންވެސް ހިމެނެއެވެ.

މި ސޫރަތް ފައްޓަވާފައިވަނީ މުއިމިނުންނަށް މަތިވެރި އަޚްލާގެއް ދަސްކޮށްދެއްވާފައެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނަވަނިކޮށް އެކަލޭގެފާނުގެ ރައުޔެއް ނުވަތަ ޚިޔާލެއް ހޯދުމެއް ނެތި ކަންކަން ނުނިންމުމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމެވެ. ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅެއް އޮތްނަމަ އެއަމުރުފުޅަށްވުރެ ތިމާގެ އަމިއްލަ ވިސްނުން އިސް ނުކުރުމަށެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَ‌سُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ) މާނައަކީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ” كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى ، قَالُوا : يَا رَسُولَ اللَّهِ ، وَمَنْ يَأْبَى ؟ ، قَالَ : مَنْ أَطَاعَنِي دَخَلَ الْجَنَّةَ ، وَمَنْ عَصَانِي فَقَدْ أَبَى ” .

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިންކާރުކޮށްފި މީހަކު މެނުވީ ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެން ސުވަރުގެ ވަންނަ ހުއްޓެވެ.” ޞަޙާބީން ދެންނެވިއެވެ. “އިންކާރު ކުރާ މީހަކީ ފަހެ ކާކު ހެއްޔެވެ؟” ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ކިޔަމަންގަންފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ އިންކާރުކޮށްފިއެވެ.”

ވީމާ، ކޮންމެ ކަމެއްގައިވެސް ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަން ގަންނަން ޖެހެއެވެ. ނަމާދު ކުރުމުގައިވެސް އަދި އެނޫންވެސް އަޅުކަންތަކާއި މުޢާމަލާތްތައް ކުރުމުގައްޔެވެ. ސޫރަތު އާލު ޢިމްރާންގެ 31 އަދި 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ‌ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ ﴿٣١﴾ قُلْ أَطِيعُوا اللَّـهَ وَالرَّ‌سُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّـهَ لَا يُحِبُّ الْكَافِرِ‌ينَ ﴿٣٢﴾  ) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”

އިބްނުލް ޢަރަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ[1]. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި ހުންނެވި އިރުގައި އެކަލޭގެފާނަށް އިޙްތިރާމް ކުރި ފަދައިން އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުގައިވެސް އިޙްތިރާމް އަދާ ކުރަން ޖެހެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުގައިވެސް ދުނިޔޭގައި ހުންނެވި އިރު ޙަދީޘް ކުރެއްވި ބަސްފުޅުތަކާއި ތަފާތެއް ނެތެވެ. ތަޞައްވަރު ކޮށްލައްވާ: މި ޒަމާނުގައި ކީރިތި ރަސޫލާ ދުނިޔޭގައި ހުންނަވާ އަޅުގަޑުމެންނަށް ކަމަކަށް އަމުރު ކުރައްވައިފިނަމަ އެކަމާއި އިދިކޮޅު ހެދިދާނެތޯ؟ ނޫން. އެހެންކަމަށްވަނީނަމަ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުގައިވެސް އެއްވެސް އަމުރުފުޅަކަށް ފުރަގަސް ނުދެވޭނެއެވެ. ފުރިހަމަ އަށް ކިޔަމަން ގަންނަން ޖެހޭނެއެވެ.”

 (وَاتَّقُوا اللَّـهَ   ) މާނައަކީ: “ﷲ އަށް ތަގްވާވެރިވާށެވެ.” މިތަނުގައި މިވަނީ ޢާއްމު ކަމަކަށްފަހު ޚާއްޞަ ކަމެއް ޛިކްރު ކުރައްވާފައެވެ. އެހެނީ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުގެ ކުރިޔަށް ކަމެއް ނެރުމަކީ ތަގްވާ އާއި ފުށޫއަރާ ކަމެކެވެ.

ތަގްވާގެ މާނައަކީ: ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެ، އެކަލާންގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.

ތަގްވާގެ ކުރިޔަށް އެވާހަކަ ޛިކްރު ކުރެއްވުމުގެ ޙިކްމަތަކީ އެކަމުގެ އަހައްމިއްޔަތު ބަޔާންކޮށް ދެއްވުމެވެ.

ތަގްވާގެ މާނައަކީ: ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެ، އެކަލާންގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. (ނުނިމޭ)


[1]  މުޙައްމަދު ބިން ޢަބްދިﷲ އަލްމަޢާފިރީ. މަޝްހޫރުވެވަޑައިގެންފައިވަނީ އަލްގާޟީ އަބޫބަކްރު ބިން އަލްޢަރަބީ ގެ ނަމުންނެވެ. އަންދަލުސްގައި ހުންނެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ އެވެ. އުފަންވެވަޑައިގަތީ އިޝްބީލިޔާ ގައި 468ހ ގައެވެ. ޙަދީޡް، ފިގްހު، އުޞޫލުލްފިގްހި، ތަފްސީރު، އަދަބު، ތާރީޚްގެ ގިނަ ފޮތްތަކެއް ލިޔުއްވިއެވެ. އިޝްބީލިޔާގެ ގާޟީކަންވެސް ކުރެއްވިއެވެ. އަވަހާރަވީ 543ހ ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.