މަސްތުވާތަކެއްޗާއެކު ބ. ކަމަދޫން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ކަމަދޫގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ކަމަދޫ އަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލހުން ބުނީ އެމީހުން ހައްޔަރު ކޮށް، އެމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.