ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ގަޛްފުގެ ޙައްދު މަޝްރޫޢު ކުރެއްވުމުގެ ޙިކްމަތްތަކު ތެރޭގައި:

1.     ފާޙިޝް ކަންތަކުން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުން ހުއްޓުވުން.

2.      މީސްތަކުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށް ދިނުން،  އަދި މީސްތަކުންގެ ޢިއްޒަތުއް ނަފްސު ކިލަނބު ކުރިޔަ ނުދީ ހިފެހެއްޓުން.

3.      މީސްތަކުންގެ މެދުގައި މިފަދަ ދޮގު ވާހަކަތައް ފަތުރާ މީސްތަކުން އެކަހަލަ ވާހަކަތަކަށް ހެއްލުމުން ހުއްޓުވުން.

4.      މީސްތަކުންގެ މެދުގައި އުފެދިދާނެ ޢަދާވާތްތެރިކަމާއި ރުޅިވެރިކަމުން މުޖްތަމަޢު ސަލާމަތް ކުރުވުން. މިފަދަ ވާހަކަތަކުގެ ސަބަބުން މީހުންގެ މެދުގައި ހަނގުރާމަ އެއް ނުވަތަ ތަޅާފޮޅުމެއްވެސް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

5.      މުއިމިނުންގެ މެދުގައި ފާޙިޝް ޢަމަލުތައް ހުއްޓުވުން، އެހެނީ މިފަދަ ވާހަކަތައް ދެކެވޭލެއް ގިނަވެ، ފަސޭހައިން މިފަދަ ވާހަކަތައް ދެކެވި ވާކަމަށް ވަނީނަމަ، މިފަދަ ފާޙީޝް ކަންތައް ތަކުގެ ތެރެއަށް މީސްތަކުން ޣަރަގު ވުމަކީ ވަރަށް ގާތް ކަމެކެވެ[1].

ހަމައެފަދައިން، ދީންވެރި ޢަދްލުވެރި މުރޫއަތްތެރި މީހަކު އައިސް މިވެނި މީހަކު ވައްކަން ކޮށްފިޔޭ ބުނުމަކު އެޚަބަރު ގަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް، އޭނާ ޖެހޭނީ ދެހެކިން ގެނެސް އެކަން ޘާބިތުކޮށްދޭށެވެ.

ނަމަވެސް،  ރަމަޟާން މަހުގެ ނުވަތަ ޝައްވާލް މަހުގެ ހަނދު ފެނުނު ކަމަށް ޢަދްލުވެރި މުރޫއަތްތެރި އެކަކު ހެކިބަސް ދީފިނަމަ، އެކަން ގަބޫލު ކުރެވޭނެއެވެ. ސަބަބަކީ ސުންނަތުގައި އައިސްފައިވަނީ އެގޮތެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ.  (تَرَاءَى النَّاسُ الْهِلالَ ، فَأَخْبَرْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنِّي رَأَيْتُهُ ، فَصَامَ وَأَمَرَ النَّاسَ بِصِيَامِهِ) މާނައަކީ: “މީސްތަކުން ހަނދު ހޯދަން މަސައްކަތް ކުރިއެވެ. ތިމަންކަލޭގެފާނަށް ހަނދު ފެނުނު ވާހަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚަބަރު ދިނީމެވެ. އެހިނދު އެދުވަހު ރޯދަ ހިއްޕަވާ އަދި ރޯދަ ހިފުމަށް މީސްތަކުންނަށްވެސް އަމުރު ކުރެއްވިއެވެ.” މިތަނުގައި ޢަދްލުވެރި އެކެއްގެ ހެކިބަސް ގަބޫލު ކުރެވެއެވެ.

އެއަށްފަހުގައި ބަޔާން ކުރައްވަނީ ޚަބަރު ތަޙްގީގް ކުރުމުގެ ޙިކްމަތެވެ. (أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ) މާނައަކީ: ޚަބަރުގެ ތެދުދޮގު ބަލާ ތަޙްގީގް ކުރުމަށް އަމުރު ކުރެއްވި ސަބަބަކީ ނޭނގުމެއްގެ ތެރޭގައި ބަޔެއްގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އެޅުވިދާނެތީ އެކަމުން ދުރުހެލި ކުރުވުމަށެވެ. އެހެނީ އިންސާނާ އަށް އިވޭ ކޮންމެ ވާހަކަ އެއް އެވާހަކަ އެއްގެ ތެދުދޮގު ބެލުމެއް ނެތި މީސްތަކުންގެ ތެރޭގައި ދައްކަން ވެއްޖެނަމަ، އެކުރެވޭ ކަމަކީ އެހެން މީހެއްގެ ޙައްގައް އަރައިގަތުމެވެ. ސަބަބަކީ އެޚަބަރަކީ ތެދު ޚަބަރަކަށް ނުވެއްޖެނަމަ ދޮގުވާހަކަ ތަކެއް ފެތުރުނީއެވެ.

ދެބައޮޑުވުމަކީ ވެސް އެކަމުގެ ނުރައްކާތެރި ކަމުގެ ވާހަކަ އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޛާރު ދެއްވާފައިވާ މައްސަލަ އެކެވެ. ދެބައޮޑުވުމުގެ މާނައަކީ ދެމީހަކު ދޭތެރެޖެއްސުމަށްޓަކައި އަނެކައިގެ ނުބައިވާހަކަ ނަގްލުކޮށް ހެދުމެވެ. މިކަމުގެ ނުބައިކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا يَدْخُلُ الْجَنَّةَ قَتَّاتٌ[2]) މާނައަކީ: “ދެބައޮޑުވާ މީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ.”

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (مَرَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى قَبْرَيْنِ , فَقَالَ : إِنَّهُمَا لَيُعَذَّبَانِ ، وَمَا يُعَذَّبَانِ مِنْ كَبِيرٍ ، ثُمَّ قَالَ : بَلَى ، أَمَّا أَحَدُهُمَا فَكَانَ يَسْعَى بِالنَّمِيمَةِ ، وَأَمَّا أَحَدُهُمَا فَكَانَ لَا يَسْتَتِرُ مِنْ بَوْلِهِ ، قَالَ : ثُمَّ أَخَذَ عُودًا رَطْبًا فَكَسَرَهُ بِاثْنَتَيْنِ ، ثُمَّ غَرَزَ كُلَّ وَاحِدٍ مِنْهُمَا عَلَى قَبْرٍ ، ثُمَّ قَالَ : لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا  [3]) މާނައަކީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެގަބުރެއްގެ ކައިރިން ހުރަސް ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “މިދެގަބުރަށް އެބަ ޢަޛާބު ލިބެއެވެ. އެހެންނަމަވެސް އެދެގަބުރަށް ޢަޛާބު ލިބެނީ މާބޮޑު ކަމަކާ ހުރެ އެއް ނޫނެވެ. ދެން ޙަދީޘް ކުރެއްވިއެވެ. އާދޭހެވެ. އޭގެތެރެއިން އެކަކީ ދެބައޮޑުވަމުން ހިނގާ އުޅުނު މީހެކެވެ. އަނެކަކީ ކުޑަކަމުދާ ތަކެތި ގަޔަށް ބުރާފައި ހުންނަ ހުރުމުން ސަލާމަތް ނުވެހުރި މީހެކެވެ.” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެޔަށްފަހު އެކަލޭގެފާނު ދެއޮފިކޮޅު ބިންދަވާލެއްވިއެވެ. އަދި އެގޮފިކޮޅުތައް ގަބުރުކައިރީގައި އިންދެވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. “އެދެގޮފިކޮޅު ނުހިކޭހާ ހިނދަކު އެދެމީހުންގެ ޢަޛާބު ލުއިކުރައްވާނެ ކަމަށް އުއްމީދު ކުރައްވަމެވެ.”

(وَاعْلَمُوا أَنَّ فِيكُمْ رَ‌سُولَ اللَّـهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ‌ مِّنَ الْأَمْرِ‌ لَعَنِتُّمْ وَلَـٰكِنَّ اللَّـهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّ‌هَ إِلَيْكُمُ الْكُفْرَ‌ وَالْفُسُوقَ وَالْعِصْيَانَ ۚ أُولَـٰئِكَ هُمُ الرَّ‌اشِدُونَ ﴿٧﴾  )

(لَعَنِتُّمْ ) ތިޔަބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެދޭ ބައެއް ކަންތައްތަކަކީ ތިޔަބައިމީހުންނަށް ނޫފުއްލޭ ވަރުގެ ބުރައަކަށް ވެދާނެއެވެ. މިކަމުގެ މީޘާލުތައް:

  1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނާއި އެކުގައި ރަމަޟާން މަހުގެ ރޭގަޑުގެ ބައެއްގައި ގިޔާމުއްލައިލް ކުރެއްވުމަށްފަހުގައި ގަނޑުވަރަށް ވަޑައިގަތެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. ރޭގަނޑުގެ ބާކީ އޮތް ބައިގައިވެސް އަޅުގަޑުމެންނާއި އެކުގައި ގިޔާމުއްލައިލް ކޮށްދެއްވާށެވެ. ޔަޢުނީ މުޅި ރޭގަނޑު އެއްކޮށް ގިޔާމުއްލައިލް ކޮށްދެއްވާށެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ  [4]) މާނައަކީ: “އިމާމާ އާއި އެކުގައި އޭނާ ނިމެންދެން ގިޔާމުއްލައިލް ކޮށްފި މީހާ މުޅީރޭ އެއްކޮށް އަޅުކަން ކުރި ފަދައެވެ.”  މިކަމުގައި ޞަޙާބީންގެ އެދުމަށް އެކަލޭގެފާނު އިޖާބަ ނުދެއްވައެވެ. އެހެނީ އެގޮތަށް ކަންތައް ކުރެއްވުމަކީ އުއްމަތުގެ މީހުންގެ މައްޗަށް ބޮޑު ބުރައަކަށް ވާނެތީވެއެވެ.
  2. 2.      (جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا ، فَقَالُوا : وَأَيْنَ نَحْنُ مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ ؟ قَالَ أَحَدُهُمْ : أَمَّا أَنَا ، فَإِنِّي أُصَلِّي اللَّيْلَ أَبَدًا ، وَقَالَ آخَرُ : أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ ، وَقَالَ آخَرُ : أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا ، فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ ، فَقَالَ : ” أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا ، أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ ، وَأُصَلِّي وَأَرْقُدُ ، وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي [5]) މާނައަކީ: “ޞަޙާބީންގެ ތެރެއިން ތިން ބޭކަލަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަނޑުވަރުގެ ގާތަށް އައިސް އެކަލޭގެފާނު ގަނޑުވަރުގައި އަޅުކަން ކުރައްވަނީ ކޮންގޮތަކަށްތޯ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ގާތުގައި ސުވާލު ކުރެއްވިއެވެ. އެވާހަކަތައް ކިޔާ ދެއްވުމާއި އެކު އެބޭކަލުން ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން އޮތް ފާފަތައް ފޮހެވިފައިވާ ބޭކަލެކެވެ. ވީމާ، އަހަރުމެން މިއީ ކޮންބައެއް ހެއްޔެވެ؟ އޭގެ ތެރެއިން އެއްބޭކަލަކު ވިދާޅުވިއެވެ. “އަހަރެން މުޅި ރޭ އެއްކޮށް ހޭދަކުރާނީ ނަމާދު ކުރުމުގައެވެ.” އަނެއް ބޭކަލަކު ވިދާޅުވިއެވެ. “އަހަރެން އަބަދު ހުންނާނީ ރޯދަ އަށެވެ. ދުވަހަކުވެސް ރޯދަ އެއް ނުވިއްލާނަމެވެ.” އަނެއް ބޭކަލަކު ވިދާޅުވިއެވެ. “އަހަރެން އަންހެނުންނާއި ދުރުހެލިވާނަމެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަމެވެ.” ދެން އެބައިމީހުންގެ ގާތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “މިވެނިހެން ބުނީ ތިޔަބައިމީހުން ހެއްޔެވެ؟ ދަންނާށެވެ. މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންނަށް ވުރެ ﷲ އަށް ބިރުވެތިވާ އެކަލާންގެ އަށް ތަގްވާވެރިވާ ބޭކަލަކީމެވެ. ނަމަވެސް، ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫވެސް ކުރަމެވެ. ނަމާދުވެސް ކުރަމެވެ. އަރާމުވެސް ކުރަމެވެ. އަންހެނުންނާއި ކައިވެނިވެސް ކުރަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލައިފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ މީހެއް ނޫނެވެ.”

ކޮންމެއަކަސް މިވާހަކަތަކުން ދޭހަވަނީ ޞަޙާބީންގެ ތެރޭގައި މަތީ ހިއްމަތުގެ ބޭފުޅުން ތިއްބެވި ކަމެވެ. ހެޔޮ ޢަމަލުތައ ކުރުމުގައި ކުރިއަރައި ދިޔުމުގެ ޢަޒުމުގައި އެބޭކަލުން ތިއްބެވި ކަމެވެ. އެހެންކަމުން، އެބޭކަލުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ގިނަ ހެޔޮކަންތަކެއް ކުރުމަށް އެދިވަޑައިގަތެވެ. ނަމަވެސް، އެކަމަށް އިޖާބަ ނުދެއްވާ ދޫކޮށްލެއްވި ސަބަބަކީ އެކަމުގެ ސަބަބުން އެބޭކަލުންނަށް ނޫފުއްލޭވަރުގެ ތަކްލީފަކަށް ވެދާނެ ކަމަށް ޓަކައެވެ.

(وَلَـٰكِنَّ اللَّـهَ حَبَّبَ إِلَيْكُمُ الْإِيمَانَ) ފަހަރުގައި މީހަކު ސުވާލު ކޮށްފާނެއެވެ. މި އާޔަތުގެ މިބަޔާއި އިސްވެދިޔަ (وَاعْلَمُوا أَنَّ فِيكُمْ رَ‌سُولَ اللَّـهِۚ لَوْ يُطِيعُكُمْ فِي كَثِيرٍ‌ مِّنَ الْأَمْرِ‌ لَعَنِتُّمْ ) މި ބަޔާއި ދެމެދުގައި އޮތް ގުޅުމަކީ ކޮބައި ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ:  ތިޔަބައިމީހުންނާއި ޚިޔާލު ތަފާތުވާ ކަންތަކުގައިވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިކަން އަދާކުރަމުއެވެ. އޭގެ ސަބަބަކީ ތިޔަބައިމީހުންގެ ހިތްތަކުގައި މާތް ﷲ ލައްވާ ޒީނަތްތެރި ކޮށްދެއްވާފައިވާ އީމާންތެރިކަމެވެ. އެހެންކަމުން، ތިޔަބައިމީހުން ހިތްނޭދޭ ކަންތަކުގައިވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިކަން އަދާ ކުރެއެވެ.

(وَزَيَّنَهُ فِي قُلُوبِكُمْ ) އިންސާނަކު ކަމަކަށް ލޯބިވެ، އަދި އެކަމަކީ އެމީހެއްގެ ހިތުގައި ޒީނަތްތެރި ކުރެވިއްޖެ ކަމެއްނަމަ، އެކަމެއްގައި ދެމިހުރެއެވެ. އެކަމަށްޓަކައި މުއިމިނުންގެ ހިތްތަކުގައި އީމާންކަން ވަނީ ޒީނަތްތެރި ކުރެވިފައެވެ.

(وَكَرَّ‌هَ إِلَيْكُمُ الْكُفْرَ‌ وَالْفُسُوقَ وَالْعِصْيَانَ ) ކުފްރަކީ އީމާން ކަމުގެ އިދިކޮޅު ޞިފަ އެވެ.

ފުސޫގަކީ އިސްތިގާމާ ނުވަތަ ތެދުމަގުގައި ދެމިހުރުމުގެ އިދިކޮޅު ޞިފައެވެ.

ޢިޞްޔާނަކީ ކިޔަމަންގަތުމުގެ އިދިކޮޅު ޞިފައެވެ.

މި އާޔަތުގައި މިވަނީ ބޮޑެތި ކަންތަކުން ކުޑަކަންތަކަށް ތަދައްރުޖް ކުރައްވާފައެވެ. އެހެނީ ފިސްގަށް ވުރެ ކުފުރުގެ ނުބައިކަން ބޮޑެވެ. އަދި ޢިޞްޔާނަށް ވުރެ ފިސްގުގެ ނުބައިކަން ބޮޑެވެ. އެހެނީ ކުފުރަކީ އިސްލާމްދީނުން މީހާ ނިކުތުމެވެ. ފިސްގަކީ ކުފުރަށް ވުރެ ދަށުދަރަޖައިގެ ކަމެކެވެ. ނަމަވެސް، އެއީ ބޮޑު ފާފަ އަކަށް އަރައިގަތުމެވެ. ޒިނޭ ކުރުމާއި، ގަޛްފުކުރުމާއި، ރާބުއިން ފަދަ ބޮޑު ފާފަ އެއް ކުރުމަށްފަހު ތައުބާ ނުވެ ހުރުމެވެ. ޢިޞްޔާނަކީ ހެޔޮ ޢަމަލު ކުރުމުން އެކަން ފޮހެވިގެންދާ ފަދަ ކުދި ފާފަތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (الصَّلَوَاتُ الْخَمْسُ ، وَالْجُمُعَةُ إِلَى الْجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِرِ[6]) މާނައަކީ: “ފަރްޟު ފަސް ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރާއި، އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހަކީ ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެނަމަ، އެދެމެދުގައި ކުރެވޭ ކަންތައްތައް ފޮހެލެވޭ ކައްފާރާ އެކެވެ.”

(أُولَـٰئِكَ هُمُ الرَّ‌اشِدُونَ) މި ތަނުގައި އިޝާރާތް ކުރައްވާފައި މިވަނީ އެބައިމީހުންގެ ހިތްތަކުގައި އީމާންކަމަށް ލޯބި ޖައްސަވައި، އެއީމާންކަން ޒީނާތްތެރި ކުރެއްވާ، އަދި ކާފިރު ކަމާއި ފާސިގުކަން އަދި އުރެދުމުން ނުރުހުންތެރި ކުރައްވާފައިވާ މީހުންނަށެވެ.

(هُمُ الرَّ‌اشِدُونَ) “އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.”

“ރުޝްދު” ގެ އަޞްލަކީ ރަގަޅު ގޮތުގައި ތަޞައްރުފް ކުރުމެވެ. މުދަލުގައި ރުޝްދުވެރި ވުމަކީ ހެޔޮގޮތުގައި މުދާ ބޭނުން ކުރުމެވެ. އަދި ބޭކާރު ޚަރަދު ކުރުމުން ދުރުހެލިވުމެވެ.

ދީނުގައި ރުޝްދުވެރި ވުމަކީ ﷲ ގެ ދީނުގެ މަތީގައި ފައިތިލަ ޘާބިތުކޮށްގެން ހުރުމެވެ.


އެބައިމީހުންގެ ހިތްތަކުގައި އީމާންކަމަށް ލޯބި ޖައްސަވައި، އެއީމާންކަން ޒީނާތްތެރި ކުރެއްވާ، އަދި ކާފިރު ކަމާއި ފާސިގުކަން އަދި އުރެދުމުން ނުރުހުންތެރި ކުރައްވާފައިވާ މީހުންނަކީ ރުޝްދުގެ ޞިފަ ލިބިގެންވާ މީހުންނެވެ.

(فَضْلًا مِّنَ اللَّـهِ وَنِعْمَةً ۚ وَاللَّـهُ عَلِيمٌ حَكِيمٌ   )

(فَضْلًا مِّنَ اللَّـهِ) އިސްވެދިޔަކަންތައްތަކަކީ (އީމާން ކަމަށް ލޯބި ޖެއްސެވުމާއި، އެކަން ހިތުގައި ޒީނަތްތެރި ކުރެއްވުމާއި ކުފުރާއި ފުސޫގަށް ނުރުހުންތެރި ވުން) އެއީ ﷲ ގެ ފަޟްލުވަންތަ ކަމުން ވީ ކަންތައްތަކެވެ. ފަހަރެއްގައިވެސް ތިޔަބައިމީހުންގެ ޢަމަލުތަކުގެ ސަބަބުން ވީ ކަމެއް ނޫނެވެ. ރަސޫލުކަން ދެއްވާނެ ފަރާތެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އީމާންކަން ދެއްވާނެ ފަރާތެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެމީހެއްގެ ނިޔަތާއި އިޚްލާޞްތެރިކަން ހުރި މިންވަރުން ﷲ އެމީހެއްގެ ހިތުގައި އީމާންކަމަށް ލޯބި ޖައްސަވައެވެ. އަދި އެކަން އެމީހަކަށް ޒީނަތްތެރި ކޮށް ދެއްވައެވެ. އަދި ކުފްރާއި ފުސޫގު އަދި އުރެދުންތެރިކަމުން ފޫހި ކުރައްވައެވެ. އެމީހެއްގެ ކިބައިގާ އިޚްލާޞްތެރި ކަމާއި ތެދުވެރި ނިޔަތެއް ނެތް މީހުންނަށް މާތް ﷲ ވަޙީ ކުރައްވާނެތެވެ. (فَلَمَّا زَاغُوا أَزَاغَ اللَّـهُ قُلُوبَهُمْ)[7] މާނައަކީ: ” ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. (فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِ‌يدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ)[8] މާނައަކީ: ” ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ.”

(وَنِعْمَةً  ) ނިޢުމަތް ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ:

  1. ދުނިޔޭގެ ނިޢުމަތް
  2. އާޚިރަތުގެ ނިޢުމަތް

މުއިމިނުންގެ ޙައްގުގައި ދުނިޔޭގެ ނިޢުމަތް ގުޅިފައިވަނީ އާޚިރަތުގެ ނިޢުމަތާ އެވެ. ނަމަވެސް، ކާފިރުންނަށް ދުނިޔެމަތީގައި ނިޢުމަތް ދެއްވައެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (كَمْ تَرَ‌كُوا مِن جَنَّاتٍ وَعُيُونٍ ﴿٢٥﴾ وَزُرُ‌وعٍ وَمَقَامٍ كَرِ‌يمٍ ﴿٢٦﴾ وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ ﴿٢٧﴾  )[9] މާނައަކީ: ” ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟ އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ. އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمة ގެ ތަނަވަސް ދިރިއުޅުމެވެ.”

ވީމާ، ކާފިރުންނަށް ދުނިޔެމަތީގައި ނިޢުމަތްތަކެއް ލިބުނު ނަމަވެސް، އާޚިރަތުގައި ވަނީ ވޭންދެނިވި ޢަޛާބާއި ﷲ ގެ ލަޢުނަތެވެ. ނަމަވެސް މުއިމިނުންނަށް ދެނިޢުމަތް ލިބެއެވެ. އެއީ: ދުނިޔޭގެ ނިޢުމަތާއި އާޚިރަތުގެ ނިޢުމަތެވެ.

މުއިމިނުން ދުނިޔެމަތީގައި ފަގީރު ޙާލުގައި އުޅެން ޖެހުނު ނަމަވެސް، ބަލިވެ އުޅެން ޖެހުނު ނަމަވެސް، ދަރިން ނުލިބޭ މީހެއްގެ ޙާލުގައި އުޅެން ޖެހުނުނަމަވެސް އޭނާ ވަނީ ނިޢުމަތެއްގެ މަތީގައެވެ. ﷲ ވަޙީ ކުރައްވައެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ‌ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَ‌هُم بِأَحْسَنِ مَا كَانُوا يَعْمَلُونَ  )[10] މާނައަކީ: ” مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”

ވީމާ، ޚުލާޞާ އަކީ: ދެބާވަތެއްގެ ނިޢުމަތެއް ވެއެވެ. އެއީ:

  1. ހުރިހާ ޚަލްގުތަކުންނަށް ޢާއްމުވެގެންވާ ނިޢުމަތްތައް، ކާފިރުންނާއި، މުއިމިނުންނާއި، ފާސިގުންނާއި، ކިޔަމަންތެރިންވެސް ހިމެނޭ ގޮތަށް ހުންނަ ނިޢުމަތް،
  2. މުއިމިނުންނަށް ޚާއްޞަވެގެންވާ ނިޢުމަތް،

(وَاللَّـهُ عَلِيمٌ حَكِيمٌ) މިއީ ވަރަށް ގިނައިން އެކުގައި އަންނަ ދެ އިސްމެވެ. (ނުނިމޭ)


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.