
ލަނޑާގިރާވަރު ރިސޯޓުން އިސްނަގައިގެން ބ. އަތޮޅުހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެން ބ. އޭދަފުށިން މަދިރި ނައްތާލުމުގެ ޕޮރޮގުރާމެއް ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މަދިރި މަދުކުރުމަށް ހިންގާ 10 ދުވަހުގެ ޕްރޮގުރާމުގެ ދަށުން މި ޕްރޮގްރާމުގެ ކޮންސަލްޓެންޓުން އޭދަފުށީގައި ހުރި ހުރިހާ ގޭ ބިސީތަކަށް ޒިޔާރަތްކޮށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގާނެ ކަމަށެވެ.
“މި ޕްރޮގުރާމްގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ ރަށުތެރޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލައި އެތަންތަން ސާފުކުރުން. އަދި މީގެ ސްކޫލު ކުދިންނަށްވެސް ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެ،” ޕަބްލިކް ހެލުތު ޔުނިޓުން ވާހަކަ ދެއްކި ޒާހިރު ވިދާޅުވި އެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހިންގާ މި ޕްރޮގްރާމަށް މި ރަށުގެ ހުރިހާ އޮފީސްތަކާއި ކުންފުނި އަދި ކްލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާ ކަމަށްވެސް އަތޮޅުހޮސްޕިޓަލުން ބުންޏެވެ.
އޭދަފުށީގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ދޭތެރެ ދޭތެރެއިން ޕަބްލިކް ހެލްތު ޔުނިޓުން ޕްރޮގްރާމުތައް ކުރިއަށް ގެންދެ އެވެ.