ބ. އަތޮޅުގެ ހަ ރަށެއްގައި މިއަހަރު ފަގީރަކު ނެތުމާގުޅިގެން އެރަށްރަށުން ނެގި ފިތުރު ޒަކާތުގެ ފައިސާއާއި ގޮވާން މިއަތޮޅުގެ އެހެން ރަށްރަށުގެ ފަގީރުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިކަމަށް ކައުންސިލްތަކުން ބުނެފި އެވެ.
މިއަތޮޅުގައި މިއަހަރު ފަގީރުން ނެތީ ކެންދޫ، ކުޑަރިކިލު، ކިހާދޫ، ދޮންފަނުގެ އިތުރުން ފެހެންދޫ އާއި ފުޅަދޫ އެވެ.
ރަށްރަށުގެ ކައުންސިލްތަކުން ބުނިގޮތުގައި ފިތުރު ޒަކާތް އެހެން ރަށްރަށުގައި ތިބި ފަގީރުންނަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނި އަންގާފައެވެ.
ފަގީރަކު ނެތިގެން ކެންދޫ އަދި ކުޑަރިކިލު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާން ފޮނުވަން ނިންމީ ކަމަދޫ ފަގީރުންނަށެވެ. އަދި ކިހާދޫ ފިތުރު ހިތާދޫއަށް އަދި ދޮންފަނު ފިތުރު މާޅޮހަށް ފޮނުވަން ނިންމިއިރު، ފެހެންދޫ ފިތުރު ތުޅާދޫއަށް އަދި ފުޅަދޫ ފިތުރު ފޮނުވަން ނިންމީ ގޮއިދޫއަށެވެ.
ފަގީރަކު ނެތިގެން މީގެކުރިން މިއަތޮޅު ފެހެންދޫން ވެސް ވަނީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ގޮއިދޫގައި ތިބި ފަގީރުންނަށް ދީފައެވެ.